Roadha Mihaaru
އިޒްރޭލުން ގާޒާ އަށް ފޮސްފަރަސް ބޮން އެޅި: އެމްނެސްޓީ

އިޒްރޭލުން ގާޒާ އަށް ފޮސްފަރަސް ބޮން އެޅި: އެމްނެސްޓީ

15 އޮކްޓޯބަރ 2023

ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގައި ގާޒާ އަށް މިހާރު ދެމުންދާ ހަމަލާތަކުގައި، ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހުދު ފޮސްފަރަސް ބޮން ބޭނުންކޮށްފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް، އެމްނެސްޓީ އިންޓަނޭޝާނަލް އިން ބުނެފި އެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގައި ގާޒާ އަށް މިހާރު ދެމުންދާ ހަމަލާތަކުގައި، ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހުދު ފޮސްފަރަސް ބޮން ބޭނުންކޮށްފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް، އެމްނެސްޓީ އިންޓަނޭޝާނަލް އިން ބުނެފި އެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެމްނެސްޓީން ބުނި ގޮތުގައި ގާޒާގެ ކަނޑުގެ ބަނދަރާއި އެ ތަނުގައި ކައިރީގައިވާ ޓޫރިސްޓް ހޮޓާތަކަށް، މި މަހުގެ 11 ވަނަ ދުވަހު އިޒްރޭލުން ދިން ހަމަލާތަކުގައި ހުދު ފޮސްފަރަސް ބޮން ބޭނުންކޮށްފައިވާ ކަން، ޝައްކެއް ނެތް މިންވަރަށް ވަނީ ސާބިތުކުރެވިފަ އެވެ. އެ ހަމަލާ ދިން ވަގުތު ނަގާފައިވާ ފޮޓޯތަކާއި އެ ހަމަލާ އަމާޒުވި ސަރަހައްދުގެ ސެޓެލައިޓް ފޮޓޯތައް، ކްރައިސިސް އެވިޑެންސް ލެބޯރެޓަރީގައި ތަހުލީލުކުރުމުން، އެއީ ހުދު ފޮސްފަރަސް ބޮންކަން ކަށަވަރުވާ ކަމަށް ވެސް އެމްނެސްޓީން ބުންޏެވެ.

އެ ޖަމާއަތުން ބުނި ގޮތުގައި އިޒްރޭލުން ގާޒާ އަށް ދިން ހަމަލާތަކުގެ ތެރެއިން ހުދު ފޮސްފަރަސް ބޭނުންކޮށްފައި ހުރީ ބާރުގަދަ ގޮވާތަކެތި އަޅައިގެން އުފައްދާފައި ހުރި ބޮޑުބަޑީގެ އުންޑަތަކުގަ އެވެ. އެ ހަމަލާތަކުގައި ބޭނުންކުރި ބޮޑުބަޑީގެ އުންޑައިގައި ހުދު ފޮސްފަރޮސް ހުރި ކަން ސާބިތުކުރެވެނީ، އެ އުންޑަތައް ގޮވި ވަގުތު ނަގާފައި ހުރި ވީޑިއޯތަކުން ފެންނަ މަންޒަރުތަކުންނެވެ.

އެމްނެސްޓީން ބުނި ގޮތުގައި ހުދު ފޮސްފަރަސް އަޅާފައި ހުންނަ އުންޑަ ވައިގެ ތެރެއަށް ގޮވުމާއެކު، އެއިން ނުކުންނަ، ހަމަލޮލަށް ނުފެންނަ ވަރުގެ ކުދި ފުށްތަކުގެ ސަބަބުން އޮލަ ދުންގަނޑެއް އުފެދޭނެ އެވެ.

ހުދު ފޮސްފަރަސްއަކީ އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ބޭނުންކުރުން، ބައިނަލްއަގުވާމީ ގާނޫނުތަކުން މަނާކޮށްފައިވާ ހަތިޔާރެކެވެ. މި ބާވަތުގެ ބޮން ވައިގެ ތެރެއަށް ގޮވުމުން އުފެދޭ ދުމުގެ އަސަރު ފުއްޕާމެއަށް ކުރުމުން، ފުއްޕާމޭގައި ވަގުތުން ޒަޚަމްތައް އުފެދެ އެވެ. އަދި އެ ދުމުގެ ތެރެއަށް ނޭވާލުމުން ނޭވާ ހާސްވާނެ އެވެ.

އޭގެ އިތުރުން ހުދު ފޮސްފަރަސް ގޮވުމުން އުފެދޭ ދުމާއި އޭގެ ކުނޑި އިންސާނުންގެ ހަންގަނޑުގައި ޖެހުމުން ހަންގަނޑު ފިހޭނެ އެވެ. ހުދު ފޮސްފަރަސްއަކީ ވައިގައި ޖެހުމާއެކު އޭގައި އަލިފާން ހިފާ ބާރު ގަދަ މާއްދާއެކެވެ. ބޮމެއްގެ ގޮތުގައި ހުދު ފޮސްފަރަސް ބޭނުންކުރުމުން، ބޮމެއް ފަދައިން ގޮވުމާއެކު ހުޅު ހިފާނެ އެވެ.

ހުދު ފޮސްފަރަސް ބޮން ގޮވުމުން ރޯފާ އަލިފާންގަނޑު ބޮޑު ސަރަހައްދަކަށް ފެތުރި، އެ ސަރަހައްދެއްގެ ވައިގެ ތެރޭގައި ހުންނަ ހުރިހާ ފޮސްފަރަސްތަކެއް އަނދައި ހުލިވަންދެން، ވައިގެ ތެރޭގައި އަލިފާން ރޯވެފައި ހުންނާނެ އެވެ.

ނޭވާލާ ނިޒާމުގެ ޒަރީއާއިން ނުވަތަ ކާބޯތަކެއްޗާ އެކުވެގެން ހަށިގަނޑުގެ ތެރެއަށް އެތެރެވާ ފޮސްފަރަސް ހިނގައްޖެ ނަމަ، އެކަމަށް ފަރުވާ ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ.