Roadha Mihaaru
އިރާގު ހަނގުރާމަ ގާނޫނާ ޚިލާފު: ބްލެއާގެ ނައިބް

އިރާގު ހަނގުރާމަ މުޅިން ގާނޫނާ ޚިލާފު: ބްލެއާގެ ނައިބް

10 ޖުލައި 2016

ލަންޑަން (ޖުލައި 10) - އިނގިރޭސި ވިލާތާއި އެމެރިކާ އިން 2003 ވަނަ އަހަރު އިރާގަށް އަރައިގަތުމަކީ ގާނޫނާ ޚިލާފަށް ހިންގި ޖަރީމާއެއް ކަމަށް އިނގިރޭސި ބޮޑު ވަޒީރު ޓޯނީ ބްލެއާގެ ނައިބަކަށް އެ ދުވަސްވަރު ހުންނެވި ޖޯން ޕްރެސްކޮޓް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (ޖުލައި 10) - އިނގިރޭސި ވިލާތާއި އެމެރިކާ އިން 2003 ވަނަ އަހަރު އިރާގަށް އަރައިގަތުމަކީ ގާނޫނާ ޚިލާފަށް ހިންގި ޖަރީމާއެއް ކަމަށް އިނގިރޭސި ބޮޑު ވަޒީރު ޓޯނީ ބްލެއާގެ ނައިބަކަށް އެ ދުވަސްވަރު ހުންނެވި ޖޯން ޕްރެސްކޮޓް ވިދާޅުވެއްޖެ އެވެ.

ސަންޑޭ މިރާގައި ޕްރެސްކޮޓް ލިޔުއްވާފައިވާ ގޮތުގައި އިރާގު ހަނގުރާމައިގެ ގެއްލުމާއި ހަލާކާ އެކު ހަޔާތުގެ ބާކީ ބައި ދިރިއުޅެން ޖެހިފައިވާ ކަމަށެވެ.

ޕްރެސްކޮޓް ވަނީ އިރާގު ހަނގުރާމަ އަށް ދިޔަ އިނގިރޭސި ސިފައިންގެ ތެރޭން މަރުވި މީހުންގެ އާއިލާތަކުގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ. އަދި ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން ވެސް އާއިލާތަކުގެ ކިބައިން މައާފަށް އެދިވަޑައިގަތުމުން ޕްރެސްކޮޓް ވަނީ އެކަމާ އުފާ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އިރާގު ހަނގުރާމަ އަށް އިނގިރޭސިން ދިޔަ މައްސަލަ ތަހުގީގު ކުރުމަށް ފަހު ނެރުނު ޖޯން ޗިލްކޮޓުގެ ރިޕޯޓުގައި ހުރީ ރަނގަޅު ވާހަކަތައް ކަމަށް ވެސް ބޮޑު ވަޒީރުގެ ނައިބް ވިދާޅުވި އެވެ. އަދި އެއިން ލިބެން ޖެހޭ ފިލާވަޅު ދެނެގަންނަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އިރާގު ހަނގުރާމައާ ގުޅޭ ރިޕޯޓް ކޮމިޝަނުގެ ޗެއާމަން ޗިލްކޮޓް ނެރެދެއްވަނީ. --ފޮޓޯ:އޭއެފްޕީ

އިރާގު ހަނގުރާމައާ ގުޅޭ ރިޕޯޓް ކޮމިޝަނުގެ ޗެއާމަން ޗިލްކޮޓް ނެރެދެއްވަނީ. --ފޮޓޯ:އޭއެފްޕީ

ޕްރެސްކޮޓް ލިޔުއްވާފައިވާ ގޮތުގައި އިރާގަށް އިނގިރޭސި ސިފައިން ފޮނުވުމަށް ޓޯނީ ބްލެއާ އުޅުއްވީ މާބޮޑަށް އަވަސް އަރުވާލައްވައިގެންނެވެ. ކެބިނެޓަށް އެ މައްސަލަ ދިރާސާ ކުރަން ލިބުނު ލިޔުންތައް މަދުކަން ވެސް ޕްރެސްކޮޓް ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި އިރާގު ހަނގުރާމަ އަކީ ގާނޫނީ ގޮތުން ކުރެވިދާނެ ކަމެއް ކަމަށް އެޓާނީ ޖެނެރަލް ލޯޑް ގޯލްޑްސްމިތު ހުށަހެޅުއްވި އެއްވެސް ލިޔުމެއްގައި ނެތް ކަމަށް ޕްރެސްކޮޓް ވިދާޅުވި އެވެ.

އިރާގު ހަނގުރާމަ ތަހުގީގު ކުރި ކޮމެޓީގެ ރިޕޯޓް މިދިޔަ ހަފުތާގައި ވަނީ ނެރެފަ އެވެ. ކޮމިޓީގެ ޗެއާމަން ޗިލްކޮޓް ވިދާޅުވެފައި ވަނީ އިރާގަށް އިނގިރޭސި ސިފައިން ބްލެއާ ފޮނުވީ ރައީސް ސައްދާމު ހުސައިންގެ ފަރާތުން އެކަށީގެންވާ ނުރައްކަލެއް ނެތި ކަމަށެވެ. އަަދި އިރާގަށް ސިފައިން ފޮނުވުމަކީ ބްލެއާ އަށް ކުރެއްވެން އޮތް އެންމެ ފަހު ކަންތައް ނޫން ކަމަށް ވެސް ޗިލްކޮޓް ވަނީ ފާހަގަކުރައްވައިފަ އެވެ.

ބްލެއާ ވަނީ އިރާގު ހަނގުރާމައިގައި އެއްވެސް ކަމެއް ގޯހުން ހިނގާފައިވާ ނަމަ މައާފަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ހަނގުރާމަ އަށް ސިފައިން ފޮނުއްވުން ވަނީ ދިފާއު ކުރައްވައިފަ އެވެ.