Roadha Mihaaru
އިރާގުގެ ހޮސްޕިޓަލެއްގައި ރޯވެ 50 މީހުން މަރުވެއްޖެ

އިރާގުގެ ހޮސްޕިޓަލެއްގައި ރޯވެ 50 މީހުން މަރުވެއްޖެ

13 ޖުލައި 2021

ބަޣުދާދު (ޖުލައި 13) - އިރާގުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ނާސިރިއްޔާގެ ހޮސްޕިޓަލެއްގައި އިއްޔެ އަލިފާން ރޯވި ހާދިސާގައި މަރުވި މީހުންގެ އަދަދު 50 އަށް އަރައިފި ކަމަށް، އިރާގުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ބަޣުދާދު (ޖުލައި 13) - އިރާގުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ނާސިރިއްޔާގެ ހޮސްޕިޓަލެއްގައި އިއްޔެ އަލިފާން ރޯވި ހާދިސާގައި މަރުވި މީހުންގެ އަދަދު 50 އަށް އަރައިފި ކަމަށް، އިރާގުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ނާސިރިއްޔާގައި، ކޮވިޑް ބަލިމީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ހޮސްޕިޓަލުގައި ރޯވި ސަބަބެއް ކަށަވަރު ނުވި ނަމަވެސް މިހާތަނަށް ހޯދި ހޯދުންތަކުން ބެލެވޭ ގޮތުގައި، އަލިފާން ރޯވީ އެ ހޮސްޕިޓަލުގައި ހުރި އޮކްސިޖަން ޓޭންކެއް ގޮވުމުގެ ސަބަބުންނެވެ. މި ހާދިސާގައި މަރުވި މީހުންގެ އަދަދު އަދި އިތުރުވާނެ ކަމަށް ބެލެވޭ އިރު، އަލިފާނުގެ ހާދިސާގައި ޒަހަމްވުމުގެ ސަބަބުން 60 އަށް ވުރެ ގިނަ މީހުންނަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި ހާދިސާއާ ގުޅިގެން އިރާގުގެ ކެބިނެޓް ކުއްލި ބައްދަލުވުމެއް މިއަދު ބާއްވައި، ކުރެއްވި މަޝްވަރާތަކަށް ފަހު ބޮޑުވަޒީރު މުސްތަފާ އަލްކާޒިމީގެ އަމުރުފުޅަށް، ނާސިރިއްޔާގެ ހޮސްޕިޓަލްގެ ކަންތައް ބަލަހައްޓާ އިސް ވެރިން ވަނީ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފަ އެވެ.

ބޮޑުވަޒީރު ކާޒިމީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި ހިންގާ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކުގެ އިތުރުން، އިދާރީ ހިންގުމުގެ ދޯދިޔާކަމުންނާއި ފަރުވާ ކުޑަކަމުންނެވެ.

ހަނގުރާމައިގެ ސަބަބުންނާއި، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން މިހާރު ވެސް ބޮޑު ހީނަރުކަމެއްގެ ތެރޭގައި އޮތް، އިރާގުގެ ސިއްހީ ދާއިރާ، މިހާރު ފެތުރެމުން އަންނަ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ވަނީ، އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ހޮސްޕިޓަލްތަކަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމުގައި ވެސް ދަތިތަކެއް ކުރިމަތިވެފައިވާތީ، ކޮވިޑް ބަލިމީހުންނަށް ވެސް އެކަށީގެންވާ ގޮތެއްގައި ފަރުވާއެއް ނުދެވެ އެވެ.

ނާސިރިއްޔާގެ ސިއްހީ ހިދުމަތާ ބެހޭ އިދާރާ އިން ބުނި ގޮތުގައި، ގިނަ އިރުތަކަކަށް ފަހު އަލިފާންގަނޑު ނިއްވައިލެވުމުން، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި، އަނދާފައިވާ 50 މީހެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ. އަލިފާން ނިއްވާލެވިފައި ވިޔަސް، އޮލަ ދުންގަނޑުގެ ތެރެއިން މީހުންގެ ހަށިގަނޑުތައް ހޯދުން ވަނީ ވަރަށް ބޮޑަށް ދަތިވެފައި ކަމަށް އެ އިދާރާ އިން ބުނެ އެވެ.

އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދިޔަ އިރު ވެސް، ކޮވިޑް ބަލިމީހުން ތިބީ އެމީހުން އެޑްމިޓް ކުރި ވޯޑްތަކުން ނުކުމެވޭނެ ގޮތެއް ނެތިފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ފުރާނަ ސަލާމަތް ކުރެވުނު އިރު، އޮލަ ދުމުގެ ސަބަބުން، ނޭވާލާން އުނދަގޫވުމުން މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

"އަހަންނަށް އެންމެ ފުރަތަމަ އިވުނީ ވަރަށް ގަދަފަދަ އަޑެއް. އެ އަޑު އިވުނީ ކޮވިޑް ބަލި މީހުން އެޑްމިޓްކޮށްފައި ތިބި ވޯޑުގެ ތެރެއިން، ހަމަ ހިނދުކޮޅެއްގެ ތެރޭގައި ދެން ފެނުނީ އެ ވޯޑުގައި އަލިފާން ރޯވި މަންޒަރު. އިސާހިތަކު މުޅި ވޯޑް ތެރެއަށް އަލިފާންގަނޑު ފެތުރިއްޖެ،" ހޮސްޕިޓަލުގެ ސެކިއުރިޓީ ގާޑް އަލީ މުހުސިން ބުންޏެވެ.

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި، ބަޣުދާދުގެ ހޮސްޕިޓަލެއްގައި ވެސް އޮކްސިޖަން ތާނގީއެއް ގޮވުމުގެ ސަބަބުން އަލިފާން ރޯވެ 82 މީހުން މަރުވެ އިތުރު 10 މީހަކު ޒަހަމްވި އެވެ. އެއީ ވެސް ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައި ހުރި ހޮސްޕިޓަލެކެވެ.