Roadha Mihaaru
ރާއްޖޭގެ ހަކަތައާ ބެހޭ މައުލޫމާތު ފޮތެއް ނެރެފި

ރާއްޖޭގެ ހަކަތައާ ބެހޭ މައުލޫމާތު ފޮތެއް ނެރެފި

17 ޑިސެމްބަރ 2017

ރާއްޖޭގެ ހަކަތައިގެ ދާއިރާއާ ބެހޭ މައުލޫމާތުތައް ހިމެނޭ ފޮތެއް އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ނެރެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ ހަކަތައިގެ ދާއިރާއާ ބެހޭ މައުލޫމާތުތައް ހިމެނޭ ފޮތެއް އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ނެރެފި އެވެ.

އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި "އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2017" ނެރެދެއްވީ އެންވަަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ.

މި ފޮތުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ ނިޒާމުުތަކުގެ މުހިއްމު މައުލޫމާތުތަކާއި ހަކަތައިގެ ދާއިރާ އަށް ބޭނުންތެރި ގިނަ ތަފާސްހިސާބުތައް ހިމެނޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ހަކަތައިގެ ދާއިރާގެ ގިނަ ތަފާސްހިސާބުތައް ހިމެނިފައިވާކަން ވެސް މިނިސްޓްރީން ފާހަގަކުރި އެވެ.

އެ ފޮތުގައި ހިމަނާފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި 445،036 މެޓްރިކް ޓަނުގެ ޑީސަލް، 47،794 މެޓްރިކް ޓަނުގެ ޕެޓްރޯލް، 30،611 މެޓްރިކް ޓަނުގެ އޭވިއޭޝަން ގޭސް އަދި 13،619 މެޓްރިކް ޓަނުގެ ކައްކާ ގޭސް ރާއްޖެ އެތެރެކޮށްފައިވެ އެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި މިދިޔަ އަހަރު ޖުމްލަ 628 ގިގަވޮޓް އަވާގެ ކަރަންޓު ހަކަތަ ބޭނުންކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

މި ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް އިން ރާއްޖޭގެ ހަކަތައިގެ ދާއިރާއާ ގުޅޭ މުހިއްމު މައުލޫމާތު ލިބިގެންދާނެ ކަމަށެވެ. އަދި ހަކަތައިގެ ދާއިރާ އިން ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ މީހުންނަށް ވެސް ފަސޭހަވެގެންދާނެ ކަން ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ހަކަތަ ފަދަ ތިމާވެއްޓާ ބެހޭ މުހިއްމު ދާއިރާތަކުގެ މައުލޫމާތެއް ކުރިން ނުލިބެ އެވެ. ނަމަވެސް މި ސަރުކާރު އައި ފަހުން އެންމެ އިސްކަމެއް ދިނީ، އެފަދަ ތަފާސްހިސާބުތައް ގިނަ މީހުންނަށް ފެންނާނެހެން އާއްމުކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

މި ސަރުކާރު އައި ފަހުން ހަކަތައިގެ ދާއިރާ އިން ރާއްޖެ ވަނީ އިންގިލާބީ ބަދަލުތަކެއް ހޯދާފައިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.