Roadha Mihaaru
"ބިދޭސީންނަށް އިހުމާލުވާ ނަމަ ފިޔަވަޅު އަޅަންޖެހޭ"

ބިދޭސީންނާ މެދު އިހުމާލުވާ މީހުންނަށް ފިޔަވަޅު އަޅަންޖެހޭ: އެޗްއާރުސީއެމް

18 ޑިސެމްބަރ 2017

ބިދޭސީ މަސައްކަތްތެރިންގެ ނާޖާއިޒް ފައިދާ ނަގައި، އެ މީހުންނާ މެދު އިހުމާލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބިދޭސީ މަސައްކަތްތެރިންގެ ނާޖާއިޒް ފައިދާ ނަގައި، އެ މީހުންނާ މެދު އިހުމާލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.

މިއަދު ފާހަގަކުރަމުން އަންނަ "އިންޓަނޭޝަނަލް މައިގްރެންޓްސް ޑޭ" އާ ގުޅިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ވަނީ މި އަހަރުގެ މިހާތަނަށް ބިދޭސީންގެ ހައްގުތައް ގެއްލިގެން ކަމަށް ބުނެ ތަފާތު އެކި ބާވަތުގެ މައްސަލަތައް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ، ޕާސްޕޯޓާއި އެހެން ލިޔުންތައް ހިފެހެއްޓުމާއި މުސާރަ ނުދިނުމާއި ވަޒީފާގެ މައްސަލަތަކާއި ހިއުމަން ޓްރެފިކިންގެ މައްސަލަތައް ކަމަށް އެ ބަޔާނުގައި ވެ އެވެ. އެހެންވެ، އެޗްއާރުސީއެމުން ގޮވާލާފައިވަނީ ބިދޭސީންނާ މެދު އިހުމާލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށާއި ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށް ބިދޭސީން ހަދާ މީހުންނާ މެދު ގާނޫނީ އަދަބު ދިނުމަށެވެ.

"މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނު އޭގެ އެންމެ ފުރިހަމަ މާނާގައި ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކަށް މި ފުރުސަތުގައި އިލްތިމާސް ކުރަމެވެ،" ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ބިދޭސީންނަކީ އިންސާނުން ކަމަށްވާތީ އިހްތިިރާމާ އެކު އެ މީހުންނާ މެދު އަމަލު ކުރުމަށާއި އެ މީހުންގެ ހައްގުތަކާ މެދު އާންމުން ހޭލުންތެރި ކުރުމުގެ މަސައްކަތް އިތުރަށް ފުޅާ ކުރަންޖެހޭ ކަމަށް އެ އެޗްއާރުސީއެމުން ބުންޏެވެ. އަދި ރާއްޖޭގެ ގާނޫނުތަކަށް ބިދޭސީން އަހުލުވެރި ކުރުވުމުގެ މަސައްކަތް މިހާރަށް ވުރެ ފުޅާކުރަން ވެސް ގޮވާލާފައިވެ އެވެ.