Roadha Mihaaru
މޯލްޑިވިއަންގެ އަށް ވަނަ ސީޕްލޭން މި ހަފުތާގައި

މޯލްޑިވިއަންގެ އަށް ވަނަ ސީ ޕްލޭން ފަސް ދުވަހުގެ ތެރޭ އަންނާނެ

10 ޖުލައި 2016

ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އިން ގެންނަ އަށް ވަނަ ސީޕްލޭން ކުރިއަށް އޮތް ހަތަރު ފަސް ދުވަހެއްގެ ތެރޭގައި އަންނާނެ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސް އިން މިއަދު ބުނެފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އިން ގެންނަ އަށް ވަނަ ސީޕްލޭން ކުރިއަށް އޮތް ހަތަރު ފަސް ދުވަހެއްގެ ތެރޭގައި އަންނާނެ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސް އިން މިއަދު ބުނެފި އެވެ.

ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ބޯޓު ރާއްޖެ އަންނަން ކެނެޑާއިން ފުރީ އިއްޔެ އެވެ.

"ފަސް ވަރަކަށް ދުވަސް ނަގާނެ ރާއްޖެ އަންނަން،" އޭނާ ވިދާޅުވި އެވެ.

މިފަހަރު މޯލްޑިވިއަން އަށް ގެންނަނީ މީގެ 17 އަހަރު ކުރިން 1999 ގައި އޭރުގެ މޯލްޑިވިއަން އެއާޓެކްސީން ފުރަތަމަ ބޭނުންކުރި ބޯޓެކެވެ. ނަޝާތު ވިދާޅުވީ އެހާ ގިނަ ދުވަސް ވަންދެން ބޭނުންކުރި ބޯޓެއް ނަމަވެސް އޭގެ ސަލާމަތީ ކަންތައްތައް ފުރިހަމަވާނެ ކަމަށެވެ.

"މި ބޯޓު މި ގެންނަނީ ސަލާމަތީ ކަންކަން ފުރިހަމަތޯ ބެލުމަށް ފަހު. މީގައި ކުރަން ޖެހޭ ހުރިހާ މަރާމާތެއް ކުރުމަށް ފަހު، ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ލިބިގެން. އެހެންވެ، މި ބޯޓަކީ ސަލާމަތީ ހުރިހާ ކަމެއް ފުރިހަމަ ބޯޓެއް ކަމުގެ ޔަގީން ކަން ދެން،" ނަޝާތު ވިދާޅުވި އެވެ.

ކެނެޑާގެ ކުންފުންޏަކުން އެ ބޯޓު ގަނެގެން ދުއްވި ފަހުން 2003 ގައި އަލުން ރާއްޖޭގައި ބޭނުން ކޮށްފައިވާ ކަމަށް އެއާކްރާފްޓްތަކުގެ މައުލޫމާތު ދޭ "ޕްލޭން ލޮގާ" ވެބްސައިޓުގައި ވެ އެވެ.

މޯލްޑިވިއަނުން އެ ބޯޓު ގަނެގެން މި ގެންނަނީ އިތުރު ތިން ތަނެއްގައި އެ ދުއްވި ފަހުންނެވެ.

މޯލްޑިވިއަނުން ސީޕްލޭންގެ ގޮތުގައި ބޭނުންކުރަނީ ޓްވިން އޮޓާ ބްރޭންޑުގެ ޑީއެޗްސީ6 ސީރީޒްގެ 15 ގޮނޑީގެ ބޯޓެވެ. މި ބާވަތުގެ ހަތް ބޯޓު، މޯލްޑިވިއަނުން މިހާރު ވެސް ބޭނުން ކުރެ އެވެ.