Roadha Mihaaru
މޯލްޑިވިއަންގެ ހަތް ޕައިލެޓަކު ވަޒީފާއިން ވަކިވެއްޖެ

މޯލްޑިވިއަންގެ ހަތް ޕައިލެޓަކު ވަޒީފާއިން ވަކިވެއްޖެ

09 ސެޕްޓެމްބަރ 2021

މުސާރަ އާއި މެނޭޖްމަންޓާ ދޭތެރޭ ހިތްހަމަނުޖެހުންތައް ފާޅުކޮށް އައިލެންޑް އޭވިއޭޝަންގެ ހަތް ޕައިލެޓަކު އެއް ހަފުތާގެ ތެރޭގައި ވަޒީފާ އިން ވަކިވެއްޖެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސީޕްލޭންގެ ހަތަރު ކެޕްޓަނުންނާއި ތިން ކޯ ޕައިލެޓުންނެވެ.

މުސާރަ އާއި މެނޭޖްމަންޓާ ދޭތެރޭ ހިތްހަމަނުޖެހުންތައް ފާޅުކޮށް އައިލެންޑް އޭވިއޭޝަންގެ ހަތް ޕައިލެޓަކު އެއް ހަފުތާގެ ތެރޭގައި ވަޒީފާ އިން ވަކިވެއްޖެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސީޕްލޭންގެ ހަތަރު ކެޕްޓަނުންނާއި ތިން ކޯ ޕައިލެޓުންނެވެ.

އިސްތިއުފާ ދިން ޕައިލެޓަކު ބުނީ އޭނާއެކޭ އެއްގޮތަށް، އެހެން ޕައިލެޓުންގެ ވެސް މައިގަނޑު މައްސަލައަކަށްވީ މެނޭޖްމަންޓުގެ މައްސަލަތަކެވެ. އޭނާ ބުނާ ގޮތުގައި އައިލެންޑް އޭވިއޭޝަނުން އުޅެނީ "ސީޕްލޭން ބޯޓުތައް ދުއްވާކަށް ނޫނެ"ވެ.

އެކަމަކު މޯލްޑިވިއަންގެ ބޭފުޅަކު ވިދާޅުވި ގޮތުގައި ހަތް މުވައްޒަފުން ވެސް ކެނޑުނީ ސީޕްލޭން އެހެން އޮޕަރޭޓަރުން މި ދުވަސްވަރު ބޮޑެތި މުސާރަތައް ހުށަހަޅާތީ އެވެ.

"އެހެން އޮޕަރޭޓަރުން އަޅުގަނޑުމެންނަށް ވުރެ ރަނގަޅު މުސާރަތައް އެބަ ހުށަހަޅާ. އަނެއްކޮޅުން ކޮވިޑާ ގުޅިގެން އަޅުގަނޑުމެންގެ މުސާރަތަކަށް ވަނީ ދަތިތަކެއް ކުރިމަތިވެފައި،" އައިލެންޑް އޭވިއޭޝަންގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަނުން "މިހާރަ"ށް ރަސްމީކޮށް ބުނި ގޮތުގައި ޕައިލެޓުން ކެނޑިގެން ދަނީ ރަނގަޅު އެހެން ފުރުސަތުތައް ލިބޭތީ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ކޮވިޑާ ގުޅިގެން މުސާރަތައް ކުޑަކުރުމުން ސީޕްލޭން ކެޕްޓަނަކަށް މިހާރު ލިބެނީ 70،000ރ. ވަރެވެ.

އައިލެންޑް އޭވިއޭޝަންގައި 11 ސީޕްލޭން އޮވެ އެވެ. ގިނަ ޕައިލެޓުންތަކެއް އެއްފަހަރާ ވަޒީފާ އިން ކެނޑުނަސް، އެ ކުންފުނިން ބުނަނީ އޮޕަރޭޝަންތަކަށް މެދުކެނޑުމެއް ނާންނަ ގޮތަށް މެނޭޖްކުރެވޭނެ ކަމަށެވެ.

އެކަމަކު ވަޒީފާ އިން ވަކިކުރި ކެޕްޓަނަކު ބުނި ގޮތުގައި އެހާ ގިނަ ބަޔަކު އެއްފަހަރާ ވަޒީފާ އިން ވަކިވުމަކީ މޯލްޑިވިއަންގެ ސީޕްލޭންތައް އޮޕަރޭޓް ކުރުމަށް ކުރިމަތިވާނެ ހުރަހެއް ކަމަށެވެ. އަދި އެއީ ކުންފުނިން ވެސް ކުރިއަށް އޮތްތާނގައި ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.

"މުސާރަ ކުޑަވެގެނެއް ނޫން ހަގީގަތުގައި ޕައިލެޓުން ވަކިވަނީ. ބައެއް ޕައިލެޓުން ހަމަ އެއްވެސް ވަޒީފާއެއް ނެތި ވެސް ކެނޑިއްޖެ. އަދިވެސް ވަޒީފާ އިން ކެނޑެން ތައްޔާރުވެފައި މީހުން އެބަތިބި،" ވަޒީފާ އިން ވަކިވި ޕައިލެޓް ކިޔައިދިނެވެ.