Roadha Mihaaru
އޭޝިޔާ ބައްރަށް ހާއްސަ އެލް ކްލަސިކޯ މެޗެއް!

އޭޝިޔާ ބައްރަށް ހާއްސަ އެލް ކްލަސިކޯ މެޗެއް!

20 ޑިސެމްބަރ 2017

އަންނަ ހޮނިހިރު ދުވަހު ރާއްޖެ ގަޑިން ހަވީރު 5 ޖަހާއިރު ފަށާ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ކުޅޭ އެލް ކްލަސިކޯ މެޗުގެ ވަގުތު ހަމަޖެއްސުމުގައި މި ފަހަރު ލަލީގާ އިން ވިސްނީ އޭޝިއާ ބައްރަށް ކަމަށް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އަންނަ ހޮނިހިރު ދުވަހު ރާއްޖެ ގަޑިން ހަވީރު 5 ޖަހާއިރު ފަށާ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ކުޅޭ އެލް ކްލަސިކޯ މެޗުގެ ވަގުތު ހަމަޖެއްސުމުގައި މި ފަހަރު ލަލީގާ އިން ވިސްނީ އޭޝިއާ ބައްރަށް ކަމަށް ބުނެފި އެވެ.

މިއީ ފަހުގެ ތާރީހެއްގައި އެލް ކްލަސިކޯ މެޗެއް ފަށާ އެންމެ އަވަސް ގަޑި އެވެ. މި މެޗު ފަށާނީ ސްޕެއިނުގައި މެންދުރު ވަގުތުގަ އެވެ. ސްޕޮންސަރުންނާއި ޓީވީ ރައިޓްސް އެއްބަސްވުމުގެ ދަށުން އޭޝިއާ ބައްރު ޑޮމިނޭޓްކުރަނީ އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތަކެވެ.

ލަލީގާގެ ޗީފް އޮފް ކޮމިއުނިކޭޝަން ޔޮރިސް އެވާސް ވިދާޅުވީ މި ކްލަސިކޯ މެޗުގެ ވަގުތު ކަނޑައެޅުމުގައި މި ފަހަރު އޭޝިއާ މާކެޓަށް ވަރަށް ވިސްނި ކަމަށެވެ.

"އަހަރެމެން އެބަޖެހޭ އޭޝިއާގައި ތިބި އަހަރެމެންގެ ސަޕޯޓަރުންނަށް ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާ ފޯރިގަދަ މެޗު އެމީހުންނަށް ވެސް ފަސޭހަ ވަގުތެއްގައި ކުޅެން. މި ފަހަރު ވަރަށް ބޮޑަށް ބެލިން އޭޝިޔާ މާކެޓަށް. ހާއްސަކޮށް އެހެން ލީގުތަކުގެ މެޗެއް ނެތް ވަގުތަކާ ދިމާކުރަން ވިސްނިން،" އެވާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މި ފަހަރުގެ ކްލަސިކޯ އިން ބޮޑު އާމްދަނީއެއް ޓީވީ ރައިޓްސް ތެރެއިން ލިބޭނެ ކަަމުގެ އުއްމީދު ބޮޑު ކަމަށެވެ.

"ކްލަސިކޯ މެޗު މިއޮތީ ޑިސެމްބަރު 23 ގައި. މެޑްރިޑް ގަޑިން 13:00 ގައި. އަދި ޝަންހާއީ ގަޑިން 20:00 ގައި. ޖަކާޓާ ގަޑިން 19:00 ދެން ނިއު ދިއްލީ ގަޑިން 17:30 މިއީ ހައްތަހާ ވެސް އަހަރެމެންނަށް އޮތް މާކެޓް،" އެވާސް ވިދާޅުވި އެވެ.

ސްޕެއިނުގެ މިޑީއާތަކުން ރިޕޯޓްކުރާ ގޮތުގައި އެންމެ ފަހުން އޮތް ކްލަސިކޯ މެޗު 650 މިިލިއަން މީހުން ބަލާފައިވެ އެވެ. އަދި އެ މެޗުގެ ޓީވީ ރައިޓްސް ވިއްކައިގެން ވިޔަފާރީގެ ގޮތުގައި ޖުމްލަ 42.5 މިލިއަން ޑޮލަރުގެ ފައިދާއެއް މުޅި ދުނިޔޭގެ އެކި ކުންފުނިތަކަށް ލިބިފައިވާ ކަމަށެވެ.

ޓީވީ ރައިޓްސް އިން ސީޒަނެއްގެ މައްޗަށް އިނގިރޭސި ޕްރިމިއާ ލީގުން 3.9 ބިލިއަން ޑޮލަރު ހޯދާއިރު، ލަލީގާ އަށް ލިބެނީ 1.9 ބިލިއަން ޑޮލަރެވެ.