Roadha Mihaaru
ފަހު މެޗުން ވެންގާ އަށް ބޮޑު މޮޅަކާ ހާއްސަ އުފަލެއް

ފަހު މެޗުން ވެންގާ އަށް ބޮޑު މޮޅަކާ ހާއްސަ އުފަލެއް

07 މެއި 2018

ލަންޑަން (މެއި 7) - އާސެނަލްގެ ކޯޗު އާސެން ވެންގާގެ އިރުޝާދުގެ ދަށުން އެ ޓީމުގެ ސަޕޯޓަރުންގެ ކުރިމަތީގައި އާސެނަލް ކުޅުނު ފަހު މެޗުން ބާންލީ އަތުން 5-0 އިން ބޮޑު މޮޅެއް ހޯދިއިރު، ވެންގާ އަށް ހާއްސަ އުފަލެއް ލިބުނު ކަމަށް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މެއި 7) - އާސެނަލްގެ ކޯޗު އާސެން ވެންގާގެ އިރުޝާދުގެ ދަށުން އެ ޓީމުގެ ސަޕޯޓަރުންގެ ކުރިމަތީގައި އާސެނަލް ކުޅުނު ފަހު މެޗުން ބާންލީ އަތުން 5-0 އިން ބޮޑު މޮޅެއް ހޯދިއިރު، ވެންގާ އަށް ހާއްސަ އުފަލެއް ލިބުނު ކަމަށް ބުނެފި އެވެ.

ބާވީސް އަހަރަށް ފަހު ވެންގާ މި ސީޒަން ނިމުމުން އާސެނަލް ދޫކޮށްލަން ނިންމާފައިވާއިރު، ލީގުގައި ބާކީ އޮތް ދެ މެޗު އާސެނަލް ކުޅޭނީ ރަށުންބޭރުގަ އެވެ. ރޭގެ މެޗުގެ ކުރިން ބާންލީ ކުޅުންތެރިންނާއި އާސެނަލް ކުޅުންތެރިން ވަނީ ވެންގާ އަށް އިހުތިރާމް އަދާކޮށްފަ އެވެ. އަދި ވެންގާގެ ކޯޗުކަމުގައި މެޗަކުން ބަލިނުވެ 2003/2004 ވަނަ އަހަރުގެ ސީޒަނުގައި އާސެނަލުން ލީގު ހޯދިއިރުގެ ހަނދާން އާ ކޮށްދިނުމަށް ވެންގާ އަށް އެ ކްލަބުގެ ފަރާތުން ރަމްޒީ ތަށްޓެއް ދިނެވެ.

"އަހަރެން ހުރިހާ އެންމެން މަތިން ހަނދާން ހުންނާނެ. މި ކްލަބްގެ ސަޕޯޓަރެއްގެ ގޮތުގައި. އެ ސަޕޯޓަރުންގެ ފަހަތުގައި ހުންނާނަން. މި މެޗުގައި ބޮޑު ނަތީޖާ އަކުން މޮޅުވީމަ ވެސް އުފާވޭ. ދެން ލިބޭ އަނެއް އުފަލަކީ މުޅި ދަނޑު ފުރާލާފައި އޮތްތަން ފެނުން. މިއީ ފަހަކަށް އައިސް ނުފެންނަ ހިތްގައިމު މަންޒަރެއް،" ރޭގެ މެޗަށް ފަހު ވެންގާ ބުންޏެވެ.

ރޭގެ މެޗުގައި އާސެނަލްގެ ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ވެންގާ އާސެނަލަށް އެންމެ ފަހުން ގަތް ޕިއޭ އެމެރިކް އޮބާމަޔަން އެވެ. އަނެއް ލަނޑުތައް ޖެހީ އަލެކްސަންޑަ ލަކަޒޭޓް، ސީޑް ކޮލާސިނަޗް އަދި އަލެކްސް އިވޯބީ އެވެ.

ލީގުގައި އާސެނަލަށް ދެން އޮތީ ރަށުންބޭރުގައި ލެސްޓާ ސިޓީ އާއި ހަޑްސްފީލްޑް ޓައުންއާ ދެކޮޅަށް ކުޅޭ މެޗެވެ. އާސެނަލް މި ވަގުތު ލީގުގެ ހަ ވަނައިގައި އޮތީ 36 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ.

ލީގުގައި ރޭ ކުޅުނު އަނެއް މެޗުން ޗެލްސީ ވަނީ އޮލިވިއޭ ޖިރޫޑްގެ ހަމައެކަނި ލަނޑުން 1-0 އިން ލިވަޕޫލް ބަލިކޮށްފަ އެވެ. މި މޮޅާ އެކު މި ފަހަރު ލީގުގެ ގަދަ ހަތަރެއްގައި ނިންމައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ޗެލްސީން ވަނީ އުއްމީދު ބޮޑުކޮށްފަ އެވެ.

ލީގުގެ ތިން ވަނައިގައި ލިވަޕޫލް މި ވަގުތު އޮތީ 37 މެޗުން 72 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ޓޮޓެންހަަމަށް 36 މެޗުން 71 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ ފަސް ވަނައިގައި އޮތީ 36 މެޗުން 69 ޕޮއިންޓް ހަމަކޮށްގެންނެވެ.

ޗެލްސީ އާއި ޓޮޓެންހަމަށް ބާކީ ދެ މެޗު އޮތްއިރު، ލިވަޕޫލަށް އޮތީ އެއް މެޗެވެ. އެހެން ނަމަވެސް ގަދަ ހަތަރެއް ކަށަވަރުކުރަން ލިވަޕޫލަށް ބޭނުންވަނީ ލީގުގެ ފަހު މެޗުން އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން މޮޅެކެވެ. ޓޮޓެންހަމަށް ބާކީ ދެ މެޗުން މަދުވެގެން ހަތަރު ޕޮއިންޓް ބޭނުންވެ އެވެ. ޗެލްސީ އަށް ގަދަ ހަތަރެއް ލިބޭނީ އެ ޓީމު ކުޅޭ ދެ މެޗުން މޮޅުވެ، ލިވަޕޫލާއި ޓޮޓެންހަމް އަތުން ޕޮއިންޓް ގެއްލިގެންނެވެ.