Roadha Mihaaru
މައުމޫންގެ ފަރާތްޕުޅުން ދުންޔާ އިންޑިއާ އަށް

މައުމޫންގެ ފަރާތްޕުޅުން ދުންޔާ އިންޑިއާއާ އެކު މަޝްވަރާއަށް

12 އޮކްޓޯބަރ 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން، އިންޑިއާ ސަރުކާރުގެ ބައެއް އިސްވެރިންނާ މަޝްވަރާ ކުރެއްވުމަށް އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން މި ހަފުތާ ބަންދުގައި އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ނިންމަވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން، އިންޑިއާ ސަރުކާރުގެ ބައެއް އިސްވެރިންނާ މަޝްވަރާ ކުރެއްވުމަށް އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން މި ހަފުތާ ބަންދުގައި އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ނިންމަވައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދާއި މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ދުންޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެކަމަނާގެ ބައްޕާފުޅުގެ ފަރާތްޕުން އިންޑިއާ އަށް ކުރައްވާ ދަތުރުގައި ނުރަސްމީ ބައްދަލުވުންތަކެއް ބާއްވަވާނެ ކަމަށެވެ.

"ޓައިމްސް އޮފް އިންޑިއާ" ގައި ބުނެފައިވާ ގޮތުން އިންޑިއާގެ ދިއްލީއަށް ދުންޔާ ވަޑައިގަންނަވަނީ އެ ގައުމުގެ ސަރުކާރާ މަޝްވަރާ ކުރެއްވުމަށެވެ. ނަމަވެސް މި ދަތުރާ ގުޅޭ ތަފްސީލެއް އަދި މީޑިއާއަށް ތިލައެއް ނުވެ އެވެ.

މައުމޫންގެ ފަރާތްޕުޅުން ދަރިކަނބަލުން ދުންޔާ އިންޑިއާއަށް ވަޑައިގަންނަވާއިރު، ޖަލު ހުކުމެއްގައި ހުންނަވަނިކޮށް ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަންވުމާ އެކު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ފޯނުން ގުޅުއްވައި މައުމޫނަށް ހިތްވަރު ދެއްވައިފަ އެވެ.

މޯދީގެ ފޯން ކޯލަށް ފަހު، މި މަހުގެ ދެވަނަ ދުވަހު ކުރެއްވި ޓުވީޓެއްގައި މައުމޫން ވަނީ އެމަނިކުފާނާ މެދު މޯދީ ގެންގުޅުއްވާ ގާތްކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީއަށް މޯދީ ދެއްވާ ސަޕޯޓާއި އެއްބާރުލުން ވެސް މައުމޫން ފާހަގަ ކުރެއްވި އެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ބަލިވި، ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އިންޑިއާގެ ވާދަ ވެރި ޗައިނާއާ ގާތްގުޅުމެއް ބާއްވާފައިވާއިރު، ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ހީނަރުވެފަ އެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި، އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އެ ގައުމުގެ ބޮޑުވަޒީރު މޯދީ ވަނީ ދައުވަތު އަރުވައިފަ އެވެ. އަދި އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީއަށް ވެސް ވަނީ ދައުވަތު އަރުވައިފަ އެވެ.