Roadha Mihaaru
ސަފާރީން ހޯދި ބަނގުރާ ވެރިފަރާތާ ހަވާލުކުރަން ޖެހިއްޖެ

ސަފާރީން އަތުލައިގަތް ބަނގުރާ ސަފާރީގެ ވެރިފަރާތާ ހަވާލުކުރަން އަމުރުކޮށްފި

27 ޑިސެމްބަރ 2017

ފުލުހުން ހިންގި އޮޕަރޭޝަންގައި ސަފާރީއަކުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު ދަޅުތަކަކީ ގާނޫނާ ޚިލާފަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތި ކަމަށް ވާތީ، އެ ތަކެތި އޭގެ ވެރިފަރާތާ ހަވާލު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުލުހުން ހިންގި އޮޕަރޭޝަންގައި ސަފާރީއަކުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު ދަޅުތަކަކީ ގާނޫނާ ޚިލާފަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތި ކަމަށް ވާތީ، އެ ތަކެތި އޭގެ ވެރިފަރާތާ ހަވާލު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ނަމަވެސް ފުލުހުން މިރޭ ބުނީ މި މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށެވެ.

މިދިޔަ ހަފުތާގައި ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއަކުން ފުލުހުން ހޯދީ 87 ކޭސް ބަނގުރަލާއި 47 ކޭސް ބިޔަރު ދަޅާއި 20 ފުޅި ބިޔަރާއި 46 ދަޅު ބިޔަރުގެ އިތުރުން 25 ފުޅި ބަނގުރަލެވެ.

އެ މައްސަލާގައި ހަތަރު މީހަކު ވެސް ހައްޔަރު ކުރިޔަސް އެ ސަފާރީގެ ވެރިމީހާ އެ މައްސަލާގައި ހައްޔަރު ކޮށްފައެއް ނުވެ އެވެ. އަދި އޭނާގެ މައްޗަށް އެ މައްސަލާގައި ތުހުމަތެއް ވެސް ކޮށްފައެއް ނުވެ އެވެ.

ބަނގުރަލާއި ބިޔަރު ދަޅުތައް އަނބުރާ ހަވާލުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ އެ ތަކެތި އަނބުރާ ހޯދުމަށް ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން، އެ ސަފާރީގެ ވެރިމީހާ ކްރިމިނަލް ކޯޓަށް ހުށަހެޅުމުންނެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮންނަ ގޮތުން މުދަލެއް ހިފެހެއްޓީ ގާނޫނާ ޚިލާފަށް ކަމަށް އޭގެ ވެރިފަރާތަށް ގަބޫލު ކުރެވޭ ނަމަ އެ މުދަލެއް އަނބުރާ ހޯދަން ކޯޓަށް ހުށަހެޅިދާނެ އެވެ.

ކޯޓުގެ ނިންމުމުގައިވާ ގޮތުން، ސަފާރީގައި މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ އެ ތުހުމަތުގައި އެ ސަަފާރީ ފާސްކޮށް، ސަފާރީން ބަޔަކު ހައްޔަރު ކުރިޔަސް، އެ އުޅަނދުން ހޯދި ތަކެއްޗަކީ ހައްޔަރުކުރި އެއްވެސް މީހަކަށް ނިސްބަތްވާ އެއްޗެއް ނޫން ކަމަށާއި އެއީ އެ ސަފާރީގެ ވެރިމީހާގެ އެއްޗެހި ކަން ފުލުހުންގެ ބަހުން އެނގޭ ކަމަށެވެ.

ސަފާރީގެ ވެރިމީހާ އަކީ ވިޔަފާރީގެ ބޭނުމަށް ރާއްޖެއަށް ރާ އެތެރެކޮށް ގެންގުޅުމުގެ ހުއްދަ އޮންނަ ފަރާތަކަށް ވާއިރު، އެ މައްސަލައާ ގުޅިގެން ވެރިމީހާ މައްޗަށް އެއްވެސް ތުހުމަތެއް ފުލުހުން ނުކުރާ ކަން ވެސް އެ ނިންމުމުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި އެފަދަ ހުއްދައެއް އޮންނަ ފަރާތަކުން އެ ހުއްދަ ދޫކޮށްފައިވާ އުސޫލާ ޚިލާފަށް އަމަލު ކުރާ ކަމަށް ބެލެވޭ ހާލަތުގައި ވެސް، އެފަދަ މުދަލެއް ހިފަހައްޓަން ވާނީ ތުހުމަތެއްގެ މައްޗަށް ބިނާކޮޮށް ކަމަށް އެ ނިންމުމުގައިވެ އެވެ.

"ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ރާ ފުޅިތަކާ ގުޅިގެން މި މައްސަލާގައި މިއަދާ ހަމައަށް ވެސް އެ ފުޅިތަކުގެ ވެރި ފަރާތުގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވިފައިވާ ކަން އެނގެން ނެތް.." ގާޒީ އާދަމް އާރިފް ނިންމެވި އެ ނިންމުމުގައިވެ އެވެ.

ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ތަހުގީގު ހިންގުމާއި ޝަރީއަތް ކުރުމާއި ހުކުމް ތަންފީޒު ކުރުމުގައި، އެހެން މީހެއްގެ ހައްގަށް ހުރަސް އެޅިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 44 ވަނަ މާއްދާގައި ބުނާކަން ފާހަގަކޮށް، އެ ނިންމުމުގައިވަނީ ހައްޔަރުކުރި މީހުންގެ ތެރެއިން މީހަކަށް ނިސްބަތްނުވާ، އެހެން މީހެއްގެ މުދަލެއް ހިފެހެއްޓުމަކީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށެވެ.

މީގެ އިތުރުން އެ ސަފާރީ ފާސް ކުރުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ އިންވެންޓްރީ އޭގެ ވެރިމީހާއާ ހަވާލު ކޮށްފައިވަނީ ވެސް ޕްރޮސެކިއުޓް ކުރުމުގެ ގަވާއިދުގައި ބުނާ 48 ގަޑިއިރުގެ މުއްދަތު ހަމަވިފަހުން ކަމަށް އެ ނިންމުމުގައިވެ އެވެ.

އެ ސަފާރީގެ ފާސްކުރީ ޖިނާއީ އިޖްރާއާތުގެ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް ވެސް އެ ސަފާރީގެ ވެރިމީހާ އެދިފައިވެ އެވެ. އެކަމަކު ކޯޓުގެ ނިންމުމުގައިވާ ގޮތުން އެ އުޅަނދު ފާސްކުރީ ގާނޫނާ އެއްގޮތަށެވެ.

މި މައްސަލާގައި ފުލުހުން މިރޭ ބުނީ، ފުލުހުން އަމަލު ކޮށްފައި ވާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ޖިނާއީ މައްސަލަތަކުގެ ތަހުގީގުގައި މީގެ ކުރިން ވެސް އަމަލު ކޮށްފައިވާ "ރަނގަޅު ޕްރެކްޓިސްތަކާ" އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

"ސަފާރީތަކުގަ އާއި ޓޫރިޒަމްގެ ބޭނުންތަކަށް ބަނގުރަލާއި އެފަދަ ތަކެތި ސްޓޯރު ކުރެވޭނެ ގޮތްތަކާއި މޮނީޓަ ކުރެވޭނެ ނިޒާމްތައް އެކަށައެޅިގެން ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރެވެމުންދޭ. މި މައްސަލާގައި ރާ، އެ ސަފާރީގައި ހުރި ބޭނުމާއި ސްޓޯރު ކުރެވިފައިވާ ގޮތާ ދޭތެރޭ ވެސް ސުވާލު އުފެދޭ،" ފުލުހުން ބުންޏެވެ.