Roadha Mihaaru
ހައްޔަރުކުރި ގޮތް ގޯސްވެ، ކޯޓުގެ ނުރުހުން ފުލުހުންނަށް

ބިދޭސީންތަކެއް ހައްޔަރުކުރި ގޮތް ގޯސްވެ، ކޯޓުގެ ނުރުހުން ފުލުހުންނަށް

01 ޖެނުއަރީ 2023

ބަނގުރަލުގެ މައްސަލައެއްގައި ފުލުހުން، ދެ ބިދޭސީއަކު ހައްޔަރުކުރުމަށް ފަހު ކޯޓަށް ހާޒިރު ކުރުމުގެ ބަދަލުގައި ބަންދުން ދޫކޮށްލައި، އަލުން ކޯޓު އަމުރުތަކެއް ހޯދައިގެން އެ ދެ މީހުން ބަންދު ކުރީ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އެ ދެ މީހުން އިއްޔެ ދޫކޮށްލައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ބަނގުރަލުގެ މައްސަލައެއްގައި ފުލުހުން، ދެ ބިދޭސީއަކު ހައްޔަރުކުރުމަށް ފަހު ކޯޓަށް ހާޒިރު ކުރުމުގެ ބަދަލުގައި ބަންދުން ދޫކޮށްލައި، އަލުން ކޯޓު އަމުރުތަކެއް ހޯދައިގެން އެ ދެ މީހުން ބަންދު ކުރީ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އެ ދެ މީހުން އިއްޔެ ދޫކޮށްލައިފި އެވެ.

ބަނގުރާ ގެންގުޅެ އޭގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ 26 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެއް ހައްޔަރު ކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކޯޓު އަމުރެއް ހޯދައިގެންނެވެ. އެ ދެ މީހުން ބަންދު ކުރަން ފުލުހުން ކޯޓުގައި އެދުނީ ފިލާފާނެތީ އާއި މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ވެދާނެތީ ކަމަށް ބުނެ އެވެ.

އެެ ދެ މީހުން ބަންދުން ދޫކޮށްލައި ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ، 24 ގަޑިއިރުގެ ތެރޭގައި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުގެ ބަދަލުގައި، ޖެހިގެން އައި ދުވަހު ފުލުހުން އެ ދެ މީހުން ހައްޔަރުން ދޫކޮށްލީ ކަމަށެވެ. އަދި ކޯޓުން އެހެން ކޯޓު އަމުރެއް ހޯދައިގެން ހަމަ އެ ދުވަހު އެ ދެ މީހުން އަލުން ހައްޔަރު ކުރި ކަމަށެވެ. ދެ ވަނަ ފަހަރަށް ހައްޔަރު ކުރުމަށްފަހު ވެސް ޖެހިގެން އައި ދުވަހު ކޯޓަށް ހާޒިރު ނުކޮށް، އަނެއްކާ ވެސް ފުލުހުން އެ ދެ މީހުން ދޫކޮށްލާފައި ކޯޓުން އިތުރު އަމުރެއް ހޯދައިގެން ހަމަ އެ ދުވަހު އެ ދެ މީހުން އަލުން ހައްޔަރު ކުރީ ކަމަށް އެ އަމުރުގައިވެ އެވެ.

ބަންދާ މެދު ގޮތެއް ނިންމައި ގާޒީ ހުސެއިން ފާއިޒު ރަޝާދު ނިންމެވި ނިންމެވުމުގައި ވަނީ، އެ މައްސަލައިގައި ފުލުހުން އަމަލު ކުރި ގޮތުގެ ސަބަބުން ގާނޫނުގައި ލިޔެފައިވާ އިޖުރާއަތާ އެއްގޮތަށް އަމަލު ކުރެވުނު ކަމުގައި ބެލެވޭ ކަމަށެވެ. އެކަމަކު އެއީ ގާނޫނުގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކުރުމާއި އަލުން ބަންދު ކުރުމާއި ބަންދުން ދޫކުރުމުގައި އަމަލު ކުރަން އޮތް އިޖުރާއަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ މަގުސަދުގައި ކޮށްފައި އޮތް ކަމެއް ކަމަށް ބެލުމުގެ އިހްތިމާލު އުފެދޭ ކަމަށެވެ.

ހައްޔަރު ކުރި ދެ މީހުން ދޫކޮށްލުމާއި އެ މީހުން އަލުން ހައްޔަރު ކުރުމާ ދެމެދު ކޮންމެ ފަހަރަކު ވެސް ހިނގާފައި ވަނީ ކުޑަވަގުތުކޮޅެއްކަން ގާޒީ ފާއިޒު ފާހަގަކުރެއްވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އެ ދެ މީހުން ވެސް ދެ ވަނަ ފަހަރަށް ހައްޔަރު ކުރުމަށް ފުލުހުން ކްރިމިނަލް ކޯޓުގައި އަމުރަކަށް އެދުނު އިރު އެ ދެ މީހުން ވެސް ތިބީ ކޯޓުން ކުރިން ނެރުނު އަމުރެއްގެ މައްޗަށް ހައްޔަރުކޮށްފަ އެވެ.

މީހަކު ހައްޔަރު ކުރުމަށް ވަކި އަމުރެއް ނެރޭއިރު، އަމުރުގެ ބާރު ހިނގާނެ ވަކި މުއްދަތެއް ވެސް އޮޮންނަކަން ފާހަގަކުރައްވައި، ގާޒީ ފާއިޒު ލިޔުއްވީ، ކޯޓުން އެގޮތަށް ނެރޭ އަމުރުތަކަކީ އެއްވެސް ހާލަތެއް ބަންދުގައި ހުރި މީހަކު ހައްޔަރު ކުރަން ނެރުނު އަމުރެއް ނޫން ކަމަށެވެ.

އެހެންވެ، ހައްޔަރު އަމުރަކަށް ފުލުހުން ދެ ވަނަ ފަހަރަށް ކޯޓުގައި އެދުނު އިރު އެކަމަށް އެދިފައި ވަނީ މައްސަލައިގެ ފުރިހަމަ މައުލޫމާތު އަމުރު ދޫކުރި ފަނޑިޔާރަށް ހިއްސާކުރުމާ ނުލައި ކަމަށް ބެލެވޭ ކަމަށް ގާޒީ ފާއިޒުގެ ނިންމުމުގައިވެ އެވެ. އަދި އެކަމުން އެނގެނީ ފުލުހުން ހައްޔަރު ކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރު ކުރުމުގެ ވިސްނުން ފުލުހުންގެ ނެތްކަން ދަލާލަތުކޮށްދޭ ކަމަށް ލިޔުއްވި އެވެ.

ދެ ވަނަ ފަހަރު އެ ދެ މީހުން ހައްޔަރުކުރުމަށްފަހު، ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ނެގަޓިވްވެފައިވާތީ ދޫކޮށްލާފައިވާއިރު، އަލުން އޭނާ ހައްޔަރު ކުރަން ޖެހުނު ހާލަތު ވުޖޫދުވީ ކިހިނެއް ކަމެއް އެނގެން ނެތް، އިރު ދިފާއުން އެ މައްސަލައިގައި ދައްކާފައި ހުރި ވާހަކަތަކަށް އެކަމުން ބާރު ލިބޭ ކަމަށް އެ އަމުރުގައިވެ އެވެ.

".... ތުހުމަތު ކުރެވޭ ފަރާތް ހައްޔަރު ކުރުމާއި ބަންދު ކުރުމާއި ބަންދުން ދޫކޮށްލުމުގައި ފުލުހުންގެ ފަރާތުން އަމަލުކޮށްފައި ވަނީ ހެޔޮ ނިޔަތުގައި ނޫން ކަމަށް ބެލެވެ އެވެ،"

ގާޒީ ފާއިޒު ނިންމެވީ އެ ސަބަބުތަކާ ހެދި އެ ދެ މީހުން ވެސް ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށެވެ.