ބައިބަލާ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ދެމެދު ބޮޑު މަރާމާރީއެއް ހިންގައި އެތައް ބަޔަކަށް އަނިޔާވުމާ އެކު، މުބާރާތް މެދުކަނޑާލައިފި އެވެ.
10 ޖުލައި 2016
ބައިބަލާ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ދެމެދު ބޮޑު މަރާމާރީއެއް ހިންގައި އެތައް ބަޔަކަށް އަނިޔާވުމާ އެކު، މުބާރާތް މެދުކަނޑާލައިފި އެވެ.
ފިތުރު އީދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަނުން ކުރިއަށް ގެންދާ މުބާރާތުގައި މިރޭ ބައްދަލު ކުރީ ބީޖީ ސްޕޯޓްސް އާއި ކްލަބު ޓީނޭޖެވެ.
މާރާމާރީ ހިނގަން މެދުވެރިވީ، މެޗު ބަލަން ގޮސް ތިބި "މިހާރު"ގެ ނޫސްވެރިން ބުނި ގޮތުގައި، ޓީނޭޖު ބަލި ވާން ފެށުމުން އެ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ދަނޑަށް އަރައި ބީޖީގެ ކުޅުންތެރިން ގައިގައި ތަޅަން ފެށުމުންނެވެ. އޭރު މެޗު ނިމެން ނުވަ ވަރަކަށް ސުކުންތަށް ވެފައި ވާއިރު، ބީޖީ އޮތީ ފުރަތަމަ ސެޓު ހޯދުމުގެ އިތުރަށް، ފަހު ސެޓުގައި ވެސް 12-7 އިން ކުރީގަ އެވެ.
"ޓީނޭޖު ބޭރުން ކުޅެމުން ދިޔައީ. އޭރު ބީޖީން އުޅެނީ ޓީނޭޖުގެ ކުޅުންތެރިއަކު ދަނޑުމަތީގައި ހިފަހައްޓައިގެން. އެ ވަގުތު ސަޕޯޓަރުންނާއި ކުޅުންތެރިން ދަނޑަށް އަަރައި ބީޖީ ކުޅުންތެރިން ގައިގައި ތަޅަން ފެށީ،" އެއް ނޫސްވެރިއަކު ބުންޏެވެ.
"ދެ ކޮޅުން ފަންސާހަކަށް މީހުން ދަނޑުމަތީގައި ތިބޭނެ ތަޅަން."
މިރޭ ކުޅުނު ބައިބަލާ މެޗު: މި މެޗުގައި ބޮޑު މާރާމާރީއެއް ހިންގި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
މާރާމާރީ ހިންގާ ހިސާބަށް ދިޔައީ، އެ ތަނުގައި ތިބި "މިހާރު"ގެ ނޫސްވެރިން ބުނި ގޮތުގައި، މެޗުގެ އެކި ހިސާބުން އެކި ވަރުގެ ހަމަނުޖެހުންތައް ހިނގުމަށް ފަހު އެވެ. އެ ގޮތުން، ރެފްރީ ބީޖީ ކޮޅަށް ޖެހިފައިވާ ކަމަށް ބުނެ ޓީނޭޖުގެ އޮފިޝަލުން ވަރަށް ބޮޑަށް ޝަކުވާ ކުރި އެވެ. އެ ޝަކުވާތަކާ ހެދި އެއް ފަހަރަކު ކުޅުން މެދުކަނޑާލި އެވެ. މީގެ އިތުރުން، މެޗުގެ ވަކި ހިސާބަކުން ރެފްރީ ލޮލަށް ވެލި ޖަހައިގެން ޓީނޭޖުގެ ކުޅުންތެރިއަކަށް ރަތް ކާޑު ވެސް ދެއްކި އެވެ.
މިރޭގެ މެޗުގައި ހިންގި މާރާމާރީގައި ވެލި އުކައި އަތްފައިން ހަމަލާ ދިނުމުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާވި ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ. ބައެއް މީހުން ނުތެދުވިފައި ދަނޑުމަތީގައި ތިބިއިރު، މާރާމާރީ ހުއްޓުވީ އެސްއޯ ފުލުހުން އައިސްގެންނެވެ. އޭގެ ކުރިން، އެ ސަރަހައްދުގައި ފޯރިމަރަން ތިބި ފަސް ވަރަކަށް ފުލުހުން ވަނީ މާރާމާރީ ހުއްޓުވަން ޕެޕަ ސްޕްރޭ ޖަހާފަ އެވެ.
މިރޭ ކުޅުނު ބައިބަލާ މެޗުގައި ހިންގި ހަމަނުޖެހުން ހުއްޓުވަން ފުލުހުން މަސައްކަތް ކުރަނީ: މި މާރާމާރީއާ ގުޅިގެން މުބާރާތް ވަނީ މެދުކަނޑާލާފައި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި ބައިބަލާ މެޗެއްގެ ތެރެއިން ހަމަނުޖެހުން ހިންގާ ކަމުގެ މައުލޫމާތު 9:35 ހާއިރު ލިބިގެން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރި ވެފަ އެވެ. އަދި މިހާރު ހަމަނުޖެހުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ،" ތަރުޖަމާނު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ބައިބަލާ މުބާރާތް މެދުކަނޑާލީ އެސޯސިއޭޝަނުން ވަކި ގޮތެއް ނިންމަން ދެނެވެ.
ބައިބަލާ މެޗެއްގައި މާރާމާރީ ހިންގިއިރު، ބޮޑެތި ކުށްވެރިން ކަމަށް ބަލައި ޓެގު އަޅުވާފައިވާ ބައެއް މީހުންނަށް ބައިބަލާ ކުޅުމުގެ ފުރުސަތު ވަނީ ދީފަ އެވެ. ފުލުހުން ބުނެފައި ވަނީ އެ މީހުން ކުޅޭއިރު ވެސް ފައިގައި ޓެގު އޮންނާނެ ކަމަށާއި އެ މީހުންގެ ހަރަކާތްތައް ބަލަން ފުލުހުން އެ ސަރަހައްދުގައި ތިބޭނެ ކަމަށެވެ.
ޓީންއޭޖުން ހަތަރުވަނަ ފަހަރަށް ބައިބަލާގެ ތަށި ހޯދައިފި
އީދު ބައިބަލާ: ޗެމްޕިއަން ޓީނޭޖް ފެށީ ފަސޭހަ މޮޅަކުން
ރަނަރަޕް ޓީނޭޖް ކޮޅަށް ބީޖީން ހަ ލަނޑު
އޮފީސް ބައިބަލާ މުބާރާތުގެ މިސްޓަ ބައިބަލާ އަކީ ހަންޓޭ
34 ޓީމާ އެކު މި އަހަރުގެ އީދު ބައިބަލާ ހުޅުމާލޭގައި
މިއީ ބައިބަލާގެ ރަސްގެފާނު: ފަސޭހައިން އަތެއް ނުޖެހޭނެ
އޯވަންއޯއިން ފުރަތަމަފަހަރަށް ބައިބަލާ ތަށި އުފުލާލައިފި
ބީޖީ ސިއްސުވާލައި ކްލަބް އޯވަންއޯ ސެމީ ފައިނަލަށް
ބައިބަލާގައި ބީޖީގެ އެނބުރި އައުން ވަރުގަދަ
ބައިބަލާ ޗެމްޕިއަންކަން ކުޑަހެންވޭރު ހޯދައިފި