Roadha Mihaaru
ތަޣައްޔަރުވެފައިވާ ކިރުގެ ސަބަބުން ބައިގެންދިއުމުގެ ބިރު

ތަޣައްޔަރުވެފައިވާ ކިރުގެ ސަބަބުން ބައިގެންދިއުމުގެ ބިރު

29 ޑިސެމްބަރ 2017

އެކި އުމުރުފުރައިގެ މީހުންނަށް ކިރުން ލިބޭ ސިއްހީ ފައިދާ ވަރަށް ގިނަ އެވެ. ތުއްތު ކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ވެސް ކިރަކީ މުހިއްމު އެއްޗެކެވެ. ނަމަވެސް ތަޣައްޔަރުވެފައި ހުންނަ ކިރު ބޭނުން ކުރުމުގެ މައްސަލައާ ވަރަށް ގިނަ ބަޔަކަށް ކުރިމަތިލާން ވަނީ ޖެހިފަ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އެކި އުމުރުފުރައިގެ މީހުންނަށް ކިރުން ލިބޭ ސިއްހީ ފައިދާ ވަރަށް ގިނަ އެވެ. ތުއްތު ކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ވެސް ކިރަކީ މުހިއްމު އެއްޗެކެވެ. ނަމަވެސް ތަޣައްޔަރުވެފައި ހުންނަ ކިރު ބޭނުން ކުރުމުގެ މައްސަލައާ ވަރަށް ގިނަ ބަޔަކަށް ކުރިމަތިލާން ވަނީ ޖެހިފަ އެވެ.

ކިރު އުފެއްދުމުގަޔާއި ރައްކާކުރުމުގައި ބޭނުންކުރާ ގޮތްތަކުގެ ސަބަބުން އަދި ކިރު ގަޑުބަޑުކުރުމުގެ ސަބަބުން ސިއްހީ ސީރިއަސް މައްސަލަތައް ދިމާވެ އެވެ. އެކަމަކު ކިރާއި ކިރުގެ އެހެން އުފެއްދުންތަކުގެ ރައްކާތެރިކަން ޔަގީންކުރުން މިހާރު އެހާމެ އުނދަގުލެވެ.

މިޒަމާނުގައި ގެރި ބަކަރި ފަދަ ޖަނަވާރުތަކުގެ ހަށިގަނޑުގައި ކިރު އުފެދޭ މިންވަރު ގިނަކުރަން ތަފާތު ވައްތަރުގެ ސްޓެރޮއިޑް އާއި ހޯމޯން އިންޖެކްޝަން ޖަހަ އެވެ. އޭގެ ތެރެއިން އޮކްސިޓޯސިންގެ ނުބައި އަސަރު އިންސާނުންނަށް ކުރާކަން ސައިންސްވެރިންނަށް ވަނީ އެނގިފަ އެވެ.

"އަންހެންކުދިން މާ އަވަހަށް ބާލިޣުވަނީ ވެސް މީގެ ސައިޑް އިފެކްޓްސްއާ ހެދި. އަދި ފިރިހެނުންގެ އުރަމަތި ލުމާއި ހޯމޯނަލް އިމްބެލެންސްގެ ސަބަބުން ޓެސްޓޮސްޓެރޯން އުފެދޭލެއް މަދުވަނީ ވެސް މި ސަބަބާ ހެދި،" ނިއު ދިއްލީގެ އިންދިރީ އައިވީއެފް ހޮސްޕިޓަލުގެ ޑރ އަރްވިންދް ވެއިދް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮކްސިޓޯސިން އިން ތަޣައްޔަރުވެފައިވާ ކިރުން ދަރިފުޅު ބައިގެންދިއުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި އުފަންވާ ކުދިންގެ ހަށިގަނޑުގައި އައިބު ހުރުން ވެސް އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، ޑރ. އަރްވިންދު ވިދާޅުވީ ވިހެއުމަށް ފަހު މާ ގިނައިން ލޭ އަންނަން މެދުވެރިވާ ސަބަބަކަށް ވެސް އޮކްސިޓޯސިން ވެދާނެ ކަމަށެވެ.

ކިރަކީ ކެލްސިއަމް ލިބޭ މުހިއްމު ވަސީލަތެކެވެ. ނަމަވެސް އޭގައި ހަށިގަނޑަށް ގެއްލުން ވެދާނެ މާއްދާތައް ހުރެދާނެ ކަމަކަށް ވިސްނައެއް ނުލެވެ އެވެ. ޕްރޮލެކްޓިން، ލުޓެނައިޒިން ހޯމޯން (އެލްއެޗް)، އެސްޓްރޯޖަންސް، ޕްރޮޖެސްޓެރޯން، އޮކްސިޓޯސިން، ގްރޯތު ހޯމޯން، ތައިރޮއިޑް ސްޓިމިއުލޭޓިން ހޯމޯން އަކީ، މިހާރު އުފައްދާ ކިރުގެ ބައެއް ބާވަތްތަކުގައި ހުންނަ މާއްދާތަކެކެވެ. މިފަދަ ކިރު ބޭނުން ކުރުމުން ދަރިމައިވުމުގެ ގާބިލްކަން ވެސް ކުޑަވެދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.