Roadha Mihaaru
އޭޖެންސީތަކާ މެދު ފިޔަވަޅު އެޅުން ހަ މަހަށް ފަސްކޮށްފި

ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީތަކާ މެދު ފިޔަވަޅު އަޅަން ފެށުން ހަ މަހަށް ފަސްކޮށްފި

30 ޑިސެމްބަރ 2017

ބިދޭސީންނަށް ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީތަކުގެ ތެރެއިން ގަވާއިދާ ޚިލާފްވާ އޭޖެންސީތަކާ މެދު ފިޔަވަޅު އެޅުން އިތުރު ހަ މަހަށް އަނެއްކާވެސް ފަސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބިދޭސީންނަށް ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީތަކުގެ ތެރެއިން ގަވާއިދާ ޚިލާފްވާ އޭޖެންސީތަކާ މެދު ފިޔަވަޅު އެޅުން އިތުރު ހަ މަހަށް އަނެއްކާވެސް ފަސްކޮށްފި އެވެ.

ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއާ ބެހޭ ގަވާއިދު ކުރިން އޮތްގޮތުން އެ ގަވާއިދާ އެއްގޮތަށް ކަންކަން އިސްލާހު ކުރުމުގެ މުއްދަތު އަންނަ ހޯމަ ދުވަހު ހަމަވެ، އޭގެ ފަހުން ގަވާއިދާ ޚިލާފަށް ހިންގާ އޭޖެންސީތަކާ މެދު ފިޔަވަޅު އެޅޭނެ އެވެ. އެ ގަވާއިދުގެ ދަށުން އަޅާ ފިޔަވަޅަކީ އެފަދަ އޭޖެންސީއެއް ހިންގުމުގެ ހުއްދަ ބާތިލް ކުރުމެވެ.

އެ ގަވާއިދަށް މިދިޔަ ބުރާސްފަތި ދުވަހު ގެނައި އިސްލާހުގެ ދަށުން، އޭޖެންސީތަކުގެ ކަންކަން އިސްލާހު ކުރަން އިތުރު ހަ މަހުގެ ފުރުސަތެއް ދީ، ފިޔަވަޅު އަޅަން ފެށުން ވަނީ ފަސްކޮށްފަ އެވެ. އެ އިސްލާުހު ބުނާގޮތުން ގަވާއިދާ އެއްގޮތަށް ކަންކަން އިސްލާހު ނުކުރާ އޭޖެންސީތަކާ މެދު ދެން ފިޔަވަޅު އަޅަން ފަށާނީ އަންނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

މިއީ އޭޖެންސީތަކާ މެދު ފިޔަވަޅު އަޅަން ފެށުން އިކޮނޮމިކް މިިނިސްޓްރީން ފަސްކުރި ތިން ވަނަ ފަހަރެވެ. މިދިޔަ އަހަރު އެ ގަވާއިދު އައުމާ އެކު، އޭޖެންސީތަކަށް އެންމެ ފުރަތަމަ ދިނީ އެއް އަހަރުގެ މުއްދަތެކެވެ. އެ މުއްދަތު މިދިޔަ ޖުލައި މަހު ހަމަވުމާ އެކު، ގަވާއިދަށް އިސްލާހު ގެނެސް، ދެވަނަ ފަހަރަށް މުއްދަތު ދިނީ އަންނަ ހޯމަ ދުވަހާ ހަމައަށް ކަންކަން އިސްލާހު ކުރުމަށެވެ.

ގަވާއިދާ އެއްގޮތަށް ކަންކަން އިސްލާހު ކުރުމުގެ ފުރުސަތު އިތުރު ކުރިއިރު، ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާ ނުކުރާ ފަރާތްތައް ޖޫރިމަނާ ކުރަން ފެށުން ވެސް އިތުރު ހަ މަހަށް ވަނީ ފަސްކޮށްފަ އެވެ. ކުރިން އޮތީ އެފަދަ ޖޫރިމަނާތައް ވެސް އަންނަ ހޯމަ ދުވަހުން ފެށިގެން ކުރަން ފަށާ ގޮތަށެވެ.