Roadha Mihaaru
މިރޭގެ ޝޯގައި ބިޕާޝާ އާއި ކަރަން ބައިވެރިއެއް ނުވޭ

މިރޭގެ ޝޯގައި ބިޕާޝާ އާއި ކަރަން ބައިވެރިއެއް ނުވޭ

31 ޑިސެމްބަރ 2017

އާ އަހަރު ފެށުން ފާހަގަކުރަން އަލިމަސް ކާނިވަލުގައި މިރޭ ބާއްވާ ޝޯ ގައި ބޮލީވުޑްގެ މަޝްހޫރު ތަރި ބިޕާޝާ ބާސޫ އާއި އޭނާގެ ފިރިމީހާ ކަރަން ސިންގް ގްރޯވާ ބައިވެރިވާން ނިންމި ނަމަވެސް ފަހު ވަގުތު، ކެންސަލް ކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އާ އަހަރު ފެށުން ފާހަގަކުރަން އަލިމަސް ކާނިވަލުގައި މިރޭ ބާއްވާ ޝޯ ގައި ބޮލީވުޑްގެ މަޝްހޫރު ތަރި ބިޕާޝާ ބާސޫ އާއި އޭނާގެ ފިރިމީހާ ކަރަން ސިންގް ގްރޯވާ ބައިވެރިވާން ނިންމި ނަމަވެސް ފަހު ވަގުތު، ކެންސަލް ކޮށްފި އެވެ.

ޝޯ އިންތިޒާމް ކުރާ މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ އޮފިޝަލަކު ވިދާޅުވީ ބިޕާޝާގެ ދެމަފިރިންނަށް ނާދެވޭނެ ކަން އެންގީ މިއަދު ކަމަށެވެ. އެއީ، އެ މީހުންގެ ޝެޑިއުލަކަށް އައި ބަދަލަކާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިރޭގެ ޝޯ އަށް ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރާހަތު ފާތިހް އަލީ ޚާނާއި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މިކާ ސިންގް ވެސް އައުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ތަރިންގެ އިތުރުން އެމެރިކާގައި އޮންނަ ބޮލީވުޑްގެ ޑާންސް ގުރޫޕެއް ވެސް ޝޯގައި ޕާފޯމް ކުރާނެ އެވެ. އަދި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ވެސް ޝޯގައި ބައިވެރިވާނެ އެވެ.

އެމްއައިޓީީޑީސީން މި ޝޯ ކުރިއަށް ގެންދަނީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ ޕޯޓްފޯލިއޯ މެނޭޖްމެންޓް އެންޑް އިވެންޓްސްއާ ހަވާލުކޮށްގެންނެވެ. މީގެ ކުރީގެ އަހަރުތަކުގައި މި އިންތިޒާމްތައް ހަމަޖައްސަނީ ކޮންމެވެސް ދިވެހި ކުންފުންޏެކެވެ. އެހެންވެ، ބައިނަލްއަގުވާމީ ގިނަ ޝޯތަކާއި އިވެންޓުތައް ކުރިއަށް ގެންދާ ބަޔަކާ، މި އަހަރުގެ އާ އަހަރުގެ ޝޯ ހަވާލުކުރުމުން އިތުރަށް ފުރިހަމަވާނެ ކަމަށް އެމްއައިޓީޑީސީން ގަބޫލުކުރެ އެވެ.

އާއްމުކޮށް ހުޅުވާލައިގެން ބާއްވާ މި ޝޯ، އިށީނދެ ތިބެ ބެލުމަށް 1،000 ގޮނޑިޖެހުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 8،000 އެއްހާ މީހުންނަށް ކޮޅަށް ހުރެ ޝޯ ބެލޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.