Roadha Mihaaru
އާ އަހަރުގެ ޝޯ ވަރުގަދަ ވާނެ، ފޯރި ގަދަވާނެ

އާ އަހަރުގެ ޝޯ ވަރުގަދަ ވާނެ، ފޯރި ގަދަވާނެ

31 ޑިސެމްބަރ 2017

އާ އަހަރު ފާހަގަކުރަން މާލޭގައި ކުލަގަދަކޮށް ޝޯތައް ބާއްވަން ފެށިތާ އަދި މާކަ ގިނަ އަހަރުތަކެއް ނުވެ އެވެ. ކޮންމެ އަހަރަކު ވެސް އޭގެ ކުރީ އަހަރުގެ ޝޯއަށް ވުރެ ފުރިހަމަ ކުރެވޭތޯ ބަލަ އެވެ. ބޭރުގެ ލަވަކިޔުންތެރިންނާއި ފިލްމީ ތަރިންނާއި ނެށުންތެރިން ގެނެސްގެން އިތުރަށް ފޯރިގަދަ ކުރެ އެވެ. ހަމައެއާ އެކު ބަޑި ބޭހުގެ ކުޅިވަރުތައް ވެސް ވެފައި އޮންނަނީ މި ޝޯގެ ބައެއްގެ ގޮތުގަ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މި އަހަރު ވެސް ވަކި ތަފާތެއް ނެތެވެ. އެކަމަކު އާ އަހަރުގެ ޝޯ އިންތިޒާމް ކުރާ މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ން ބުނާގޮތުގައި އެހެން އަހަރުތަކަށް ވުރެ މި އަހަރުގެ ޝޯ ފުރިހަމަ ވާނެ އެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއް އަންނާނީ ޝޯގެ ލައިޓިން އަދި ސައުންޑަށް ކަމަށް އެތަނުން ބުންޏެވެ.

އެމްއައިޓީީޑީސީން މި ޝޯ ކުރިއަށް ގެންދަނީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ ޕޯޓްފޯލިއޯ މެނޭޖްމެންޓް އެންޑް އިވެންޓްސްއާ ހަވާލުކޮށްގެންނެވެ. މީގެ ކުރީގެ އަހަރުތަކުގައި މި އިންތިޒާމްތައް ހަމަޖައްސަނީ ކޮންމެވެސް ދިވެހި ކުންފުންޏެކެވެ. އެހެންވެ، ބައިނަލްއަގުވާމީ ގިނަ ޝޯތަކާއި އިވެންޓުތައް ކުރިއަށް ގެންދާ ބަޔަކާ، މި އަހަރުގެ އާ އަހަރުގެ ޝޯ ހަވާލުކުރުމުން އިތުރަށް ފުރިހަމަވާނެ ކަމަށް އެމްއައިޓީޑީސީން ގަބޫލުކުރެ އެވެ.

އެކަން އަލިމަސް ކާނިވަލް މިހާރު ބަލާލުމުން ވެސް އެނގެ އެވެ. ބިޔަ ސްޕީކަރުތަކެވެ. ފުރިހަމަ ލައިޓިން އެވެ. ސްޓޭޖުމަތި ޑިޒައިން ކުރުމާއި ބެކްޑްރޮޕް ހަދަނީ ވެސް މި ކުންފުނިންނެވެ. އެހެންވެ، އޭގެ ތަފާތު މި އަހަރު ފެންނާނެ ކަމަށް އައިޓީޑީސީން ބުންޏެވެ.

އާ އަހަރު ފެށުން ފާހަގަކުރުމަށް މާލޭގެ އަލިމަސް ކާނިވަލުގައި މިރޭ ބާއްވާ ޝޯ ގެ ރިހާސަލް ރޭ ކުރިއަށް ގެންދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އާ އަހަރު ފެށުން ފާހަގަކުރުމަށް މާލޭގެ އަލިމަސް ކާނިވަލުގައި މިރޭ ބާއްވާ ޝޯ ގެ ރިހާސަލް ރޭ ކުރިއަށް ގެންދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިރޭގެ ޝޯގައި ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރާހަތު ފާތިހް އަލީ ޚާނާއި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މިކާ ސިންގް ލަވަ ކިޔާނެ އެވެ. އަދި ބޮލީވުޑްގެ މަޝްހޫރު ތަރި ބިޕާޝާ ބާސޫ އާއި އޭނާގެ ފިރިމީހާ ކަރަން ސިންގް ގްރޯވާ ވެސް ޕާފޯމް ކުރާނެ އެވެ. އޭގެ އިތުރުން އިނގިރޭސި ވިލާތުގައި ގާއިމްވެފައިވާ ބޮލީވުޑް ޑާންސް ގުރޫޕް ބޮލީ ސްލޭކްސް އިން ވެސް އެ މީހުންގެ ފުރިހަމަ ހަރަކާތްތައް ސްޓޭޖް މަތީގައި ދައްކާލާނެ އެވެ.

މިއީ ހަމައެކަނި ބޭރުގެ ތަރިންނެވެ. މި މީހުންގެ އިތުރުން ދިވެހި މަޝްހޫރު ބައެއް ލަަވަ ކިޔުންތެރިން ވެސް މިރޭގެ ޝޯގައި ފެންނާނެ އެވެ.

"މިއީ ވަރަށް ތަފާތު ޝޯއަކަށް ވާނެ. އެކަން ޝޯ ބަލާލީމައި ކޮންމެ ބޭފުޅަކަށް ވެސް ފާހަގަ ވާނެ،" އެމްއައިޓީޑީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެހެން އަހަރުތަކެކޭ އެއް ފަދައިން މިރޭ ވެސް، ގިނަ އިރުތަކެއް ވާންދެން އެ ސަރަހައްދުގައި ހަވާ އަރުވާނެ އެވެ. އަދި މިއީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރި އަހަރު ކަމަށް ވުމުން، އެކަން ފާހަގަކުރަން ޓޫރިސްޓް ކައުންޓް ޑައުން ވެސް ބާއްވާނެ އެވެ.

އާއްމުކޮށް ހުޅުވާލައިގެން އޮންނަ މި ޝޯ، އިށީނދެ ތިބެ ބެލުމަށް 1000 ގޮނޑި ޖަހާނެ އެވެ. އަދި 8،000 އެއްހާ މީހުންނަށް ކޮޅަށް ހުރެ ޝޯ ބެލޭނެ ކަމަށް އެމްއައިޓީޑީސީން ބުންޏެވެ.

މުޅި މި ޝޯގެ ސެކިއުރިޓީ ބަލަހައްޓާނީ ފުލުހުންނެވެ.