Roadha Mihaaru
އާ އަހަރަށް ގިނަ ގެސްޓްހައުސްތައް ފުރިއްޖެ

އާ އަހަރަށް ގިނަ ގެސްޓްހައުސްތައް ފުރިއްޖެ

29 ޑިސެމްބަރ 2019

އާ އަހަރާ ދިމާކޮށް ރާއްޖޭގެ ގިނަ ގެސްޓްހައުސްތައް ފުރިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އާ އަހަރާ ދިމާކޮށް ރާއްޖޭގެ ގިނަ ގެސްޓްހައުސްތައް ފުރިއްޖެ އެވެ.

ބައެއް ގެސްޓްހައުސްތަކުން ބުނީ އާ އަހަރުގެ ފުރަތަމަ ހަފުތާއަށް މިހާރު ވެސް ކޮޓަރިތައް ވިއްކާފައިވާ ކަމަށެވެ. މިއީ މިދިއަ އަހަރު ވެސް ރާއްޖޭގެ ގިނަ ގެސްޓްހައުސްތަކުން ތަޖުރިބާކުރި ފުލްވުމެކެވެ.

"މިދިޔަ އަހަރު ވެސް އާ އަހަރު އުޅުނީ މިކަހަލަ ގޮތަކަށް،" ހަތް ރޫމް ހުންނަ މާފުށި ވިލޭޖު ގެސްޓްހައުސްގެ ވެރިޔާ ހަސަން ސާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަންނަ މަހު 10އާ ހަމައަށް ވެސް އެ ގެސްޓްހައުސް ވަނީ ފުލްވެފަ އެވެ.

ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ރާއްޖެ އަންނަ ޓޫރިސްޓުން ގިނަ ނަމަވެސް ބައެއް ގެސްޓްހައުސްތަކުގައި އާ އަހަރުގެ ޗުއްޓީ ހޭދަކުރަން ސަމާލުކަން ދޭ ދިވެހިންގެ އަދަދު ވެސް މިހާރު މަދެއް ނޫނެވެ. ރާއްޖޭގައި އެންމެ ގިނަ އެނދު އޮޕަރޭޓްކުރާ މާފުށީގެ އޮކިއުޕެންސީއަށް ބެލި ނަމަވެސް އެކަން އެނގެ އެވެ.

މިހާރު މާފުށީގައި ހުރި ގެސްޓްހައުސްތަކުގައި ގާތްގަނޑަކަށް 1،500 އެނދު ހިމެނެ އެވެ. އެ ރަށުގެ ޓޫރިޒަމް ދާއިރާގެ ބައެއް މީހުން ބުނާ ގޮތުގައި އެރަށުގައި ޗުއްޓީ ހޭދަކުރާ މީހުންގެ 30 ޕަސެންޓަކީ ދިވެހިންނެވެ.

އއ. އުކުޅަހުގައި ހިންގާ ބީޗް ރެޒިޑެންސްގެ ޑިރެކްޓަރު މޫސާ ނައީމު ވިދާޅުވީ އަންނަ މަހުގެ މެދާ ހަމަޔަށް އެރަށުން ރޫމެއް ހޯދުން ދަތިވާނެ ކަމަށެވެ.

ރާއްޖޭގެ ގެސްޓްހައުސްއެއްގެ ޕޫލް އޭރިއާ -- ފޮޓޯ: މިހާރު

ރާއްޖޭގެ ގެސްޓްހައުސްއެއްގެ ޕޫލް އޭރިއާ -- ފޮޓޯ: މިހާރު

"ކެންސަލޭޝަނަށް ބަލާފައި ދޭއް ނުވަތަ ތިން ރޫމަށް އިތުރަށް މީހުން ނަގަން. އާންމުކޮށް، ކެންސަލް ނުކޮށްފިއްޔާ، އެހެން ގެސްޓްހައުސްތަކުން ވެސް ރޫމް ހަމަޖެއްސޭ. މިފަހަރު އެގޮތަށް ވެސް ރޫމް ހޯދަން މިވަނީ ވަރަށް ބޮޑަށް ދަތިވެފައި،" އޭނާ ވިދާޅުވި އެވެ.

އުކުޅަކުގައި ހިންގާ 30 ގެސްޓްހައުސްގައި ގާތްގަނޑަކަށް 260 އެނދު ހިމެނެ އެވެ.

ނައީމް ވިދާޅުވި ގޮތުގައި މިދުވަސްވަރު މުޅި ރަށް އޯވާ ބުކްވި ނަމަވެސް މިިދިޔަ އަހަރަށް ވުރެ މި އަހަރުގެ އެކި ދުވަސްވަރުގެ ރޭޓްތައް ތަންކޮޅެއް ދަށެވެ.

މި ދުވަސްވަރު އެ ރަށުގައި އާންމުކޮށް ރޫމެއްގެ އަގު އުޅެނީ 100 ޑޮލަރާއި 200 ޑޮލަރާ ދެމެދުގަ އެވެ. މި އަހަރު އޮފް ސީޒަންގައި 40 ޑޮލަރަށް ވެސް ރޫމް ވިއްކި އެވެ.

އދ. ދިގުރަށުގެ ވައިޓް ސޭންޑް ގެސްޓްހައުސްގެ މެނޭޖަރު އަހުމަދު ރީހާން ވިދާޅުވީ އާ އަހަރަށް އާންމު ގޮތެއްގައި ދެ މަސް ދުވަސް ކުރިން ރޫމްތައް ބުކްކުރާ ކަމަށެވެ. އެ ގެސްޓްހައުސްއަށް އެންމެ ގިނައިން ދަނީ އިޓަލީންނާއި ރަޝިޔާގެ ޓޫރިސްޓުން ކަމަށް އޭނާ ވިދާޅުވި އެވެ.

ވައިޓް ސޭންޑް ގެސްޓްހައުސްގައި 24 އެނދު ހުންނަ އިރު މިދިޔަ އަހަރުގެ މި ދުވަސްވަރުގެ އޮކިއުޕެންސީ އުޅުނީ 80 ޕަސެންޓުގަ އެވެ. އެކަމަކު މި އަހަރު އެއަށް ވުރެ މާ ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

ބ. ދަރަވަންދޫގެ ބަޔޯސްފިޔާ އިންގެ އޯނަރު އަހުމަދު ސާދާތު ވިދާޅުވީ އާ އަހަރުގެ ފުރަތަމަ ހަފްތާއަށް އެތަން ފުލްވެފައި އޮތް ކަމަށެވެ. އަދި ޖެނުއަރީ މެދުން ފެށިގެން ފެބްރުއަރީ މަހު ވެސް އުޅޭނީ ފުލްކޮށް ކަމަށް ވިދާޅުވި އެވެ.