Roadha Mihaaru
އާ އަހަރު ފާހަގަކުރުމަށް ޚާއްސަ ޝޯއެއް

އާ އަހަރު ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ ޚާއްސަ ޝޯއެއް

28 ޑިސެމްބަރ 2019

އާ އަހަރު ފާހަގަކުރުމުގެ ކައުންޓް ޑައުން ޝޯ މި ފަހަރު ބާއްވަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އާ އަހަރު ފާހަގަކުރުމުގެ ކައުންޓް ޑައުން ޝޯ މި ފަހަރު ބާއްވަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

މިއީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމަށް އައި ފަހުން އާ އަހަރު ފާހަގަކުރުމަށް ބާއްވާ ފުރަތަމަ ޝޯ އެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ކަމަށް ވާއިރު، 2019 ގެ ފެށުން ފާހަގަކުރަން ޝޯ އެއް ނުބާއްވަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އިންތިޒާމުކުރާ، މި ފަހަރުގެ އާ އަހަރުގެ ޝޯ ގައި ރާއްޖޭގެ ފާހަގަކޮށްލެވޭ ފަންނާނުން ބައިވެރިވާނެ ކަމަށް އެ މިނިސްޓްރީން މިއަދު ބުންޏެވެ. އޭގެ ތެރޭގައި ޝަލަބީ އިބްރާހިމް އާއި ޒާރާ މުޖްތަބާ އާއި މުހައްމަދު ޝިއުޒް އާއި ބޮޑުބެރު ބޭންޑެއް ކަމުގައިވާ "ނާބަ" ބޭންޑުގެ ހުށަހެޅުންތައް ފެންނާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބާއްވާ ހަރަކާތްތަކުގައި މިިދިޔަ އަހަރެއްހާ ދުވަހު ވެސް އެހީތެރިކަން ހޯދީ ދިވެހި ފަންނާނުންގެ ފަރާތުންނެވެ.

ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ރަށްތައް މި މަހުގެ 17 ވަނަ ދުވަހު އިއުލާން ކުރި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ، އެމިނިސްޓްރީން ބާއްވާ ހަރަކާތްތަކުގައި އަބަދުވެސް، ދިވެހި ފަންނާނުންނަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ފަންނާނުންނަށް އޮތް ފުރުސަތުތައް އިތުރު ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާ އަހަރު ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީން ބާއްވާ ހާއްސަ ޝޯ ފެށޭނީ އަންނަ އަންގާރަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި 8:30 ގަ އެވެ.

އާ އަހަރު ފާހަގަކުރުގެ ހަރަކާތްތައް ސަރުކާރުން ކުރިއަށްގެންދާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހަވާގެ ކުޅިވަރުތަކާ އެކު ކޮންމެ އަހަރެއްގެ އާ އަހަރު ފާހަގަކުރުމަށް ހާއްސަ ޝޯތަކެއް ބާއްވާފައިވެ އެވެ. މި ހަރަކާތްތައް އޭރު ކުރިއަށް ގެންގޮސްފައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގުޅިގެންނެވެ. އެ ޝޯތަކަށް ރާއްޖޭން ބޭރުގެ ފަންނާނުން ގެނެސްފައިވެ އެވެ.