Roadha Mihaaru
މަރުގެ އަދަބާ ދެކޮޅަށް އީޔޫން ދިވެހި އެމްބަސީ އަށް!

ރާއްޖޭގައި މަރުގެ އަދަބު ނުދޭން ގޮވާލައި އީޔޫ އާއި އަށް ގައުމަކުން ދިވެހި އެމްބަސީ އަށް!

11 ޖުލައި 2016

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ނުކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެ އިއްތިހާދާ ގުޅުން އޮތް އަށް ގައުމަކުން ރާއްޖެ އަށް މިއަދު ރަސްމީކޮށް އަންގައިފި އެވެ.

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ނުކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެ އިއްތިހާދާ ގުޅުން އޮތް އަށް ގައުމަކުން ރާއްޖެ އަށް މިއަދު ރަސްމީކޮށް އަންގައިފި އެވެ.

އީޔޫގެ އިތުރުން އިނގިރޭސިވިލާތާއި ނެދަލެންޑްސް އާއި ސްވިޓްޒަލެންޑާއި އިޓަލީ އާއި ނޯވޭ އާއި ފްރާންސް އަދި ކެނެޑާ އާއި އޮސްޓްރޭލިއާގެ ސަފީރުންނާއި ނައިބުން ވަނީ ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނަށް ވަޑައިގެން، ޑެމާޝްއެއް ހަވާލުކޮށްފަ އެވެ. ޑެމާޝްއަކީ އެ ގައުމަކުން ރަސްމީކޮށް ދެކޭ ގޮތް އަނެއް ގައުމަށް ހާމަކުރަން ހާރިޖީ ދާއިރާގެ ފަރާތްތަކުން ނެރޭ އެއްޗެކެވެ.

ދިވެހި ސަފީރު ޒާހިޔާ ޒަރީރާ ހަވާލު ކުރި މި ޑެމާޝްގައި އެ ގައުމުތަކުން ވަނީ މަރުގެ އަދަބު ނުދީ އޮތް އޮތުން ދަމަހައްޓަން ސަރުކާރަށް ގޮވާލާފަ އެވެ. ކޮންމެ ޝަރުއީ ނިޒާމެއްގައި ވެސް ބޭއިންސާފަށް ޖާގަ އޮންނަ ކަމަށާއި އެހެންވެ މަރުގެ އަދަބު ދީގެން ނުވާނެ ކަމަށް އެ ގައުމުތަކުން ބުނެފައިވެ އެވެ.

"މަރުގެ އަދަބު ދީގެން ކުށް ކުރުން ނުހުއްޓުވޭކަން ވަނީ ސާބިތުވެފަ އެވެ. އެއީ އިންސާނީ ކަރާމާތާ ދިމާ އިދިކޮޅު އަދަބެކެވެ،" ޑެމާޝްގައިވެ އެވެ.

އީޔޫ އާއި ގުޅިފައިވާ ގައުމުތަކުގެ ސަފީރުން ޑިމާޝް ހުށަހަޅުއްވަން މިއަދު ދިވެހި ހައި ކޮމިޝަންގައި.-- ފޮޓޯ: އީޔޫ

އީޔޫ އާއި ގުޅިފައިވާ ގައުމުތަކުގެ ސަފީރުން ޑިމާޝް ހުށަހަޅުއްވަން މިއަދު ދިވެހި ހައި ކޮމިޝަންގައި.-- ފޮޓޯ: އީޔޫ

މަރުގެ ހުކުމް އިއްވާފައިވާ ދެ މީހެއްގެ ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށް، އެ މީހުން މަރަން ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. އެއީ މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީގެ ގާތިލު ހުސެން ހުމާމް އަހުމަދާއި ގާނޫނީ ވަކީލު އަހުމަދު ނަޖީބުގެ ގާތިލު އަހުމަދު މުއްރަތެވެ. އެ ދެ މީހުންނަށް އިއްވި މަރުހެ ހުކުމަށް ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި ހުރި މަރުގެ މައްސަލަތައް ބާރު ސްޕީޑެއްގައި ކުރި އަށް ގެންދަން ފެށީ އެ މައްސަލަތައް އަވަހަށް ނިންމައި މަރުގެ އަދަބު ތަންފީޒު ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ފަހުންނެވެ. އެ މަނިކުފާނު މިދިޔަ ހަފުތާގައި ވެސް ވަނީ މަރުގެ އަދަބު ތަންފީޒު ކުރަން ސަރުކާރުން ނިންމި ނިންމުން ދިފާއު ކުރައްވާފަ އެވެ.

ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމަކަށް ހުމާމް ވައްދަނީ: ހުމާމްގެ އިތުރުން މުއްރަތު މަރަން ކުރި ހުކުމް ވެސް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓާފައި.-- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމަކަށް ހުމާމް ވައްދަނީ: ހުމާމްގެ އިތުރުން މުއްރަތު މަރަން ކުރި ހުކުމް ވެސް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓާފައި.-- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގަވާއިދުގެ ދަށުން ލީތަލް އިންޖެކްޝަން ޖަހައިގެން ނުވަތަ ދަން ޖައްސައިގެން މަރުގެ އަދަބު ދެވޭއިރު، މަރުގެ އަދަބު ދޭން ހަމަޖައްސާފައިވާ ދުވަހު ވެސް މަރުވި މީހާގެ ވާރިސަކު ގާތިލަށް މާފުކޮށްފި ނަމަ އެ މީހަކު މަރުގެ އަދަބުން ސަލާމަތް ވާނެ އެވެ. އެކަމަކު އެ ހާލަތުގައި ތައުޒީރީ އަދަބެއް އެ މީހަކަށް ދެވި ދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވަންދެން މަރުގެ އަދަބު ނުދީ އޮތުމަށް ފަހު އެކަން ކުރަން އުޅޭތީ ބޭރުގެ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި އދ. އާއި އީޔޫގެ އިތުރުން އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތައް ހިމެނެ އެވެ. އަދި ހުމާމްގެ ޝަރީއަތް އިންސާފުވެރި ނޫން ކަމަށް ބުނެ، އޭނާ މެރުމާ ދެކޮޅަށް ރާއްޖޭގެ ޖަމިއްޔާތަކުން ވެސް އަންނަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.