ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލައި، ސިޔާސީ ބޭފުޅުން މިނިވަން ނުކޮށްފި ނަމަ ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިނުމަކީ ވެސް ރާއްޖެއަށް އެޅި ފިޔަވަޅެއް ކަމަށާއި އޭގެ ގެއްލުން ކުރާނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.
26 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލައި، ސިޔާސީ ބޭފުޅުން މިނިވަން ނުކޮށްފި ނަމަ ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިނުމަކީ ވެސް ރާއްޖެއަށް އެޅި ފިޔަވަޅެއް ކަމަށާއި އޭގެ ގެއްލުން ކުރާނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.
އީޔޫގެ ކައުންސިލުން މިއަދު ފާސްކުރި ގަރާރުގައި ރާއްޖެ އަށް ގޮވާލާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށާއި އަސާސީ ހައްގުތައް އަނބުރާ ދިނުމަށާއި ހައްޔަރު ކޮށްފައިވާ ސިޔާސީ ބޭފުޅުން ވަގުތުން ދޫކޮށްލުމަށެވެ. ރާއްޖޭގެ ހާލަތު ރަނގަޅު ނުވާ ނަމަ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު އެ ގަރާރުގައި ވަނީ ދީފަ އެވެ. އަދި ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމާ މެދު އެ ގަރާރުގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން، އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އީޔޫ އިން ރާއްޖެއާ މެދު ފިޔަވަޅެއް އެޅިޔަސް އަދި ނޭޅިޔަސް، އެ ޖަމާއަތުން ފާސްކުރި ގަރާރަށް ފަހު އޭގެ ގެއްލުން ރާއްޖެ އަށް ލިބެން ފަށާނެ ކަމަށެވެ. އެގޮތުން އީޔޫގެ ބޭންކުތަކާއި އިންވެސްޓަރުން ރާއްޖެ އަށް ޝައުގުވެރިވާ މިންވަރު މަދުވުމާއި އީޔޫގެ ގައުމުތަކުގެ ފަތުރުވެރިން އައުން މަދުވުމުގެ ފުރުސަތު އެބައޮތް ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނީމާ އެއީ އޭގެ ޒާތުގައި ވަރަށް ހަރުކަށި ފިޔަވަޅެއް. އޭގެ ނަތީޖާ އަޅުގަނޑުމެންގެ ރާއްޖެ އަށް ނުރަނގަޅު ގޮތުގައި ފޯރަފާނެ ކަމެއް އެއީ. ރާއްޖޭގެ ވަކިވަކި ފަރުދުންގެ މައްޗަށް ފިޔަވަޅު އަޅާފާނެ ކަމަށް ޔޫރަޕިއަން ކައުންސިލުން ބުނުމުން އެއިން އަޅުގަނޑުމެންނަށް މި ދޭހަކޮށް ދެނީ ޔޫރަޕްގެ އިންވެސްޓަރުންނާއި ޔޫރަޕްގެ ބޭންކްތަކާއި ޔޫރަޕުން ރާއްޖެ އަށް މިހާރު ދަތުރު ކުރަން ވިސްނަމުންދާ ފަތުރުވެރިންނަށް މީގެ އަސަރު ކުރާނެ ކަމަށް،" ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން ރާއްޖޭގެ ކަންކަމާ ބެހޭގޮތުން ބަސް ބުނެފައި ވަނީ އީޔޫގެ ޕާލަމެންޓުންނެވެ. އެކަމަކު މިފަހަރު ރާއްޖެއާ ދެކޮޅަށް ގަރާރު ފާސްކުރި އީޔޫގެ ކައުންސިލަކީ އެ ޖަމާއަތުގެ އެންމެ ބާރު ގަދަ ފަރާތް ކަމަށް ޝާހިދު ވިދާޅުވި އެވެ.
"މިއީ ޔޫރަޕިއަން ކައުންސިލުން، ގައުމުތަކުގެ އެންމެ މަތީ ވެރިންގެ ފެންވަރުގައި މި ނިންމުން ނިންމި ފުރަތަމަ ފަހަރު. މިއީ މިކަމުގައި އަޅުގަނޑުމެން ސަމާލުވާން ޖެހޭ ސަބަބަކީ. މިއީ ޕާލަމެންޓުން ޚިޔާލު އަންގާ އެންގުމެއް ނޫން. މިއީ ގައުމުތަކުގެ އެންމެ އިސްވެރިންގެ މަންދޫބުން މިކަން ކުރުމަށް ނިންމި ނިންމުން. ކޮންކްލޫޝަން މިއަށް މި ކިޔަނީ،" ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު ވިދާޅުވި އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ އީޔޫ ކައުންސިލްގެ ގަރާރުގައި ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ރާއްޖެ އަށް ދިނުމުން އެތައް ގައުމެއްގެ ކުރިމަތީގައި ރާއްޖޭގެ އަގު ވެއްޓިގެން ދިޔައީ ކަމަށެވެ. އަދި އެ ގަރާރު ފާސް ކުރުމާ އެކު އީޔޫގެ އެއްވެސް ގައުމަކުން ރާއްޖެ އަށް އިންވެސްޓް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގަރާރު އޮތްގޮތުން ވަކިވަކި ފަރުދުންނާ މެދު ފިޔަވަޅު އެޅި، ވަކިވަކި ފަރުދުންނަށް ވެސް އޭގެ ގެއްލުން ކުރިމަތިވެދާނެ ކަމަށް އަމީތު ވިދާޅުވި އެވެ.
"މިއަދު މި އައި އިންޒާރު މިއީ އާދައިގެ ކަމެއްގެ ގޮތުގައި ނަގައިގެން ކުރިއަށް ގޮސްފި ކަމުގައިވާ ނަމަ ވަކިވަކި ފަރުދުންނަށް ވެސް ވަރަށް ހިތްދަތި ކަންކަމާ ކުރިމަތިވެދާނެ. މިސާލަކަށް ވަކި ފަރުދަކުން ރާއްޖެއިން ބޭރަށް ދަތުރު ކުރުން މަނާ ކުރެވިއްޖެ ކަމަށްވާ ނަމަ ނުވަތަ ބޭންކް އެކައުންޓްތައް ފްރީޒް ކުރެވިއްޖެ ކަމަށްވާ ނަމަ، އެ ހާލަތަށް ދައުލަތް ގޮސްގެން ނުވާނެ،" އަމީތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ހާލަތަށް ރާއްޖޭގެ ކަންކަން ދިޔައީ ސަރުކާރުން އަމަލު ކުރަމުން ދިޔަ ގޮތުންނެވެ. އެހެންވެ، އިތުރަށް ބަޔާންތައް ނެރެގެން ދުނިޔެ އަށް އޮޅުވާލަން ސަރުކާރުން މަސައްކަތް ކޮށްފި ނަމަ އޭގެ ގެއްލުން ވެސް ރާއްޖެ އަށް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އީޔޫގެ ކައުންސިލްގެ ގަރާރުގައި ފާހަގަކުރާ ކަންކަން އިސްލާހު ކުރަން ވެސް އަމީތު ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ.
"އިތުރަށް އާ ވާހަކައެއް ނެތް. މި ގަރާރުގައި މި ހުރި ވާހަކަތަކަކީ ދިވެހި ރައްޔިތުން ފެށުނީއްސުރެ އިސްލާހު ކުރަން ސަރުކާރަށް ގޮވާލަމުންދާ ކަންކަމުގެ ވާހަކަ. އަޅުގަނޑުމެން އިހްތިޖާޖް ކުރަމުންދާ ކަންކަމުގެ ވާހަކަ. މި ކަންކަން އިސްލާހު ނުކޮށްފި ކަމަށްވާ ނަމަ ބައިނަލްްއަގްވާމީ މަސްރަހުން ރާއްޖެ އަށް ކުރިމަތިވާ ގޮންޖެހުންތައް އިތުރުވާނެ،" އަމީތު ވިދާޅުވި އެވެ.
އީޔޫގެ ކައުންސިލްގެ ގަރާރާ ގުޅިގެން ސަރުކާރުން ބުނެފައި ވަނީ އެ ގަރާރުގައި ގޮވާލާފައިވާ ކަންކަމަށް ސަރުކާރުން ތާއީދުކުރާ ކަމަށާއި އެކަމަކު އީޔޫ އިން ރާއްޖެއާ މެދު ފިޔަވަޅު ނާޅާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އީޔޫގެ ވަރުގަދަ އިންޒާރު: މިއީ ކުޑަ ކަމެއް ނޫން!
ހަރުކަށި ފިކުރާ ދެކޮޅަށް 43 މިލިއަންގެ ޕްރޮޖެކްޓެއް
އދ. އާއި އީޔޫ ނާންނަނީ ސުވާލު އުފެދޭތީއެއް ނޫން!
ރާއްޖެ އަށް ފިޔަވަޅު އެޅިޔަ ނުދޭން މަސައްކަތް ކުރާނަން
އީޔޫ އިން ރާއްޖެ އަށް ފިޔަވަޅު އަޅާކަށް ނޫޅޭ: ޝިއާން
ޕާޓީ ގޭމް ތެރެއަށް ޗައިނާ ނުވެއްދޭނެ: ސަފީރު
މިއީ އީޔޫ-ދިވެހިރާއްޖެ ގުޅުމުގެ އާ ސަފުހާއެއް: ސަފީރު
އިބޫގެ ސަރުކާރާއެކު މަސައްކަތް ކުރަން ބޭނުން: އީޔޫ
"ފިޔަވަޅު ނާޅަން އީޔޫގައި އެދޭކަށް އިބޫއަށް ނުކުރޭނެ"
ފިޔަވަޅު އަޅާ މީހުންގެ ލިސްޓެއް ނޫޅޭ: ޝިއާން