Roadha Mihaaru
އައިއެސް ބަލިކުރުމުގެ މަޝްވަރާ އަށް ކާޓާ އިރާގަށް

އައިއެސް ބަލިކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރަން ކާޓާ އިރާގަށް

11 ޖުލައި 2016

ބަޣުދާދު (ޖުލައި 11) - އިސްލާމިކް ސްޓޭޓް (އައިއެސް) ބަލިކޮށްލެވޭނެ ގޮތްތަކާ ބެހޭ ގޮތުން އިރާގުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީއާ އެކު މަޝްވަރާ ކުރުމަށް އެމެރިކާގެ ދިފާއީ ވަޒީރު އޭޝްޓަން ކާޓާ ކުއްލި ގޮތަކަށް މިއަދު ބަޣުދާދަށް ވަޑައިގެންފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (ޖުލައި 11) - އިސްލާމިކް ސްޓޭޓް (އައިއެސް) ބަލިކޮށްލެވޭނެ ގޮތްތަކާ ބެހޭ ގޮތުން އިރާގުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީއާ އެކު މަޝްވަރާ ކުރުމަށް އެމެރިކާގެ ދިފާއީ ވަޒީރު އޭޝްޓަން ކާޓާ ކުއްލި ގޮތަކަށް މިއަދު ބަޣުދާދަށް ވަޑައިގެންފި އެވެ.

މިއީ ފެބްރުއަރީ 2015 ގައި ޑިފެންސް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ކާޓާ އިރާގަށް ވަޑައިގެންނެވި ހަތަރު ވަނަ ފަހަރެވެ. ކާޓާ ވަޑައިގެންނެވި އިރު އިރާގުން ވަނީ މޮސޫލް ހިފުމުގެ އޮޕަރޭޝަން ފަށާ އެ ސިޓީއާ ކައިރީގައި އޮންނަ މުހިންމު ވައިގެ މަރުކަޒެއް ހިފައިފަ އެވެ.

ޖޫން 2104 ގައި އިރާގާއި ސީރިއާ އިން ބޮޑު ބައެއް އައިއެސް އިން ހިފި ނަމަވެސް އެ ޖަމާއަތުގެ އަތް ދަށުން މުހިންމު ތަންތަން ދާދި ފަހުން ގެއްލުމުގެ ކާމިޔާބީ ކާޓާގެ މި ދަތުރުގައި ފާހަގަ ކުރައްވާނެ އެވެ.

އިރާގަށް ދަތުރު ކުރެއްވި އަސްކަރީ މަތިންދާ ބޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކާޓާ ވިދާޅުވީ މޮސޫލް ހިފުމުގެ އޮޕަރޭޝަނާ ބެހޭ ގޮތުން ވެސް ބޮޑު ވަޒީރު އަބާދީ އަދި އެމެރިކާގެ ކޮމާންޑަރުންނާ އެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"އެންމެ ފަހުގެ އަމާޒަކީ އައިއެސްގެ އަތް ދަށުން އިރާގުގެ ހުރިހާ ބިމެއް ހިފުން. މި އޮޕަރޭޝަނުގެ އެންމެ މުހިންމު ބަޔަކީ މޮސޫލް،" ކާޓާ ވިދާޅުވި އެވެ.

އިރާގުން އައިއެސްގެ ބާރުގެ ދަށުގައި އޮތް ރަމާދީ އާއި ފައްލޫޖާ ދާދި ފަހުން ވަނީ އިރާގު ސިފައިން ހިފައިފަ އެވެ. އަދި ސީރިއާގެ އަލް ޝަދާދީ ވެސް ވަނީ އައިއެސްގެ ބާރުގެ ދަށުން އަތުލައިފަ އެވެ.