Roadha Mihaaru
އައިއެސް އިން އައްޑަނައަކަށް އާއްމުން ބޭނުން ކުރަނީ

އައިއެސް އިން ދަނީ އައްޑަނައަކަށް އާއްމުން ބޭނުން ކުރަމުން: އެމެރިކާ

19 އޮކްޓޯބަރ 2016

ވޮޝިންޓަން (އޮކްޓޯބަރު 19) - އިރާގުގެ މޫސަލްއާ ސިފައިން ކައިރިވަމުންދާ ވަރަކަށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދަނީ އާއްމުން އައްޑަނައަކަށް ބޭނުން ކުރަމުން ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އޮކްޓޯބަރު 19) - އިރާގުގެ މޫސަލްއާ ސިފައިން ކައިރިވަމުންދާ ވަރަކަށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދަނީ އާއްމުން އައްޑަނައަކަށް ބޭނުން ކުރަމުން ކަމަށް އެމެރިކާ އިން ބުނެފި އެވެ.

މޫސަލްގައި އާއްމުންގެ 700،000 މީހުން ތިބި ކަމަށް ބެލެވެ އެވެ. އަދި އައިއެސްގެ ގާތްގަނޑަކަށް 5،000 ހަނގުރާމަވެރިންނަށް ތިބި ކަމަށް ވެސް ވެ އެވެ. ހޯމަ ދުވަހު ފެށި އޮޕަރޭޝަނުގައި އިރާގު ސިފައިން ދަނީ މޫސަލްގެ ދެކުނުން އެ ސިޓީ އަށް ވަންނަމުންނެވެ. އަދި ކުރުދީ ހަނގުރާވެރިން ދަނީ އިރުމަތިން ހަމަލާ ދެމުންނެވެ. ހަނގުރާމަވެރިން މިހާރު ތިބީ މޫސަލްއާ 19-25 މޭލު ދުރުގައި ކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ.

މޫސަލް ހިފުމުގެ ހަނގުރާމައިގެ ތިން ވަނަ ދުވަހު އެ ސިޓީއާ ކައިރީގައިވާ ގަރަގޮޝް ހިފައިފި ކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ. ނަމަވެސް ސަރުކާރުގެ ކޮމާންޑަރަކު އެކަން ވަނީ ދޮގުކޮށްފަ އެވެ. އެމެރިކާ ކޯލީޝަނުން ބުނީ މިހާތަނަށް 10 އަވަށުން އައިއެސް ބޭރުކޮށްފައިވާ ކަމަށެވެ. ގަރަގޮޝްގައި ތިބި އައިއެސްގެ ސްނައިޕަރުންގެ ސަބަބުން ސިފައިންގެ ކުރިއެރުމަށް މަޑުޖެހުމެއް އަންނަ ކަމަށް ކޮމާންޑަރަކު ވަނީ ބުނެފަ އެވެ. މޫސަލްއާ 20 މޭލު ދުރުގައި އޮންނަ ގަރަގޮޝް އަކީ އިރާގުގައި ކްރިސްޓިއަނުން އެންމެ ގިނަ ޓައުނެވެ. އައި އެ ޓައުން މިނިވަންވުމުން ކްރިސްޓިއަނުން އުފާފާޅު ކުރަމުންދާ ކަމަށް ވެސް ވެ އެވެ.

ޕެންޓަގަންގެ ތަރުޖަމާން ކެޕްޓަން ޖެފް ޑޭވިސް ވިދާޅުވީ މޫސަލްގެ ހަނގުރާމަ ހޫނުވަމުން އަންނަ އިރު އައިއެސް އިން އިންސާނީ އައްޑަނަ ބޭނުން ކުރަމުންދާ ކަމަށެވެ. ރޮއިޓާސް އިން ބުނީ މޫސަލް އިން ފޯނުން ގުޅުނު ބައެއް ފަރާތްތަކުން ވަނީ އާއްމުން އެ ސިޓީން ނުކުތުމަށް އައިއެސް އިން ދެކޮޅު ހަދައިފައި ކަމަށް ބުނެފަ އެވެ. އަދި ވައިގެ ހަމަލާތައް އަމާޒުވެދާނެ ކަމަށް ބެލެވޭ އިމާރާތްތަކަށް އާއްމުން ޖަމާކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

އދ. އިން ދަނީ މޫސަލްގެ ބޭރުގައި ރެފިއުޖީ ސައިޓެއް ގާއިމް ކުރަމުންނެވެ. އިރާގަށް ކަނޑައަޅާފައި ހުންނަ އދ. ގެ ހިއުމެނިޓޭރިއަން ކޯޑިނޭޓަރު ލިސޭ ގްރޭންޑް ވިދާޅުވީ މޫސަލްގެ ހަނގުރާމައިގެ ފުރަތަމަކޮޅު ދެ ލައްކަވަރަކަށް ރެފިއުޖީންނަށް ހިޔާވަހިކަން ބޭނުންވާނެ ކަމަށެވެ.