Roadha Mihaaru
އައިއެސްގެ ލީޑަރުގެ ބޮލަށް އެމެރިކާ އިން 25 މިލިއަން ޑޮލަރު

އައިއެސްގެ ލީޑަރު ބަޣުދާދީގެ ބޮލަށް އެމެރިކާ އިން 25 މިލިއަން ޑޮލަރު

19 ޑިސެމްބަރ 2016

ވޮޝިންޓަން (ޑިސެމްބަރު 19) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީގެ ބޮލަށް އެމެރިކާ އިން ކުރިން ހުށަހަޅާފައިވާ އަދަދު ދެ ގުނަކޮށް، 25 މިލިއަން ޑޮލަރު ހުށަހަޅައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޑިސެމްބަރު 19) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީގެ ބޮލަށް އެމެރިކާ އިން ކުރިން ހުށަހަޅާފައިވާ އަދަދު ދެ ގުނަކޮށް، 25 މިލިއަން ޑޮލަރު ހުށަހަޅައިފި އެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ "ރިވޯޑް ފޯ ޖަސްޓިސް ޕްރޮގްރާމް" ގެ ދަށުން، އައިއެސްގެ ލީޑަރު އަތުލައިގަތް މީހަކަށް ދޭ އިނާމު ބޮޑުކޮށްފައި މި ވަނީ އައިއެސް އިން ބާރުގަދަކޮށްފައިވާ އިރާގުގެ މޫސަލް އާއި ސީރިއާގެ ރައްގާ ހިފަން ވަރުގަދަ އޮޕަރޭޝަނެއް ފަށާފައި ވަނިކޮށެވެ.

"އެމެރިކާ އިން ފައިސާ ދޭނީ ބަޣުދާދީ ހުރި ތަނަކާ ބެހޭ މައުލޫމާތު ދޭ މީހަކަށް ނުވަތަ އޭނާ އަތުލައިގަތުމަށް މަގުފަހިވާ މައުލޫމާތެއް ދޭ މީހަކަށް. ބަޣުދާދީގެ ބެލުމުގެ ދަށުން ހިންގާ އައިއެސް އިން ވަނީ އާއްމުންގެ އެތައް ބަޔަކު މަރާފައި. އޭގެ ތެރޭގައި ޖަޕާނާއި އެމެރިކާ، އިނގިރޭސި ވިލާތުން ރަހީނު ކުރި މީހުން ވެސް ހިމެނޭ،" ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެ އެވެ. "ބައިނަލްއަގުގާމީ ގާނޫނުތަކާ ޚިލާފަށް އައިއެސް އިން ވަނީ އިރާގާއި ސީރިއާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށް އަދި ދުނިޔޭގެ އެކި ހިސާބުތަކުގައި ޓެރަރިސްޓް ހަމަލާތައް ދީފައި."

އައިއެސްގެ ޚިލާފަތު ޖޫން، 2014 ގައި މޫސަލްގައި އިއުލާންކުރި ފަހުން ބަޣުދާދީ އާއްމުންގެ ތެރޭން ފެނިފައި ވަނީ މަދު ފަހަރެއްގަ އެވެ. އެކަމަކު ބަޣުދާދީ މިދިޔަ މަހު ވަނީ މޫސަލް ދިފާއު ކުރުމަށް އޯޑިއޯ މެސެޖެއްގައި އޭނާގެ ސަޕޯޓަރުންނަށް ގޮވާލައިފަ އެވެ. ބަޣުދާދީ މިހާރު ހުރި ތަނެއް ނޭނގެ އެވެ.

ބަޣުދާދީއާ ބެހޭ ގޮތުން އައިއެސް އިން މިހާތަނަށް ހާމަކޮށްފައި ވަނީ އެންމެ ވީޑިއޯއެކެވެ. އެމެރިކާ ކޯލީޝަނުގެ ހަމަލާތަކުގައި ބަޣުދާދީ ޒަޚަމްވި ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެފައިވެ އެވެ.

އިރާގު ސަރުކާރުގެ ރަސްމީ ލިޔުންތަކުގައިވާ ގޮތުން ބަޣުދާދީ އުފަންވެފައި ވަނީ 1971 ވަނަ އަހަރު ސަމައްރާގަ އެވެ. އަދި އޭނާގެ ފުރަތަމަ އަނބި މީހާ އަށް ހަތަރު ކުދިން ލިބިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އެއީ ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ. އިރާގުގެ އިންޓަލިޖެންސް ރިޕޯޓްތައް ބުނާ ގޮތުގައި އިސްލާމިކް ސްޓަޑީޒް އިން ބަޣުދާދީ ވަނީ ޕީއެޗްޑީ ނަގައިފަ އެވެ. އަދި ތިކްރީތު ޔުނިވާސިޓީގެ ޕްރޮފެސަރުކަން ވެސް ކޮށްފައިވެ އެވެ.