Roadha Mihaaru
70،000 އަށްވުރެ ގިނަ ޓެބްލެޓް ހޯދަން ހަވާލުކޮށްފި

70،000 އަށްވުރެ ގިނަ ޓެބްލެޓް ގަންނަން ބަޔަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2018

ދަރިވަރުންނަށާއި ޓީޗަރުންނަށް ބޭނުންވާ 70،000 އަށް ވުރެ ގިނަ ޓެބްލެޓް ގަންނަން އެޑިއުކޭޝަން މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރިވަރުންނަށާއި ޓީޗަރުންނަށް ބޭނުންވާ 70،000 އަށް ވުރެ ގިނަ ޓެބްލެޓް ގަންނަން އެޑިއުކޭޝަން މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ ޓެބްލެޓް ގަންނަން މެކްސްކޮމް ކިޔާ ކުންފުންޏަކަށް މިދިޔަ މަހުގެ ފަހުކޮޅު ހަވާލުކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއް މި އަހަރު ޑިޖިޓަލައިޒް ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ރައްޔިތުންގެ މަޖިލީހަށް ދައުލަތުގެ މި އަހަރުގެ ބަޖެޓް ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ ޓެބްލެޓް ބޭނުންކުރުމުގެ މަޝްރޫއަށް 154 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށެވެ.

ޝަފީއު ވިދާޅުވީ ޓެބްލެޓް ބޭނުން ކުރަން ޓީޗަރުން ތަމްރީނުކުރަން މިދިޔަ އަހަރު ފަށާފައިވާ ކަމަށެވެ. އެ ގޮތުން މި އަހަރުގެ ފުރަތަމަ ޓާމް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އެ ބޭނުންކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.

"ހުރިހާ ޓީޗަރުންނަށާއި ދަރިވަރުންނަށް ޓެބްލެޓް ހޯދަން މި ހަވާލުކުރީ. އެ އެއްޗެހި ބޭނުން ކުރުމާ މެދު ޓީޗަރުންނާއި ދަރިވަރުން ވެސް ތަމްރީނު ކުރަމުން އަންނަ އިރު، މިދިޔަ އަހަރުގެ ތެރޭގައި އެ މަސައްކަތް ފަށައިފިން،" ޝަފީއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓެބްލެޓް ބޭނުންކުރުމުގެ ކުރިން ކްލާސްރޫމްތަކަށް ވައިފައި ގުޅުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ފޮތްތަކާއެކު މި އަހަރުގެ ތެރޭގައި ޓެބްލެޓް ބޭނުން ކުރަން ފަށާނެ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފަ އެވެ.

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށަން ހަމަޖައްސާފައިވަނީ އަންނަ އާދިއްތަ ދުވަހެވެ.