Roadha Mihaaru
ސަރުކާރުގެ ބޯޑުތަކުން ޖަނާ އިސްތިއުފާ ދެއްވައިފި

ސަރުކާރުގެ ބޯޑުތަކުން ޖަނާ އިސްތިއުފާ ދެއްވައިފި

05 މެއި 2019

މަޝްހޫރު ވިޔަފާރިވެރިޔާ، އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) ހިމެނިވަޑައިގަންނަވާ ސަރުކާރުގެ ހުރިހާ ބޯޑަކުން އޭނާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މަޝްހޫރު ވިޔަފާރިވެރިޔާ، އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) ހިމެނިވަޑައިގަންނަވާ ސަރުކާރުގެ ހުރިހާ ބޯޑަކުން އޭނާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ޖަނާ އިސްތިއުފާ މި ދެއްވީ، މި މަހުގެ އެއް ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވައިލެއްވި މުސާރަ އާއި އުޖޫރައާ ބެހޭ ބޯޑަށް ޖަނާ އައްޔަން ކުރެއްވުމުން، ސަރުކާރަށް ތާއީދުކުރާ މީހުންގެ ބޮޑެތި ފާާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

އިސްތިއުފާ ދެއްވިކަން "މިހާރު" އަށް ޔަގީން ކޮށްދެއްވަމުން ޖަނާ ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރެއްވީ އަމިއްލަ ވިޔަފާރީގެ ތެރެއިން ސަރުކާރަށް އެހީތެރިވެ ދެއްވަން ކަމަށެވެ. މަގާމުތަކުން އިސްތިއުފާ ދެއްވުމުން އަމިއްލަ ވިޔަފާރި އަށް އިތުރަށް ސަމާލުކަން ދެއްވޭނެ ކަމަށް ވިދާޅުވި އެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މުސާރަ އާއި އުޖޫރައާ ބެހޭ ބޯޑުގެ އިތުރުން ޖަނާ ހިމެނިވަޑައިގަންނަވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ބޯޑާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދި މޯލްޑިވްސް ބިލްޑިން އެންޑް ކޮންސްޓްރަކްޝަން ބޯޑުގަ އެވެ. އެވެ. ޖަނާ ހުންނެވީ އެ ބޯޑުގެ ޗެއާމަނަކަށެވެ.

މުސާރަ އާއި އުޖޫރައާ ބެހޭ ބޯޑަށް ޖަނާ އައްޔަން ކުރެއްވުމާ އެކު އޭނާ އަށް ތުހުމަތުކުރީ، މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ނުދޭ ކަމަށް ބުނެ އެވެ. އޭގެ އިތުރުން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުބަލައި މަސައްކަތް ކުރުވާ ކަމުގެ ޝަކުވާ ވެސް ބައެއް މީހުން ވަނީ ކޮށްފަ އެވެ.

ނަމަވެސް އެ ތުހުމަތުތައް ޖަނާ ދޮގުކުރައްވަ އެވެ.

ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާތާ ގިނަ އަހަރުތަކެއް ވެފައިވާ ޖަނާ އަކީ އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިފް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ)ގެ ރައީސް ވެސް މެ އެވެ.