Roadha Mihaaru
މިސްރުގެ ރިޔާސީ ރޭހުން ޝާފިކް ވަކިވެއްޖެ

މިސްރުގެ ރިޔާސީ ރޭހުން ޝާފިކް ވަކިވެއްޖެ

08 ޖެނުއަރީ 2018

ގާހިރާ (ޖެނުއަރީ 8) - މިސްރުގައި މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުލް ފައްތާހު ސީސީއާ ވާދަކުރައްވާނެކަން އިއުލާން ކުރެއްވި ކުރީގެ ބޮޑު ވަޒީރު އަހްމަދު ޝާފިކްގެ ނިންމުން ބަދަލުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގާހިރާ (ޖެނުއަރީ 8) - މިސްރުގައި މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުލް ފައްތާހު ސީސީއާ ވާދަކުރައްވާނެކަން އިއުލާން ކުރެއްވި ކުރީގެ ބޮޑު ވަޒީރު އަހްމަދު ޝާފިކްގެ ނިންމުން ބަދަލުކޮށްފި އެވެ.

މާޗު އޮންނަ ރިޔާސީ އިންތިޚާބުގައި ސީސީއާ އެންމެ ބޮޑަށް ވާދަކުރާނެ ކެންޑިޓާކީ ވެސް ޝާފިކް، 76، ކަމަށް ބެލެވުނެވެ. ނަމަވެސް އޭނާ އެންމެ ފަހުން ވިދާޅުވެފައި ވަނީ މިސްރުގެ ވެރިކަމަށް އަންނަން އޭނާ އަކީ އެންމެ ރަނގަޅު މީހާ ނޫން ކަމަށެވެ.

ޝާފިކުގެ ވަކީލުން ނިއު ޔޯކް ޓައިމްސް އަށް ބުނެފައި ވަނީ ޝާފިކް ނަން ނެގީ މިސްރު ސަރުކާރުން މަޖްބޫރުކޮށްގެން ކަމަށެވެ. އަދި ޝާފިކް އިންތިޚާބުގައި ވާދަކުރާ ނަމަ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ބަލާނެކަމުގެ އިންޒާރު ވަނީ ދީފަ އެވެ.

މިސްރުގެ ބޮޑު ވަޒީރުކަން ޝާފިކް ކުރެއްވީ، އަރަބް ސްޕްރިން ދުވަސްވަރު، 2011 ގައި އެއް މަސް ދުވަހަށެވެ. މިސްރުގައި 2012 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި މުހައްމަދު މުރްސީއާ ވާދަކުރައްވާ ނާކާމިޔާބުވި ފަހުން ޝާފިކް ދިރިއުޅުއްވީ ޔޫއޭއީގަ އެވެ. އިންތިޚާބުގައި ވާދަކުރައްވާނެކަން އޭނާ އިއުލާން ކުރެއްވީ ޔޫއޭއީގައި ހުންނަވަ އެވެ. އޭގެ ފަހުން އޭނާ ވަނީ އެ ގައުމުން ޑިޕޯޓްކޮށްލައިފަ އެވެ. އޭނާ މިސްރަށް ވަޑައިގެންނެވި ތަނުން ހައްޔަރު ކުރި ކަމަށް އާއިލާ އިން ބުންޏެވެ.