Roadha Mihaaru
މިސްރުގެ ރިޔާސީ ކެންޑިޑޭޓް ޔޫއޭއީ އިން ޑިޕޯޓްކޮށްލައިފި

މިސްރުގެ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާންކުރި ކެންޑިޑޭޓް ޔޫއޭއީ އިން ޑިޕޯޓްކޮށްލައިފި

03 ޑިސެމްބަރ 2017

އަބޫ ދާބީ (ޑިސެމްބަރު 3) - އަންނަ އަހަރު މިސްރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރެއްވި އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު އަހުމަދު ޝާފިގު ޔޫއޭއީ އިން ޑިޕޯޓްކޮށްލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަބޫ ދާބީ (ޑިސެމްބަރު 3) - އަންނަ އަހަރު މިސްރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރެއްވި އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު އަހުމަދު ޝާފިގު ޔޫއޭއީ އިން ޑިޕޯޓްކޮށްލައިފި އެވެ.

މިސްރުގައި 2012 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު މުރްސީއާ ވާދަކުރައްވާ ނާކާމިޔާބުވި ފަހުން ޝާފިގު ދިރިއުޅުއްވަނީ ޔޫއޭއީގަ އެވެ. އެކަމަކު އަންނަ އަހަރު އޮންނަ އިންތިޚާބުގައި މިސްރުގެ މިހާރުގެ ރައީސް އަބްދުލް ފައްތާހު ސީސީއާ ވާދަކުރައްވާނެކަން އިއުލާން ކުރެއްވުމާ އެކު ޝާފިގު އެންމެ ފުރަތަމަ ވިދާޅުވެފައި ވަނީ ޔޫއޭއީ އިން އޭނާ ބަންދުކޮށްފި ކަމަށެވެ. އަދި ޝާފިގުގެ އާއިލާގެ ބައެއް މެންބަރުން ފަހުން ބުނެފައި ވަނީ ޔޫއޭއީގައި ޝާފިގު ދިރިއުޅުއްވި ގޭގައި އޭނާ ހުންނަވަނިކޮށް ހައްޔަރު ކުރުމަށް ފަހު މަތިންދާ ބޯޓެއްގައި ގާހިރާ އަށް ފޮނުވާލާފައިވާ ކަމަށެވެ.

މިސްރުގެ ބޮޑު ވަޒީރުކަމަށް ޝާފިގު ހަމަޖެއްސީ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްވަރު އެވެ. ނަމަވެސް އޭނާ އަށް މަގާމުގައި ދެމިހުންނެވުނީ އެންމެ ތިން ހަފުތާ އެވެ. މުބާރަކުގެ ވެރިކަން ވެއްޓުމާ އެކު ޝާފިގުގެ މަގާމު ވެސް ވަނީ ގެއްލިފަ އެވެ.

މިސްރު ސިފައިންގެ އެއާ ފޯސް ޕައިލެޓެއް ކަމަށްވާ ޝާފިގު ވަނީ ވައިގެ ސިފައިންގެ ކޮމާންޑަރުކަން 1996-2002 އަށް ކުރައްވައިފަ އެވެ.