Roadha Mihaaru
މިސްރުގެ އުއްމީދީ ރިޔާސީ ކެންޑިޑޭޓް ހައްޔަރުކޮށްފި

މިސްރުގެ އިންތިޚާބު ކާމިޔާބުކޮށްފާނެ ކަމަށް ބެލެވޭ ކެންޑިޑޭޓް ހައްޔަރުކޮށްފި

24 ޖެނުއަރީ 2018

ގާހިރާ (ޖެނުއަރީ 24) - މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރުމާ އެކު ސިފައިންގެ ކުރީގެ ޗީފް އޮފް ސްޓާފް ސާމީ އަނާން ހައްޔަރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގާހިރާ (ޖެނުއަރީ 24) - މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރުމާ އެކު ސިފައިންގެ ކުރީގެ ޗީފް އޮފް ސްޓާފް ސާމީ އަނާން ހައްޔަރުކޮށްފި އެވެ.

އަންނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ މިސްރުގެ އަސްކަރީ ކޯޑާ ޚިލާފަށް އިންތިޚާބުގައި ވާދަކުރަން ނިންމުމާއި ވަގު ލިޔުންތަކެއް ތައްޔާރު ކުރުމެވެ. އަނާން، 69، އަކީ މިސްރުގެ މިހާރުގެ ރައީސް އަބްދުލް ފައްތާހު ސީސީއާ ވާދަކޮށް އިންތިޚާބު ކާމިޔާބުކޮށްފާނެ ކަމަށް ބެލެވޭ އެންމެ މަޝްހޫރު ބޭފުޅާ އެވެ.

އަންނަ މާޗު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމި އެތައް ބައެއްގެ ނަން މީގެ ކުރިން ވަނީ އަނބުރާ ގެންގޮސްފަ އެވެ.

އަނާން ވަނީ މިސްރު ސިފައިންގެ ޗީފް އޮފް ސްޓާފުގެ މަގާމު 2005-2012 އަށް ކުރައްވައިފަ އެވެ. ރައީސް ސީސީއާ ވާދަކުރައްވާނެކަން އޭނާ އިއުލާން ކުރެއްވީ މި މަހު ކުރީކޮޅު ސޯޝަލް މީޑިއާ އިންނެވެ. އެކަމަކު މިސްރު ޓީވީން އިއްޔެ ވަނީ ކުރީގެ ޗީފް އޮފް ސްޓާފު އަސްކަރީ ކޯޑާ ޚިލާފުވެފައިވާ ކަމަށް ބުނެ ބަޔާނެއް އާއްމުކޮށްފަ އެވެ.

އަނާން ގެންގޮސްފައި ވަނީ ގާހިރާގައި ހުންނަ މިލިޓަރީ ޕްރޮސެކިއުޓަރުގެ އޮފީހަށެވެ. އަންނާގެ ތަރުޖަމާން ވިދާޅުވީ އަނާން ގާނޫނާ ޚިލާފަށް އެއް ކަމެއް ވެސް ކުރައްވާފައި ނުވާ ކަމަށެވެ.

އަނާން ހައްޔަރު ކުރުމާ އެކު އިންތިޚާބުގައި ސީސީއާ ދެކޮޅަށް ނުކުންނާނެ ވާދަވެރި ކެންޑިޑޭޓެއް ނުހުންނާނެ އެވެ. ސީރިއަސް ހުރިހާ ކެންޑިޑޭޓުންނެއް މިހާރު ވަނީ އިންތިޚާބުން ބޭރުވެފަ އެވެ.

އަނާންގެ ކެމްޕޭން ތަރުޖަމާނަކު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރުން މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރި ކުރީގެ ބޮޑު ވަޒީރު އަހުމަދު ޝަފީގު ވަނީ ދުބާއީގައި އުޅުއްވުމަށް ފަހު މިސްރަށް ވަޑައިގެންނެވި ތަނުން ހައްޔަރުކޮށްފަ އެވެ. އޭނާ ފަހުން ވަނީ އިންތިޚާބުގައި ވާދަނުކުރާނެކަން އިއުލާން ކޮށްފަ އެވެ.

ސީސީ 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ ކުރީގެ ރައީސް މުހައްމަދު މުރްސީގެ ވެރިކަން އަސްކަރީ އިންގިލާބަކުން ވައްޓާލުމަށް ފަހު އެވެ. އޭރު ސިފައިންގެ ވެރިއަކީ ސީސީ އެވެ. ފަހުން ވަނީ މިސްރުގައި 2014 ވަނަ އަހަރު ބޭއްވި އިންތިޚާބު ސީސީ ކާމިޔާބު ކުރައްވައިފަ އެވެ. ހަތަރު އަހަރުގެ ދެ ވަނަ ދައުރަކަށް ވާދަކުރައްވާނެކަން ސީސީ އިއުލާން ކުރެއްވީ މިދިޔަ ހުކުރު ދުވަހު އެވެ.