Roadha Mihaaru
މިސްރުގެ ރައީސްއާ ވާދަކުރަން އޭނާގެ ސަޕޯޓަރެއް

މިސްރުގެ ރައީސްއާ ވާދަކުރަން އޭނާގެ ސަޕޯޓަރެއް

30 ޖެނުއަރީ 2018

ގާހިރާ (ޖެނުއަރީ 30) - މިސްރުގައި އަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމި ހުރިހާ ކެންޑިޑޭޓުން ބަންދުކުރުމަށް ފަހު ނަން އަނބުރާ ގެންދަން މަޖްބޫރު ކުރުމުން ރައީސް އަބްދުލް ފައްތާހު ސީސީއާ ވާދަކުރާނެ ކެންޑިޑޭޓެއް ނެތިގެން އުޅެނިކޮށް ސީސީގެ ސަޕޯޓަރަކު ފަހު ވަގުތު އިންތިޚާބަށް ކުރިމަތިލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކެންޑިޑެސީ ހުށަހަޅަން ދިން ފަހު ފުރުސަތު އިއްޔެ ހަމަވާން ދިޔައިރު އެއްވެސް އިތުރު ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީ ގިނަ ބަޔަކު ހީކުރީ ރިޔާސީ އިންތިޚާބު ވެގެންދާނީ ސީސީގެ މައްޗަށް ނަގާ ފެންނަ ނުފެންނަ ވޯޓެއް ކަމަށެވެ. ނަމަވެސް ފަހު ވަގުތު އަލް ޣަދު ޕާޓީގެ ލީޑަރު މޫސާ މުސްތަފާ މޫސާ އިންތިޚާބަށް ކުރިމަތިލުމަކީ ސީސީގެ ނަން ފިޔަވައި އިތުރު ނަމެއް ވޯޓު ކަރުދާސް ކޮޅުގައި ޖެހުމަށް ކުރި ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެ އެވެ.

މިސްރުގެ ގާނޫނު ބުނާ ގޮތުން ރިޔާސީ އިންތިޚާބަށް ކުރިމަތިލެވޭނީ ގާނޫނު ހަދާ މަޖިލީހުގެ މެދުވެގެން 20 މެންބަރުންގެ ތާއީދާ އެކު ނުވަތަ ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ 25،000 މީހުންގެ ސޮޔާ އެކު އެވެ. މީގެ ތެރޭގައި 15 ޕްރޮވިންސްގެ ތެރޭން ކޮންމެ ޕްރޮވިންސަކުން 1،000 ސޮއި ހިމަނަން ޖެހޭނެ އެވެ.

މިސްރުގައި 2014 ވަނަ އަހަރު ބޭއްވި އިންތިޚާބު ސީސީ ކާމިޔާބު ކުރައްވާފައި ވަނީ 96.9 ޕަސެންޓް ވޯޓުންނެވެ. މިސްރުގެ ވެރިކަމަށް ސީސީ ވަޑައިގެންނެވީ ސިފައިން ގެނައި ބަޣާވާތެއްގައި މުހައްމަދު މުރްސީގެ ސަރުކާރު 2013 ވަނަ އަހަރު ވައްޓާލުމަށް ފަހު އެވެ.

މިސްރުގެ ސިޔާސީ އިސް ފަސް ފަރާތަކުން އިއްޔެ ވަނީ އިންތިޚާބު ބޮއިކޮޓް ކުރުމަށް ގޮވާލައިފަ އެވެ.