Roadha Mihaaru
ވިސްނާ! މުޅިން ވެސް އަންހެންކުއްޖާގެ މައްސަލަ!

ވިސްނާ! މުޅިން ވެސް އަންހެންކުއްޖާގެ މައްސަލަ!

26 ޖުލައި 2018

ތިމަންނާ އަށް އަނިޔާއެއް ލިބިއްޖެއޭ ބުނާ މީހަކު ވަގުތުން ކުށްވެރިއަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ ރާއްޖޭގައި ރޭޕް އާއި ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ވާހަކައެއް ފެންމަތިވާ ކޮންމެ ފަހަރަކު ވަނީ މިހެންނެވެ. އަނިޔާ ލިބުނު ކަމަށް ބުނާ އަންހެންމީހާ ނުވަތަ އަންހެންކުއްޖާއާ މެދު، އާއްމު ޚިޔާލުގެ "ކޯޓު"ގައި، ހަމަ ވަގުތުން ނިޔާ ކަނޑައަޅަ އެވެ. އޭނާ އެ ހަދަނީ ދޮގެވެ. ނުވަތަ އެ ވާނީ އޭނާ ކުރި ކަމެއް، ބުނި އެއްޗެއް، ލީ ހެދުމެއް، ނުވަތަ ދިޔަ ތަނެއްގެ މައްސަލައަކަށެވެ. ލިބުނު އަނިޔާގެ ޒިންމާ ނަގަން ޖެހޭނީ އޭނާ އެވެ. ތުހުމަތު ރައްދުވާ މީހާގެ ކުށެއް ނެތްކަން ހަމަ ވަގުތުން ކަށަވަރުވެ، ސާބިތުވެ އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ތިމަންނާ އަށް އަނިޔާއެއް ލިބިއްޖެއޭ ބުނާ މީހަކު ވަގުތުން ކުށްވެރިއަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ ރާއްޖޭގައި ރޭޕް އާއި ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ވާހަކައެއް ފެންމަތިވާ ކޮންމެ ފަހަރަކު ވަނީ މިހެންނެވެ. އަނިޔާ ލިބުނު ކަމަށް ބުނާ އަންހެންމީހާ ނުވަތަ އަންހެންކުއްޖާއާ މެދު، އާއްމު ޚިޔާލުގެ "ކޯޓު"ގައި، ހަމަ ވަގުތުން ނިޔާ ކަނޑައަޅަ އެވެ. އޭނާ އެ ހަދަނީ ދޮގެވެ. ނުވަތަ އެ ވާނީ އޭނާ ކުރި ކަމެއް، ބުނި އެއްޗެއް، ލީ ހެދުމެއް، ނުވަތަ ދިޔަ ތަނެއްގެ މައްސަލައަކަށެވެ. ލިބުނު އަނިޔާގެ ޒިންމާ ނަގަން ޖެހޭނީ އޭނާ އެވެ. ތުހުމަތު ރައްދުވާ މީހާގެ ކުށެއް ނެތްކަން ހަމަ ވަގުތުން ކަށަވަރުވެ، ސާބިތުވެ އެވެ.

މިހާރު ފެންމަތިވެގެން އުޅޭ ރޭޕްގެ މައްސަލައާ އެކު ވެސް، އެއް ބަޔަކު އުޅެނީ ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ ދެ ފިރިހެނުން ދިފާއުކުރުމުގަ އެވެ. އެކަން ހިނގީ 16 އަހަރުގެ އަންހެންކުއްޖާ އާއި އެ ކުއްޖާގެ މައިންބަފައިންނާއި އާއިލާގެ އިހުމާލުންނޭ ބުނުމަކީ ރޭޕިސްޓުން ދިފާއުކުރުމެވެ.

ގެވެށި އަނިޔާ އާއި ޖިންސީ ހާނިއްކަ އާއި ފުރައްސާރަ އާއި ގޯނާ އާއްމުވެފައި އޮތް ގައުމެއްގައި މި ވިސްނުން މޫލާފައި އޮތުމަކީ އެއް ގޮތަކުން ބަލާ އިރު ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. ތިމަންނާމެންނަކީ ކުރިއަރައި ތަހުޒީބުވެފައިވާ ބައެއް ކަމަށް ދެކޭ ދިވެހިންގެ މި ވިސްނުމަށް ބަދަލެއް އަތުވެދާނެ ކަމުގެ އިޝާރާތެއް ވެސް ނުފެނެ އެވެ. މި ވިސްނުމާ ޚިލާފު އެއްޗެއް ބުނުމަކީ ވެސް ފޫނެތްފަޔަށް ފެންފުރުން ކަހަލަ ކަމެކެވެ.

ރާއްޖޭގައި ކޮންމެ ތިން އަންހެނަކުން އެކަކު އަނިޔާ ތަހައްމަލްކުރާކަން ތަފާސްހިސާބުން އެނގޭ އިރު އަދި ކޮންމެ މަހަކު ވެސް އެފަދަ އެތައް މައްސަލައެއް ރިޕޯޓްކުރާކަން ރަސްމީ ފަރާތްތަކުން ހާމަކުރާ އިރު ވެސް، އެކަމާ މެދު ކަންބޮޑުވުން ފާޅުކުރާ އަޑަށް ވުރެ ގަދައީ، މައްސަލައެއް ތިލަވާ ކޮންމެ ފަހަރަކު، ތުހުމަތުކުރާ މީހާ ނުވަތަ އަނިޔާ ލިބުނު މީހާ ކުށްވެރިކުރާ އަޑެވެ. މި ސަގާފަތުގެ ޚުލާސާއެއް ކިޔައިދެމުން ޓްވިޓާގައި އެކަކު ބުނި ގޮތަށް، "އަންހެންކުއްޖާގެ މައްސަލަ ވަރަށް ވެސް ގިނަ" އެވެ.

"އަންހެންކުއްޖާ؛ ދޮގު ވެސް ހަދާފާނެ، ލާރި ވެސް އަތުލަފާނެ، ގޭގައި އޮތް ނަމަ އެހެން ނުވާނެ، އެކަނި ދިޔައިމަ ވީ ގޮތެއް، މައިންބަފައިންގެ މައްސަލަ، ބޭނުން ވެގެން ކުރި ކަމަކަށް ވާނީ،" އާއްމުކޮށް މީހުންގެ ވިސްނުން ހުންނަ ގޮތް އޭނާގެ ޓްވީޓްގައި ލިޔުނެވެ.

"ގޭގައި އޮތް ނަމަ" ރޭޕް އާއި ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރިމައްޗެއް ނުވާނެއެކޭ ނުބުނެވޭނެ އެވެ. ހަމަ އެ ގޮތަށް، ރޭޕްގެ ސަބަބުން އަނިޔާ ލިބިއްޖެއޭ ބުނާ މީހަކު ކުށްވެރިއެއް ވެސް ނުކުރެވޭނެ އެވެ. ކުށްވެރިޔަކީ ރޭޕިސްޓެވެ. ޖިންސީ ގޯނާ އާއި ފުރައްސާރަ އާއި ރޭޕް ކުރަން ދެއްކޭނެ ހުއްޖަތެއް ނޯންނާނެ އެވެ."

މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބޭ ކޮންމެ ފަހަރަކު، އެހެން އެ ވީ އޭނާ "ގޭގައި އޮއްވާ"ތޯ ސުވާލުކުރުން އާއްމުވުމުގެ ނަތީޖާއެއްގެ ގޮތުން، "ގޭގައި އޮތް ނަމަ"، ޒަމާނީ ވައް ބަހަކަށް ވެސް ވެއްޖެ އެވެ. އާ ކޮންމެ މައްސަލައަކާ އެކު އެ މައުލޫއު ދިރިގެން އަންނަ އިރު، އެތައް ބައެއްގެ ތަޖުރިބާތަކާއި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާ މައްސަލަތަކުން އެނގެނީ "ގޭގައި އޮތަސް" ސަލާމަތެއް ނެތް ކަމެވެ. ރާއްޖޭގައި އެތަކެއް އަންހެންކުދިންނާއި ފިރިހެންކުދިންނަށް ޖިންސީ އަނިޔާކޮށް ރޭޕްކުރަނީ ގޭތެރޭގަ އެވެ. ކޮންމެ ފަސް އަންހެނަކުން އެކަކީ ފިރިމީހާ، ރައްޓެހިވެގެން އުޅޭ މީހާ ނުވަތަ އިނދެ ވަރިކޮށްފައިވާ މީހާގެ ފަރާތުން އަނިޔާ ތަޖުރިބާކުރާ މީހެކެވެ.

އެހެންވީމާ މައްސަލައެއް ފެންމަތިވާ ކޮންމެ ފަހަރަކު ސޯޝަލް މީޑީއާގައި އަޑުގަދަކުރަން ޖެހެނީ މި އަނިޔާތަކާ ދެކޮޅަށެވެ. މަސައްކަތްކުރަންވީ ގޭތެރެ އާއި ގެ އިން ބޭރަކީ ވެސް އެންމެންނަށް ރައްކާތެރި އަދި ބިރެއް ނެތި އުޅެވޭ ފަދަ އަމާން ތަންތަނަށް ހަދާށެވެ. އަޑުއުފުލައި ބާރު އަޅަންވީ އަނިޔާވެރިންނަށް ހައްގު އަދަބު ދޭށެވެ. އުޅެގަންނަންވީ މިފަދަ ކަންކަން ނުހިނގާނެ މުޖުތަމައުއެއް ބިނާކުރާށެވެ. ސަބަބަކީ، މުޖުތަމައުގެ ވިސްނުން މި ގޮތަށް ބަދަލު ނުވާހާ ހިނދަކު އަނިޔާވެރިކަމާއި ފުރައްސާރަ އަށް ނިމުމެއް ނާންނާނެ އެވެ.

ތައުލީމު ހޯދުމާއި މަސައްކަތަށް ދިޔުމާއި މުނިފޫހިފިލުވުމާއި އާއްމު ދިރިއުޅުމުގެ އެ ނޫން ވެސް ކަންކަމުގައި ހަރަކާތްތެރިވެ އުޅުމުގެ ހައްގު އަންހެންކުދިންނަށާއި އަންހެނުންނަށް ވެސް ލިބިގެންވެ އެވެ. އަންހެންކުއްޖަކަށް ނުވަތަ އަންހެނަކަށް ވީތީ އެ މިނިވަންކަން ނިގުޅައެއް ނުގަނެވޭނެ އެވެ. އެހެންވީމާ "ގޭގައި އޮތް ނަމަ" ރޭޕް އާއި ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރިމައްޗެއް ނުވާނެއެކޭ ނުބުނެވޭނެ އެވެ. ހަމަ އެ ގޮތަށް، ރޭޕްގެ ސަބަބުން އަނިޔާ ލިބިއްޖެއޭ ބުނާ މީހަކު ކުށްވެރިއެއް ވެސް ނުކުރެވޭނެ އެވެ. ކުށްވެރިޔަކީ ރޭޕިސްޓެވެ. ޖިންސީ ގޯނާ އާއި ފުރައްސާރަ އާއި ރޭޕް ކުރަން ދެއްކޭނެ ހުއްޖަތެއް ނޯންނާނެ އެވެ.

ޖިންސީ އަނިޔާ ލިބިއްޖެއޭ ބުނާ އަންހެންކުއްޖާ ނުވަތަ އަންހެންމީހާ އަށް ނުރުހުމާއި ނަފްރަތުގެ ބަސްތަކުން ހަމަލާދީ ސޯޝަލް މީޑިއާގެ އެކި ދިމަދިމާލުގައި އޭނާ އަށް ފުރައްސާރަކޮށް ހަނގާކުރުމަކީ ހިތާމަހުރި ކަމެވެ. އެފަދަ ޚަބަރެއް އަޑުއިވޭ އިރަށް ބުއްދި އަށް އަންނަ ފުރަތަމަ ވިސްނުމަކީ އަންހެންކުއްޖާ ކުށްވެރިކުރުން ކަމަށްވާ ނަމަ، ދިވެހި މުޖުތަމައުގައި ސީރިއަސް މައްސަލައެއް އެބަ އުޅެ އެވެ. ރާއްޖެ މި ދަނީ ކޮން މިސްރާބަކަށް ހެއްޔެވެ؟ އަނިޔާގެ ޝިކާރައަކަށް ތިމަންނާ ވެއްޖެއޭ ބުނާ މީހަކަށް (ކަމުގެ ހަގީގަތް ރަނގަޅަށް ސާފު ވެސް ނުވަނީސް) އާއްމު ޚިޔާލުގެ ޝަރީއަތަކުން އަދަބު ދީ ނިންމާލާ އިރު، ހިތާއި ސިކުނޑި ކޮބާ ހެއްޔެވެ؟

ރަހުމާއި ހަމްދަރުދީ އާއި އޯގާތެރިކަމާއި އިހުތިރާމް އިސްކޮށްގެން ގެއްލޭނެ އެއްޗެއް އެބަ އޮތް ހެއްޔެވެ؟