Roadha Mihaaru
ޓީޗަރުން ހަމަވާނެ، ދިރާސީ އަހަރަށް ސްކޫލުތައް ތައްޔާރު

ޓީޗަރުން ހަމަވާނެ، ދިރާސީ އާ އަހަރަށް ސްކޫލުތައް ތައްޔާރު: މިިނިސްޓަރު

10 ޖެނުއަރީ 2018

އަންނަ އާދިއްތަ ދުވަހު، ރާއްޖޭގެ ސްކޫލުތައް ހުޅުވޭ އިރު ޓީޗަރުން ހަމަވާނެ ކަމަށާއި ދިރާސީ އާ އަހަރަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ އާދިއްތަ ދުވަހު، ރާއްޖޭގެ ސްކޫލުތައް ހުޅުވޭ އިރު ޓީޗަރުން ހަމަވާނެ ކަމަށާއި ދިރާސީ އާ އަހަރަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޓީޗަރުން ހަމަޖައްސާފައި ތިބި ކަމުގައި ވިއަސް، ބައެއް ސަބަބުތަކާ ހެދި ސްކޫލް ފެށޭ ދުވަހަށް ބައެއް ޓީޗަރުން ސްކޫލަށް ހާޒިރުނުވެ ހިނގައިދާނެ ކަމަށެވެ. އެކަމަކު އެ މާއްދާތައް ކިޔަވައިދޭން އެހެން ޓީޗަރުން ހަމަޖައްސާނެ ކަން ފާހަގަކުރެއްވި އެވެ.

ސްކޫލުތައް ފެށެން ހަތަރު ދުވަހަށް ވެފައިވާ އިރު، ގިނަ އަދަދެއްގެ ޓީޗަރުން ހޯދަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ. އެއާއެކު ކިޔެވުން ފެށޭ އިރަށް ވެސް ޓީޗަރުން ހަމަނުވާނެ ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނެ އެވެ.

މިނިސްޓަރު ވިދާޅުވީ ކްލާހަށް ޓީޗަރަކު ހާޒިރު ނުވުމަކީި ޓީޗަރަކު ނެތުން ނޫން ކަމަށެވެ. މިފަދަ މައްސަލަތައް ގިނަ އިން ދިމާވަނީ ރަށްރަށުގައި ކަން ފާހަގަކޮށް މިނިސްޓަރު ވަނީ، އެ ސްކޫލުތަކަށް ވެސް ކަން ހިނގާ ގޮތް ކިޔައިދީފައިވާނެ ކަމަށެވެ.

"އޭގެ މާނައަކީ އަޅުގަނޑުމެންގެ ޓީޗަރަކު ނެތީއެއް ނޫނޭ. ވަކި މުއްދަތަކަށް އެ ޓީޗަރަކު ނުހުރެދާނެ. އެހެންވީމަ ރާއްޖޭގައި އަދި ދުނިޔޭގެ އެހެން ތަންތަނުގައި ވެސް އޮންނަ ގޮތަކީ، އެ ވަޒީފާގައި ޓީޗަރަކު ހުރި ކަމަށް ވިއަސް ކްލާހަށް ނުވަދެވޭ ފަހަރު އަންނާނޭ. އަޅުގަނޑުމެންނަށް ވެސް ބައެއް ފަހަރު، ރަށަކުން މި ތަނުގައި މިކަހަލަ ޓީޗަރަކު ނެތޭ ބުނެފިއްޔާ، އެ ކޮމިއުނިޓީއާ އެބަ ވާހަކަދައްކަން އެހެންނޭ މިކަން މިިވަނީ. އެކަމަކު އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނަށް ޓީޗަރުން ހަމަވެގެން ފައްޓާނީ،" މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި އެވެ.

އެއްވެސް ދަރިވަރަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން މި އަހަރުގެ ތެރޭގައި ވަރަށް ހާއްސަ މަސައްކަތެއް ކުރެވިގެންދާނެ ކަން ފާހަގަކުރެއްވި އެވެ. އެއީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭން ހާއްސަ ޓީޗަރުން ތަމްރީނު ކުރުމެވެ.

އެއް އަހަރުން އަނެއް އަހަރަށް ލިބޭ ދިވެހި ޓީޗަރުންގެ އަދަދު އިތުރުވަމުން އަންނާތީ، ރާއްޖޭން ބޭރުން ގެންނަ ބިދޭސީ ޓީޗަރުންގެ އަދަދު މަދުވަމުން އަންނަ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ރާއްޖޭގައި މިދެވޭ ފެންވަރު ރަނގަޅު ތައުލީމެއް މި ފޯރުކޮށްދެވެނީ ހަމަ އެ ހުރިހާ ގައުމެއްގެ ޓީޗަރުން ވެސް ހިމެނިގެންނޭ. އެހެންވިއަސް ކޮންމެ އަހަރަކު ވެސް، ދިވެއްސަކު ކިޔަވައިގެން އަންނަ ހިސާބުން އަޅުގަނޑުމެންގެ ސްކޫލުތަކުން އެ ޓީޗަރުންނަށް ފުރުސަތު ދެވިގެން ދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަތައް ހައްލުކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެ ގޮތުން އަމީނިއްޔާ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ހެދި އައު އިމާރާތުގައި މިއ މި އަހަރު ކިޔަވައިދޭން ފަށާނެ އެވެ. މީގެ އިތުރުން ށ. މިލަންދޫ ސްކޫލްގެ އައު އިމާރާތުގައި ވެސް މިއަހަރު ކިޔަވައިދޭން ފަށާނެ އެވެ. އެއީ މާލެ ފިޔަވައި އެހެން ރަށެއްގައި މިހާތަނަށް ހެދި އެންމެ ބޮޑު ސްކޫލް އިމާރާތެވެ.

ޖާގައިގެ މައްސަލަތައް ހައްލުކުރަން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 800 ކްލާސްރޫމް އަޅާފައިވާ ކަން އޭނާ ފަހަގަކުރެއްވި އެވެ.