Roadha Mihaaru
ޓީޗަރުންނަށް ޓެބްލެޓް ބަހަން ފަށައިފި

ޓީޗަރުންނަށް ޓެބްލެޓް ބަހަން ފަށައިފި

21 މެއި 2018

ސްކޫލުތައް ޑިޖިޓައިޒްކޮށް ޓީޗަރުން ބޭނުންކުރާނެ ޓެބްލެޓް އެޑިއުކޭޝަން މިނިސްޓްރީން ޓީޗަރުންނަށް މިއަދު ބަހަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްކޫލުތައް ޑިޖިޓައިޒްކޮށް ޓީޗަރުން ބޭނުންކުރާނެ ޓެބްލެޓް އެޑިއުކޭޝަން މިނިސްޓްރީން ޓީޗަރުންނަށް މިއަދު ބަހަން ފަށައިފި އެވެ.

އެ މިނިސްޓްރީން އެންމެ ފުރަތަމަ ޓެބްލެޓް ބެހީ އިސްކަންދަރު ސްކޫލުގެ ޓީޗަރުންނަށެވެ. މި ހަފުތާގެ ތެރޭގައި މާލޭގެ ސްކޫލުތަކަށް ޓެބްލެޓް ބަހައި، އަންނަ ހަފުތާގައި ރަށްރަށުގެ ސްކޫލުތަކަށް ޓެބްލެޓް ބަހަން ފަށާނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

ރާއްޖޭގެ ހުރިހާ ދަރިވަރުންނަށާއި ޓީޗަރުންނަށް ދޭން ހަމަޖައްސާފައިވަނީ ވާވޭ ބްރޭންޑުގެ ޓެބްލެޓެވެ. އެ މަޝްރޫއުގެ ދަށުން މިހާރު ވަނީ 70،000 އަށްވުރެ ގިނަ ޓެބްލެޓް ރާއްޖެ ގެނެސްފަ އެވެ.

އިސްކަންދަރު ސްކޫލުގެ ޓީޗަރުންނަށް ޓެބްލެޓް ހަވާލުކުރަން އެ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ ތައުލީމީ ނިޒާމު ބަދަލުކޮށް ދަރިވަރުން ތައްޔާރުކޮށްދެމުން އަންނަނީ ކާމިޔާބު ދިރިއުޅުމަށް ކަމަށެވެ.

އިސްކަންދަރު ސްކޫލުގެ ޓީޗަރުންނަށް ޓެބްލެޓް ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިސްކަންދަރު ސްކޫލުގެ ޓީޗަރުންނަށް ޓެބްލެޓް ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިނިސްޓަރު ވިދާޅުވީ ދުނިޔެ އަށް އަންނަ ތަރައްގީއާ އެއްވަރަށް ދަރިވަރުންނަށް ކިޔަވައިދޭން ޖެހޭ އެއްޗިއްސާއި ދަސްކޮށްދޭންޖެހޭ ކަންތައްތައް ބަދަލުވާންޖެހޭ ކަމަށެވެ. ސްކޫލުތައް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއަކީ އޭގެ އެއް މަސައްކަތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ތައުލީމީ ދާއިރާ ކުރިއަރައި ދަރިވަރުން ހޯދަމުން އަންނަ ނަތީޖާ ރަނގަޅުވަމުން އަންނަ ކަމަށެވެ.

"..ކުދިންގެ ވަކިވަކި ހުނަރުތަކަށް ދެވޭ ހިދުމަތް، މިސާލަކަށް ކުޅިވަރުގެ ދާއިރާ އިން ކުރިއަށް ދިއުމަށް ބެލިކަމުގައި ވިއަސް އަދި އޭގެ މުހިއްމު ކަމެއްގެ ގޮތުގައި، ސްކޫލުތަކާއި ބެލެނިވެރިންނާ ދެމެދު އޮންނަ ގުޅުމަށް ވިއަސް، މި ހުރިހާ ކަމަކަށް ބެލިއަސް ތައުލީމީ ދާއިރާ އަށް ބޮޑު ކުރިއެރުންތަކެއް އެބަ އާދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ދަރިވަރުންނަށް ޓެބްލެޓު ހަވާލުކުރުމުގެ ކުރިން ރައްކާތެރި އެއްޗެއްގެ ގޮތުގައި އެ ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެ ކަންތައްތައް ކުރަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އިސްކަންދަރު ސްކޫލުގެ ޓީޗަރުންނަށް ޓެބްލެޓް ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިސްކަންދަރު ސްކޫލުގެ ޓީޗަރުންނަށް ޓެބްލެޓް ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެ ރަސްމިއްޔާތަށް ފަހު އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ އަންނަ ހަފުތާގައި ގްރޭޑް 1-12 އަށް ކިޔަވައިދޭ ހުރިހާ ޓީޗަރުންނަށް ޓެބްލެޓް ބަހާ ނިންމާލާނެ ކަމަށެވެ. އަދި ދެ ވަނަ ޓާމު ފެށުމުން ދަރިވަރުންނަށް ވެސް ޓެބްލެޓް ބަހާނެ ކަމަށް ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ އެ މަޝްރޫއަށް ރާއްޖޭގެ ހުރިހާ ސްކޫލެއް ވައިފައި ކުރުމުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އެހެންވެ ދެ ވަނަ ޓާމުގައި ދަރިވަރުންނަށް ޓެބްލެޓް ބަހައި ބޭނުންކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.

ޓެބްލެޓްތައް ބޭނުންކުރުމުގެ ކުރިން ޓީޗަރުން ކުރު މުއްދަތުގެ ކޯހެއް ފުރިހަމަކޮށް އެ ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދީފައިވާ ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.

އިސްކަންދަރު ސްކޫލުގެ ޓީޗަރުންނަށް ޓެބްލެޓް ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިސްކަންދަރު ސްކޫލުގެ ޓީޗަރުންނަށް ޓެބްލެޓް ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި ދަރިވަރުން ޓެބްލެޓް ބޭނުން ކުރާއިރު، އެއިިން ކުރާ ބޭނުންތައް ބެލޭނެ ގޮތްތައް ވަނީ ހަމަޖައްސައިފަ އެވެ. އެހެންވެ ދަރިވަރުންނަށް އެކަށީގެންނުވާ އެއްވެސް ބޭނުމެއް ޓެބްލެޓުން ބޭނުން ނުކުރެވޭނެ ފާހަގަކުރެއްވި އެވެ.

"ބެކްގްރައުންޑުގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް އެބަހުރި. ރާއްޖޭގެ ހުރި ހުރިހާ ސްކޫލަށް މިވަރުގެ ކަމެއް ރޯލް ކުރެވިގެންދާއިރު މިކަމުގެ ފަހަތުގައި ހިނގާ ކަންތައްތައް އެންމެ ބޮޑު ކަމަކީ. މީގެ އެންމެ ކުޑަ މިންވަރަކީ ޑިވައިސެއް ހޯދާލާފައި އެ އެއްޗެހިތައް ބަހާލުން. ކުރިއަށް ހުރި މަސައްކަތްތައް ވެސް ބޮޑުވާނެ. އެއީ ޓީޗަރުން ކިޔަވައިދިނުމުގެ ކޮންޓެންޓާ ގުޅޭ ކަންތައްތައް،" ޝަފީއު ވިދާޅުވި އެވެ.

ފޮތްތަކާއެކު މިއަހަރުގެ ދެ ވަނަ ޓާމުން ފެށިގެން ޓެބްލެޓް ބޭނުންކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.