Roadha Mihaaru
އައިޔޫއެމް އިން ހުޅުމާލޭގައި ވަގުފު އިމާރާތެއް އަޅަނީ

އައިޔޫއެމް އިން ހުޅުމާލޭގައި ވަގުފު އިމާރާތެއް އަޅަނީ

10 ޖެނުއަރީ 2018

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހުޅުމާލޭގައި ވަގުފު އިމާރާތެއް އަޅަން ނިންމައި އެކަމުގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މިއަދު ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހުޅުމާލޭގައި ވަގުފު އިމާރާތެއް އަޅަން ނިންމައި އެކަމުގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މިއަދު ސޮއިކޮށްފި އެވެ.

ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި، "ސަނާބިލް" ނަމުގައި އަޅާ ވަގުފު އިމާރާތުގެ އެއްބަސްވުމުގައި އައިޔޫއެމްގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވަނީ ސޮއިކުރައްވައިފަ އެވެ.

އެ އިމާރާތް އަޅަން އައިޔޫއެމް އިން ވަނީ ހަ މިލިއަން ރުފިޔާއަށް 4،000 އަކަ ފޫޓުގެ ބިމެއް ގަނެފަ އެވެ. ސެންޓްރަލް ޕާކު ސަރަހައްދުން އެ ބިން ގަތީ، އެ ޔުނިވާސިޓީގައި ގާއިމްކޮށްފައިވާ ޓްރަސްޓް ފަންޑުންނެވެ.

ޝަހީމް ވިދާޅުވީ ހަތް ބުރިއަށް ހަދާ އެ އިމާރާތުން ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމަށާއި ބޭނުމަކީ ޔުނިވާސިޓީގެ ފެންވަރު ރަނގަޅުކޮށް، އެތަނަށް ސަރުކާރުން ކުރާ ހޭދަ ކުޑަކުރުން ކަމަށެވެ.

ވަގުފު އިމާރާތުގައި ފުޑް ކޯޓަކާއި 300 މީހުންގެ ޖާގައިގެ ހޯލަކާއި އޮފީސް ބަރިއެއް ހިމެނެ އެވެ. ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތްތައް ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"އެ ތަންތަން ކުއްޔަށް ދީގެން ބޮޑު ފައިދާއެއް ލިބޭނެ. އެ ފައިސާ ވަންނާނީ އައިޔޫއެމް ޓްރަސްޓް ފަންޑަށް. އަޅުގަނޑުމެންގެ ޓާގެޓަކީ ކުރިއަށް އޮތް 5-10 އަހަރުގެ ތެރޭގައި، ސަރުކާރުން އައިޔޫއެމް އަށް ކުރާ ހޭދައިގެ 50 ޕަސެންޓް ކުޑަކުރުން،" ޝަހީމް ވިދާޅުވި އެވެ.

އިސްލާމީ ސަގާފަތް ދައްކުވައިދޭ ގޮތަށް އަޅާ އެ އިމާރާތް ވެގެންދާނީ، ޝަހީމް ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި އަޅާނެ އިސްލާމީ އެންމެ ފުރިހަމަ ބިނާ އެވެ. އެ އިމާރާތް ގާތްގަނޑަކަށް 18 މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.