Roadha Mihaaru
ޓެރަރިޒަމް މައްސަލަތަކުގައި ވަކީލުން ހޯދުމުގެ ގަވާއިދެއް

ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހުން ވަކީލުންގެ އެހީ ހޯދުމާ ބެހޭ ގަވާއިދެއް އެކުލަވާލައިފި

11 ޖެނުއަރީ 2018

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންނަށް ވަކީލުންގެ އެހީތެރިކަން ހޯދުމާ ބެހޭ ގަވާއިދެއް ހޯމް މިނިސްޓްރީން އެކުލަވާލައި، މިއަދު އަމަލުކުރަން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންނަށް ވަކީލުންގެ އެހީތެރިކަން ހޯދުމާ ބެހޭ ގަވާއިދެއް ހޯމް މިނިސްޓްރީން އެކުލަވާލައި، މިއަދު އަމަލުކުރަން ފަށައިފި އެވެ.

ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ބާރު ލިބިގެން ހެދި އެ ގަވާއިދު ބުނާގޮތުން ޓެރަރިޒަމްގެ ތުހުމަތެއްގައި މީހަކު ހައްޔަރު ކުރާއިރު އޭނާއަށް ދޭ ގާނޫނީ އިންޒާރުގައި ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު އޮތްކަން ފުލުހުން އެ މީހަކަށް ބުނެދޭން ޖެހޭނެ އެވެ. އެކަމަކު އެފަދަ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުން ވަކީލާ ބައްދަލުކުރާ ވަގުތު އެ މީހުން ފެންނަ ހިސާބުގައި ފުލުހަކު ހުންނަން ޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ.

އެ ގަވާއިދު ބުނާގޮތުން ޓެރަރިޒަމްގެ ތުހުމަތެއްގައި ހައްޔަރުކުރާ މީހުންނަށް ވަކީލުން ހަމަޖައްސަން ފުރަތަމަ ދެވޭނީ ހަ ގަޑިއިރުގެ މުއްދަތެކެވެ. ތުހުމަތު ކުރެވޭ މީހާއާ އެ ވަގުތުގެ ތެރޭގައި ފުލުހުންނަށް އެއްވެސް ސުވާލެއް ނުކުރެވޭނެ އެވެ. އެކަމަކު އެ މުއްދަތު ހަމަވާއިރު މަގުބޫލު އުޒުރެއް ނެތި ވަކީލު ހާޒިރު ނުވެއްޖެ ނަމަ ސުވާލުކުރުން ކުރިއަށް ގެންދެވޭނެ އެވެ.

ވަކީލު ހާޒިރު ނުވީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށް ބަލާނެ ތިން ހާލަތެއް ވެސް އެ ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން ވަކީލު ރަށުން ބޭރުގައި ހުރުމުގެ ސަބަބުން އެ ވަގުތުގެ ތެރޭގައި ހާޒިރު ވެވެން ނެތުން ނުވަތަ ތުހުމަތު ކުރެވޭ މީހާ ވަކީލަށް ބިރު ދެއްކުން ނުވަތަ ތުހުމަތު ކުރެވޭ މީހާއާ މެދު އޮތް އިތުބާރު ވަކީލަށް ގެއްލިފައި ވުމަކީ އެ ގަވާއިދު ބުނާގޮތުން ވަކީލު ހާޒިރު ނުވުމަށް އޮތް މަގުބޫލު ސަބަބެއް ކަމަށް ބެލެވޭނެ އެވެ.

ވަކީލު ހާޒިރު ނުވީ ތުހުމަތު ކުރެވޭ މީހާ ވަކީލަށް ބިރު ދެއްކުމުން ނުވަތަ އިތުބާރު ގެއްލުމުން ނުވަތަ އެ ވަކީލުގެ އިހުމާލުން ކަމަށްވާ ނަމަ އެހެން ވަކީލަކު އައްޔަންކުރަން ތުހުމަތު ކުރެވޭ މީހާއަށް އިތުރު ހަ ގަޑިއިރުގެ މުއްދަތެއް ދެވޭނެ ކަމަށް ވެސް ގަވާއިދުގައިވެ އެވެ.

އެކަމަކު ދެވަނަ ފަހަރު ދޭ ފުރުސަތުގައި އެހެން ވަކީލަކު އައްޔަން ނުކޮށްފި ނަމަ، ތުހުމަތު ކުރެވޭ މީހާއާ ސުވާލުކުރުން ފުލުހުންނަށް ކުރިއަށް ގެންދެވިދާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

އެ ގަވާއިދު ބުނާގޮތުން ތުހުމަތު ކުރެވޭ މީހާއަކީ އަމިއްލަ އަށް ވަކީލަކު ހޯދޭ ފަދަ ތަނަވަސްކަން ނެތް މީހެއް ނަމަ ގާނޫނު އަސާސީގެ 53 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ ޚަރަދުގައި އެ މީހަކަށް ވަކީލަކު ހަމަޖައްސައިދޭނެ އެވެ.