ރައްޔިތުންގެ މަޖިލީހަށް ގަދަކަމުން ވަން މައްސަލާގައި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިނަށް ކުރާ ދައުވާގައި، ވަކީލަކު ހަމަޖައްސަން ދިން ދެ ފުރުސަތުގައި ވެސް އޭނާ އެކަން ނުކުރައްވާތީ، މައްސަލަ ބައްލަވާ ގާޒީ އެކަމާ މެދު އަލީ ހުސައިނާ މިއަދު ވަރުގަދަ ސުވާލުތަކެއް ކުރިމަތި ކުރައްވައިފި އެވެ.
16 ޖެނުއަރީ 2018
ރައްޔިތުންގެ މަޖިލީހަށް ގަދަކަމުން ވަން މައްސަލާގައި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިނަށް ކުރާ ދައުވާގައި، ވަކީލަކު ހަމަޖައްސަން ދިން ދެ ފުރުސަތުގައި ވެސް އޭނާ އެކަން ނުކުރައްވާތީ، މައްސަލަ ބައްލަވާ ގާޒީ އެކަމާ މެދު އަލީ ހުސައިނާ މިއަދު ވަރުގަދަ ސުވާލުތަކެއް ކުރިމަތި ކުރައްވައިފި އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު އިދިކޮޅު މެމްބަރުން ގަދަކަމުން މަޖިލީހުގެ އިދާރާއަށް ވަން މައްސަލާގައި 12 މެމްބަރަކަށް ދައުވާ ކުރާއިރު، އަލީ ހުސައިން ފިޔަވައި އެހެން ހުރިހާ މެމްބަރުން ވަނީ ވަކީލަކު އައްޔަން ކޮށްފަ އެވެ.
އަލީ ހުސައިންގެ ވަކީލް ސަސްޕެންޝަންގައި ހުރުމުން ވަކީލު ހަމަޖެއްސި ކަމުގެ ފޯމް އޭނާ އަދިވެސް ކޯޓަށް ހުށައެެއް ނާޅުއްވަ އެވެ. އެކަމާ މެދު ގާޒީ ސުވާލު ކުރެއްވީ، އަލީ ހުސައިނަށް ރައްދުވާ ބައި މިއަދު ވަކިން ކުރިއަށް ގެންދިއުމަށް ބޭއްވި އަޑުއެހުމުގަ އެވެ.
ދެ ފަހަރަށް ފުރުސަތު ދިނުމުން ވެސް، ވަކީލަކު ހަމަނުޖައްސަނީ ކީއްވެގެންތޯ ގާޒީ އާދަމް އާރިފް ސުވާލު ކުރެއްވުމުން، އަލީ ހުސެއިން ވިދާޅުވީ އޭނާ އިހްތިޔާރު ކުރި ވަކީލު ހުރީ ސަސްޕެންޝަންގައި ކަމަށެވެ. އޭނާ އެހެން ވިދާޅުވުމުން ގާޒީ އާރިފް ވަނީ، އެކަން ކޯޓުން ކަށަވަރު ކުރާނީ ކިހިނެތް ތޯ އާއި އެ ވަކީލް ހަމަޖެއްސި ކަމުގެ ފޯމް ހުށަނާޅުއްވަނީ ކީއްވެގެންތޯ ސުވާލު އުފައްދަވައިފަ އެވެ.
ޖަވާބުގައި އަލީ ހުސައިން ވިދާޅުވީ، ފޯމް ހުށަނޭޅުއްވީ އެ ހުށަހެޅިޔަސް، ސަސްޕެންޝަންގައި ތިބޭ ވަކީލުންނަށް ކޯޓުތަކަށް ހާޒިރު ނުވެވޭތީ ކަމަށެވެ. ވަކީލުން ސަސްޕެންޑް ކޮށްފައިވަނީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށާއި ކޮންމެ މީހަކަށް ވެސް އެ މީހަކު އިހްތިޔާރުކުރާ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. އަދި ގާނޫނުއަސާސީއާ ޚިލާފަށް ކުރާ ކަންކަމުގައި ކޯޓުން ބައިވެރިނުވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލީ ހުސެއިން އެގޮތަށް ވިދާޅުވުމުން ގާޒީ އާރިފް ވަނީ، ސަސްޕެންޑް ކޮށްފައިވާ ވަކީލަކު ވަކީލަކަށް ވާނެތޯ ވިދާޅުވެ، އަލީ ހުސައިނާ ސުވާލު ކުރިމަތި ކުރައްވައިފަ އެވެ. ގާޒީ ވިދާޅުވީ އިހްތިޔާރު ކުރާ ވަކީލަކު އައްޔަން ކުރުމުގެެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށާއި އެކަމަށް ހުރަހެއް ނެތް ކަމަށެވެ. އެކަމަކު އައްޔަން ކުރާ ވަކީލަކީ ކޯޓަށް ހާޒިރުވުމުގައި ހުރަހެއް ނެތް ފަރާތަކަށް ވާންޖެހޭނެ ކަމަށް ގާޒީ އާރިފް ވިދާޅުވި އެވެ.
"އަލީ ހުސައިނަށް އަޅުގަނޑުގެ ނަން ވެސް ހުށަހެޅިދާނެ ވަކީލެއް އައްޔަން ކުރުމުގެ ގޮތުން. އެއީ އަޅުގަނޑުގެ ނަން ވެސް އޮންނާނެ ވަކީލުންގެ ލިސްޓުގައި. އެކަމަކު މި މައްސަލާގައި ވަކީލެއްގެ ގޮތުގައި އަޅުގަނޑުގެ ނަން ހުށަހަޅައިފިއްޔާ އެކަން ކޯޓުން ބަލައެއް ނުގަންނާނެ. ސަބަބަކީ އަޅުގަނޑު މިއިނީ މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން،" ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާރިފް ވިދާޅުވި އެވެ.
ސުވާލުތައް ކުރިމަތި ކުރެއްވުމަށް ފަހު، ގާޒީ ވަނީ ވަކީލަކު ހަމަޖައްސަން އަލީ ހުސައިނަށް އިތުރު ފަސް ދުވަހުގެ މުއްދަތެއް ދެއްވައިފަ އެވެ. އެ މައްސަލާގައި އިތުރު ބޭފުޅުންތަކެއްގެ މައްޗަށް ވެސް ދައުވާ ލިބޭއިރު، އެ ބޭފުޅުންގެ ހައްގުތަކާ މެދު ވެސް ވިސްނެވުމަށް އަލީ ހުސެއިނަށް ގާޒީ އިލްތިމާސް ކުރެއްވި އެވެ. އަދި މިއީ ވަކީލަކު ހަމަޖައްސަން އަލީ ހުސައިނަށް ދެއްވާނެ އެންމެ ފަހު ފުރުސަތު ކަމަށް ވެސް ގާޒީ އާރިފް ވިދާޅުވި އެވެ.
"ހަނދުމަފުޅު ބަހައްޓަވާތި ކުރީގެ އަޑުއެހުމަށް ވުރެ މިއަދު ފަނޑިޔާރުގެ ބަސް ހަރުކަށި ކަން. މާނައަކީ މިއީ ދެވޭނެ އެންމެ ފަހު ފުރުސަތު ކަން،" ވަކީލަކު ނެތަސް، ދެން އޮންނަ އަޑުއެހުމެއްގައި އަލީ ހުސައިން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ވިދާޅުވެ، ގާޒީ އާރިފް ވިދާޅުވި އެވެ.
އިތުރު ފަސް ދުވަހުގެ ފުރުސަތެެއް އަލީ ހުސެއިނަށް ގާޒީ ދެއްވިޔަސް ދައުލަތުން އެކަމާ ދެކޮޅު ހެދި އެވެ. ދައުލަތުން ބުނީ ގާނޫނު އޮތްގޮތުން ވަކީލަކު ހަމަޖައްސަން ދޭންޖެހޭނީ 10 ދުވަސް ކަމަށާއި އެކަމަކު އަލީ ހުސައިނަށް އެ ފުރުސަތު ދިން ފަހުން މިއަދާ ހަމައަށް 112 ދުވަސް ވެފައިވާ ކަމަށެވެ. އެހެންވެ، ވަކީލަކު ނެތަސް އެ މައްސަލަ ކުރިއަށް ގެންދަން ދައުލަތުން އެދުނެވެ.
އެކަމަކު ގާޒީ އާރިފް ވިދާޅުވީ ޝަރީއަތުގެ ނިންމުން ބަދަލު ނުކުރައްވާނެ ކަމަށާއި އިތުރު ފަސް ދުވަހުގެ ފުރުސަތެއް އަލީ ހުސައިނަށް ދެއްވާނެ ކަމަށެވެ. އެ މައްސަލާގެ އިތުރު އަޑުއެހުމެއް މި މަހުގެ 25 ވަނަ ދުވަހު ބާއްވާނެ އެވެ.
ވަކީލަކު އައްޔަން ކުރަން އަލީ ހުސެއިނަށް ފަހު ފުރުސަތު
އިދިކޮޅު 12 މެމްބަރުންގެ ޝަރީއަތް މާދަމާ ބާއްވަނީ
ސައުދުގެ ބަންދަށް ވެސް 15 ދުވަސް ޖަހައިފި
ވަކީލުންގެ ކަންކަމަށް ބާ އެސޯސިއޭޝަން އުފައްދަނީ
ފާރިސް ޖަލުގައި، އެކަމަކު އޭނާގެ މަސައްކަތް ކުރިއަށް
ޒަރޫރީ ހާލަތެއް ކުރިމައްޗެއް ނުވޭ، ވޯޓު ވާނީ ބާތިލް
ފާރިސް ޖަލުގައި 10 މަސް، އަޒުމް ގުޑުވައެއްނުލެވޭނެ
12 މެމްބަރުންގެ މައްސަލައާ މެދު ގޮތެއް ނިންމަނީ
މެމްބަރުންގެ ޝަރީއަތް އަލުން ފަށައި ކޯޓަށް ހާޒިރުކުރަނީ
ފްލޯ ކްރޮސިންގެ ބިލް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ