Roadha Mihaaru
ވަކީލު ޝަމީމްގެ ސަސްޕެންޝަން އުވާލައިފި

ވަކީލު ޝަމީމްގެ ސަސްޕެންޝަން ދެ އަހަރަށް ފަހު އުވާލައިފި

16 ޖެނުއަރީ 2018

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓާ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ ސަސްޕެންޝަން ދެ އަހަރަށް ފަހު މިރޭ އުވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓާ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ ސަސްޕެންޝަން ދެ އަހަރަށް ފަހު މިރޭ އުވާލައިފި އެވެ.

ކޯޓުތަކުގައި ވަކާލާތު ކުރުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ޝަމީމަށް މަނާކުރީ ނޮވެމްބަރު 5، 2015 ގަ އެވެ.

ޝަމީމަކީ ގާނޫނީ ވަކީލުން ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަންގައި ވެސް ސޮއިކުރެއްވި ވަކީލުންގެ ތެރެއިން ބޭފުޅެކެވެ.

ޑީޖޭއޭ އިން ނެރުނު އިއުލާނެއްގައި ބުނީ ޝަމީމްގެ މައްސަލަ ބެލުމަށް ފަހު، ރާއްޖޭގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުން އޭނާއަށް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެ އިދާރާއިން ހާމައެއް ނުކުރެ އެވެ.

ސަސްޕެންޝަން އުވާލުމާ ގުޅިގެން ޝަމީމް "މިހާރު" އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ވަނީ އޭނާ އަށް އެހީތެރިކަން ފޯރުކޮށްދިން ވަކީލުންނާއި ބޭރުގެ ޑިޕްލޮމެޓުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ޝަމީމް ވިދާޅުވީ، ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް އޭނާ ކުރައްވާ މަސައްކަތުގައި ފަސް ޖެހުމެއް ނެތި އަދިވެސް ދެމިހުންނަވާނެ ކަމަށެވެ.

"އެ އަށް ވުރެ މާ ފޯރީގައި [ޝަރުއީ ދާއިރާ އިސްލާހު ކުރުން] ކުރިއަށް ގެންދާނަން،" ޝަމީމް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 54 ވަކީލަކު ސަސްޕެންޑް ކުރުމަށް ފަހު، އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ވަކީލުންތަކެއްގެ ސަސްޕެންޝަން ވަނީ އުވާލައިފަ އެވެ.

އެއްފަހަރާ ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑު ކުރުމުން ބައިނަލްއަގްވާމީ ބައެއް ޖަމާއަތްތަކާއި ރާއްޖޭގެ އިދިކޮޅު ޕާޓީތަކުން ވެސް ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ.

ޑީޖޭއޭއިން އެ ވަކީލުން ސަސްޕެންޑްކުރީ ކޯޓުތަކުގެ ނިންމުންތަކާ ޚިލާފް ޣައިރު ގާނޫނީ ލިޔުމެއްގައި ސޮއި ކުރުމާއި ފަނޑިޔާރުންނާއި ކޯޓުތަކުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ސުޕްރީމް ކޯޓު ކައިރިއަށް އެއްވި ކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ އެވެ.