Roadha Mihaaru
ވަކީލު ހައްސާންގެ ސަސްޕެންޝަން ވެސް އުވާލައިފި

ވަކީލު ހައްސާންގެ ސަސްޕެންޝަން ވެސް އުވާލައިފި

18 ޖެނުއަރީ 2018

ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ސަސްޕެންޑްކުރި ވަކީލުންގެ ތެރޭގައި ހިމެނޭ ވަކީލު މުހައްމަދު ހައްސާން އަހުމަދުގެ ސަސްޕެންޝަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު އުވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ސަސްޕެންޑްކުރި ވަކީލުންގެ ތެރޭގައި ހިމެނޭ ވަކީލު މުހައްމަދު ހައްސާން އަހުމަދުގެ ސަސްޕެންޝަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު އުވާލައިފި އެވެ.

ހައްސާނަކީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގައި ކުރިން މަސައްކަތް ކުރެއްވި ވަކީލެކެވެ.

ޑީޖޭއޭގެ އިއުލާނުގައި ބުނީ ހައްސާންގެ މައްސަލަ ބެލުމަށް ފަހު، ރާއްޖޭގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުން މަނާ ކުރެވިފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު 54 ވަކީލަކު ސަސްޕެންޑް ކުރުމަށް ފަހު އެކި ފަހަރު މަތިން 43 ވަކީލެއްގެ ސަސްޕެންޝަން މީގެ ކުރިން ވަނީ އުވާލައިފަ އެވެ.

އެއްފަހަރާ ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑު ކުރުމުން ބައިނަލްއަގްވާމީ ބައެއް ޖަމާއަތްތަކާއި ރާއްޖޭގެ އިދިކޮޅު ޕާޓީތަކުން ވެސް ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ.

ޑީޖޭއޭ އިން އެ ވަކީލުން ސަސްޕެންޑްކުރީ ކޯޓުތަކުގެ ނިންމުންތަކާ ޚިލާފް ޣައިރު ގާނޫނީ ލިޔުމެއްގައި ސޮއި ކުރި ކަމަށް ބުނެ އަދި ފަނޑިޔާރުންނާއި ކޯޓުތަކުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ސުޕްރީމް ކޯޓު ކައިރި އަށް އެއްވި ކަމަށް ބުނާ މައްސަލައެއް ބެލުމަށް ފަހު އެވެ.