Roadha Mihaaru
ޖޭއެސްސީ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ޖޭއެސްސީ މެމްބަރު އަބްދުލް ހަންނާންގެ ދައުރު ހަމަވާތީ ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

14 ޖުލައި 2019

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ފަރާތުން ކަނޑައަޅާފައިވާ މެމްބަރު އަބްދުލް ހަންނާންގެ ދައުރު ހަމަވާތީ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ފަރާތުން ކަނޑައަޅާފައިވާ މެމްބަރު އަބްދުލް ހަންނާންގެ ދައުރު ހަމަވާތީ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލިހުން ނެރުނު އިއުލާނެއްގައި ވަނީ ޖޭއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަބްދުލް ހަންނާން ޖޭއެސްސީގެ މެމްބަރަކަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ގަ އެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މުސްލިމަކު ކަމުގައިވުމާއި ދިވެހި ރައްޔިތަކަށްވުމާއި އުމުރުން 25 އަހަރުވުމާއި ކުށެއް ކުރި ކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ނުވުމާއި ބުއްދި ސަލާމަތުން ހުރި މީހަކަށްވުން ހިމެނެ އެވެ.

އެ މަގާމަށް މީހަކު ހޮވާނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ޖޭއެސްސީގައި ތިއްބަވަނީ އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެކެވެ.