Roadha Mihaaru
ފުރާނަ ސަލާމަތްވީ ވަޒީފާއާ ހެދި: ކެންސަރުގެ ވާހައެއް

ފުރާނަ ސަލާމަތްވީ ވަޒީފާއާ ހެދި: ކެންސަރުގެ ވާހައެއް

19 ޖެނުއަރީ 2018

ނޭވާލުމާއި ކެއުން ފަދަ ކަންކަން ގިނަ މީހުން ކުރަނީ އެއްވެސް ފިކުރެއް ޚިޔާލެއް ނެތި އެވެ. އެކަމަކު ކެންސަރު ބަލީގެ މީހަކަށް، އެއީ އެހާ ކުދިކުދި ކަންތައްތަކެއް ނޫނެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ނޭވާލުމާއި ކެއުން ފަދަ ކަންކަން ގިނަ މީހުން ކުރަނީ އެއްވެސް ފިކުރެއް ޚިޔާލެއް ނެތި އެވެ. އެކަމަކު ކެންސަރު ބަލީގެ މީހަކަށް، އެއީ އެހާ ކުދިކުދި ކަންތައްތަކެއް ނޫނެވެ.

ފާތިމަތު ސައީދާ (ފާތުން) ބުނަނީ އެހެންނެވެ. ދިރިއުޅުމުގައި އާދައިގެ ދުވަހެއް ހޭދަކޮށްލެވުމަކީ އޭނާ އަށް އިންތިހާ ދަރަޖައިގެ ހިތްހަމަޖެހުމެކެވެ. އިސްތަށިތަކާއި ނިޔަފަތިތައް ދިގުވާ މަންޒަރު ފެނުމަކީ ބޮޑު އުފަލެކެވެ.

ކެންސަރުގެ ޝިކާރައަކަށް ވުމުގެ ކުރިން ވެސް ދިރިއުޅުމުގެ ބޮޑެތި ގޮންޖެހުންތަކެއް ކަޑައްތުކޮށްފައިވާ ފާތުން ބުނާގޮތުގައި އޭނާ "މިހާ ހިސާބަށް އަންނަން ކުރި ދަތުރު ފެށުނީ" އަދާކުރާ ވަޒީފާގެ ސަބަބަކުން ނޫނެވެ؛ އެކަމަކު އެއީ އޭނާގެ މުޅި ދިރިއުޅުން އަބަދަށް ބަދަލުކޮށްލި ވަޒީފާއެކެވެ.

ގްލޯބަލް އެންވަޔަރްމެންޓް ފެސިލިޓީ (ޖީއީއެފް)ގެ ސްމޯލް ގްރާންޓްސް ޕްރޮގްރާމް (އެސްޖީޕީ)ގެ ނެޝަނަލް ކޯޑިނޭޓަރުގެ ގޮތުގައި ޔޫއެންޑީޕީއާ ގުޅުމަކީ، ފާތުން ދެކޭގޮތުގައި، އޭނާގެ ފުރާނަ ސަލާމަތްކޮށްދިން ނިންމުމެކެވެ. ފާތުން އަށް އުރަމަތީގެ ކެންސަރު ޖެހިފައިވާކަން އެނގުނީ ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސް އިން ޔޫއެންޑީޕީގައި ކުރިއަށް ގެންދިޔަ ސްކްރީނިންއެއްގަ އެވެ. ޔޫއެންޑީޕީން ފޭސްބުކްގައި ޝާއިއުކުރަމުން އަންނަ "މީޓް ދަ ޓީމް ޓިއުޒްޑޭ" އަށް ފާތުން ކިޔައިދީފައިވާ ގޮތުގައި، މުޅި ހަޔާތުގައި ވެސް އޭނާ އަށް ކުރެވުނު އެންމެ "މާނަވީ" ކަމަކީ އެ ވަޒީފާ އެވެ.

ހަޔާތުގެ އަޑިގުޑަންތަކުގެ ތެރެއިން ފާތުން ވަނީ ގިނަ ހުރަސްތަކެއް ގިރާކޮށްފަ އެވެ. އުމުރުން 19 އަހަރުގައި ކައިވެނިކޮށް ލިބުނު ދެ ކުދިން ބަލަމުން ރާއްޖޭގަ އާއި އިނގިރޭސިވިލާތުގައި ކިޔަވަން އުޅުނު ގޮތް އޭނާ ބަޔާންކޮށްދީފައިވެ އެވެ. ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްގީގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލްކުރުމަށް ފަހު ފާތުން ޔޫއެންޑީޕީއާ ގުޅުނީ 2014ގަ އެވެ.

ކެންސަރު ޖެހިފައިވާކަން އެނގުނު އިރު ރައްޓެއްސަކު ސުވާލަކުރި އެވެ؛ އެ ބަލީގެ ޝިކާރައަކަށް ފާތުން ވާންވީ ކީއްވެގެންތޯ ހިތަށްއަރާ ހެއްޔެވެ؟ ނޫނެކެވެ، ފާތުން ޖަވާބު ދިނެވެ؛ ދުވަހަކު ވެސް އެ ގޮތަކަށް ނުވިސްނަމެވެ؛ ﷲ އަށް އިތުބާރުކުރަމެވެ.

ފާތުން ބުނާގޮތުގައި ހަޔާތުގެ ދަތުރުގައި ކުރިއަށް ދާ ވަރަކަށް، އޭނާ އަށް ބަލި ޖެހުނީ ކީއްވެގެން ކަމާއި އެކަމުން އެހެން މީހުންނަށް އެހީތެރިވެދޭނެ ގޮތް ވެސް އޭނާ އަށް އަންނަނީ ސާފުވަމުންނެވެ. ކޮންމެ ދެ މީހަކުން އެކަކަށް، ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ކެންސަރުގެ ކޮންމެވެސް ބާވަތަކާ ކުރިމަތިލާން ޖެހޭ ކަން އެކި ގައުމުތަކުގެ ތަފާސްހިސާބުން ދައްކާކަން ފާހަގަކޮށް ފާތުން ކިޔައިދިން ގޮތުގައި ރާއްޖޭގެ އެންމެ ނާޒުކު ހިސާބުތަކަށް ދަތުރުކުރުމުގެ ފުރުސަތު ވަޒީފާގެ ސަބަބުން އޭނާ އަށް ލިބެ އެވެ.

"ކެންސަރާ ބެހޭ ގޮތުން އެކަށީގެންވާ މައުލޫމާތެއް ދުވަހަކު ވެސް ނުލިބިދާނެ ފަދަ މީސްމީހުންނާ ވާހަކަދެއްކުމުގެ ފުރުސަތު އަހަންނަށް ލިބޭ،" އޭނާ ބުނެފައިވެ އެވެ.

"އެފަދަ ކޮންމެ ފުރުސަތެއްގައި ވެސް، މި ބައްޔަކީ ކޮބައިކަން ބުނެދީ، ކުރީކޮޅު ބަލި ދެނެގަތުމުގެ މުހިއްމުކަން ކިޔައިދީ، އޭގެ ސަބަބުން ވަގުތު އޮއްވާ ފަރުވާ ހޯދަން އަހަންނަށް މަގުފަހިވިކަން ކިޔައިދެން. އަދި އެ މީހުން ދިރިއުޅޭ މާހައުލުގައި ހުންނަ ގެއްލުންހުރި ކެމިކަލްތަކުގެ ނުރައްކާތެރިކަން ވެސް ބުނެދެން. ރާއްޖޭގައި ކެންސަރު ބަލި އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ އެފަދަ ކެމިކަލްތައް ކަމަށް ވުން އެކަށީގެންވޭ."

ކެންސަރުން ރައްކާތެރިވުމަށް ސްކްރީންކުރަން އެހެން މީހުންނަށް ހިތްވަރު ދެމުން، ވަރުގަދަ އަޒުމެއްގައި ހުއްޓަސް ބަލީގެ ކެކުޅުމާއި ހިތްދަތިކަން ފާތުން ތަހައްމަލްކުރެ އެވެ. ކީމޯތެރަޕީގެ ގަދަފަދަ ވޭނާއި ކެންސަރު އެނބުރި އަތުވެދާނެ ކަމުގެ ބިރު އޭނާ އަށް އިހުސާސްވެ އެވެ. އެކަމަކު ފާތުން ބުނަނީ އޭނާ ދިރިހުރީތީ ޝުކުރުވެރިވާ ކަމަށެވެ. އަދި "ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށް" ކަމަށެވެ.

ކެންސަރުގެ ތަޖުރިބާ ފާތުން ނަގަނީ ހަޔާތުގެ އާ ފެށުމެއްގެ ގޮތުގަ އެވެ.

ފާތުންގެ ތަޖުރިބާ

ފާތުން އަށް ހިތްވަރުދިނުމުގެ ގޮތުން ޔޫއެންޑީޕީ އިން ޝާއިއުކުރި ވީޑިއޯއެއް