13 ޑިސެމްބަރ 2018
މެމޮގްރަފީ ހަދައިދޭންވާނީ ވަކި އުމުރެއްގެ މީހުންނަށް އެކަނި ނޫން ކަމަށާއި އަންހެނަކު އަމިއްލަ އަށް ބޭނުންވެއްޖެ ހިނދެއްގައި ވެސް އެ ޓެސްޓު ހެދުމުގެ ފުރުސަތު އޮންނަންވާނެ ކަމަށް އުރަމަތީ ކެންސަރަށް ސްކްރީންކުރުމުގައި ކެނެޑާގެ ސިއްހީ ޚިދުމަތް ދޭ ފަރާތްތަކުން ބަލަން ޖެހޭ ގައިޑްލައިންގައި ކަނޑައަޅައިފި އެވެ.
މެމޮގްރަފީ ހަދައިދޭންވާނީ ވަކި އުމުރެއްގެ މީހުންނަށް އެކަނި ނޫން ކަމަށާއި އަންހެނަކު އަމިއްލަ އަށް ބޭނުންވެއްޖެ ހިނދެއްގައި ވެސް އެ ޓެސްޓު ހެދުމުގެ ފުރުސަތު އޮންނަންވާނެ ކަމަށް އުރަމަތީ ކެންސަރަށް ސްކްރީންކުރުމުގައި ކެނެޑާގެ ސިއްހީ ޚިދުމަތް ދޭ ފަރާތްތަކުން ބަލަން ޖެހޭ ގައިޑްލައިންގައި ކަނޑައަޅައިފި އެވެ.
ކެނޭޑިއަން ޓާސްކް ފޯސް އޮން ޕްރިވެންޓިވް ހެލްތު ކެއާ އިން ނެރުނު އާ ގައިޑްލައިންގައި ވަނީ އުމުރުން 40 އަހަރާއި 74 އަހަރާ ދެމެދުގެ އަންހެނުން، އުރަމަތީ ކެންސަރަށް ސްކްރީންކުރުމާ ބެހޭގޮތުން ޑޮކްޓަރާ ވާހަކަދެއްކުމަށާއި އަންހެންމީހާ ބޭނުންވާ ގޮތަށް ވެސް ރިއާޔަތްކޮށްގެން، މެމޯގްރާމް ހެދުމާ މެދު ދެ ފަރާތުން އެއްބަސްވާ ގޮތެއް ނިންމަން ލަފާދީފަ އެވެ.
ކުރިން 2011ގައި އަމަލުކުރަން ފެށި ގައިޑްލައިންގައި ލަފާދީފައި އޮތީ އުމުރުން 40 އަހަރާއި 49 އަހަރާ ދެމެދުގެ އަންހެނުން ގަވާއިދުން މެމޯގްރާމް ނެހެދުމަށެވެ. އަދި 50 އަހަރާއި 74 އަހަރާ ދެމެދުގެ އަންހެނުން ކޮންމެ 2-3 އަހަރަކުން އެ ޓެސްޓު ހެދުމަށެވެ.
ޓާސްކް ފޯހުގެ ވައިސް ޗެއާ އަދި މެކްމާސްޓާ ޔުނިވާސިޓީގެ ފެމިލީ ޑޮކްޓަރެއް ކަމަށްވާ އެއިންސްލީ މޯ ވިދާޅުވިގޮތުގައި އާ ގައިޑްލައިން ނެރެފައި ވަނީ މެމޮގްރާމް ހެދުމާ މެދު ގޮތް ނިންމުމުގެ ބާރު ވަކިވަކި އަންހެނުންނަށް ވެސް ލިބިދޭ ގޮތަށެވެ.
އެކަމަކު މެމޮގްރަޕީއަކީ އުރަމަތީ ކެންސަރު ޖެހިގެން މަރުވުމުގެ ނުރައްކާ ކޮންމެވެސް ވަރަކަށް ކުޑަކޮށްދޭ ކަމަކަށް ވިޔަސް އެ ޓެސްޓުގެ ސަބަބުން ގެއްލުންތަކެއް ލިބުން ވެސް އެކަށީގެންވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ޓެސްޓުގެ ނަތީޖާ ނުބައިކޮށް ދައްކައިފި ނަމަ އަންހެނުންނަށް ބޭކާރު ގޮތުގައި ކަންބޮޑުވާން ޖެހުމާއި އިތުރު ޓެސްޓުތައް ހަދަން ޖެހި ބަޔޮޕްސީއަކާ ހިސާބަށް ވެސް ދާން ޖެހިދާނެ އެވެ. އަދި ކެންސަރު ނެތަސް ކެންސަރު ހުރި ކަމަށް ބަލައި ބޭކާރު ގޮތުގައި ފަރުވާދިނުމުގެ ސަބަބުން ރޭޑިއޭޝަނާއި ކީމޯތެރަޕީ އާއި އޮޕަރޭޝަންކުރުމުގެ ނުރައްކާތައް ކުރިމަތިވުން ވެސް އެކަށީގެންވެ އެވެ.
އެކަމަކު އެންމެ ފަހުން ލިބިފައިވާ މެޑިކަލް ހެކިތަކަށް ބަލާ އިރު، މެމޮގްރަފީ ހެދުމުގެ ގެއްލުމަށް ވުރެ ފައިދާ ކުޑަކޮށް ބޮޑުކަން އެނގިފައިވާތީ، ގައިޑްލައިނަށް ބަދަލު ގެންނަން ނިންމައި ޓާސްކް ފޯހުން ވަނީ، "ޝަރުތުތަކަކާ އެކު"، އެ ޓެސްޓާ މެދު އަންހެންމީހާ ދެކޭ ގޮތަށް ވެސް ރިއާޔަތްކުރުމަށް ލަފާދީފަ އެވެ. ކެނޭޑިއަން މެޑިކަލް އެސޯސިއޭޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ އާ ގައިޑްލައިން އޮތް ގޮތުން:
* ޓާސްކް ފޯހުން ލަފާ ދެނީ އުމުރުން 40-49 އަހަރާ ދެމެދުގެ އަންހެނުން މެމޮގްރާމް ނެހެދުމަށެވެ. އެކަމަކު މެމޮގްރާމެއް ހައްދަން ބޭނުންވާ މީހެއް ނަމަ، މި އުމުރުފުރާގެ މީހުން އެ ޓެސްޓު ހެދުމުގެ ފައިދާ އާއި ގެއްލުންތަކަކީ ކޮބައިތޯ ޑޮކްޓަރު ގާތު އަހައި އޮޅުންފިލުވަންވާނެ އެވެ.
*އުމުރުން 50 އަހަރާއި 74 އަހަރާ ދެމެދުގެ މީހުން ކޮންމެ ދެ އަހަރަކުން ނުވަތަ ކޮންމެ ތިން އަހަރަކުން މެމޮގްރާމް ހައްދަންވާނެ އެވެ. އެކަމަކު މި ލަފާ ވެސް ދީފައި ވަނީ ޝަރުތަކާ އެކުގަ އެވެ. ނުބައިކޮށް ޑައިގްނޯޒްކޮށްފާނެތީ އަދި އެކަމާ ގުޅިގެން ގެއްލުންތަކެއް ލިބިދާނެތީ ކަންބޮޑުވާ މީހުންނަށް ސްކްރީން ނުކުރުމުގެ އިޚްތިޔާރު ލިބިގެންވެ އެވެ.
* އުމުރުން 75 އަހަރުން މަތީގެ މީހުން އުރަމަތީ ކެންސަރަށް ސްކްރީންކުރުމާ ބެހޭ ލަފައެއް ދީފައެއް ނުވެ އެވެ. އަދި އުރަމަތީ ކެންސަރުގެ ނުރައްކާ ބޮޑު މީހުން ވެސް މި ގައިޑްލައިންއަކު ނުހިމެނެ އެވެ.
މިހާރު އެންމެ ގިނައީ އުރަމަތީގެ ކެންސަރު
މޫނުގައި ޖަހާ ފުށުން ރަހިމުގެ ކެންސަރު ޖެހޭތަ؟
ކެންސަރުން ސަލާމަތްކޮށްދޭން ކުޑަކުއްޖަކު އުފެއްދި ބްރާ
ފަސްނުޖެހި، އުރަމަތީ ކެންސަރުގެ ވާހަކަދައްކަން އެދިއްޖެ
ޓީވީ ތަރި، ޗަވީ އަށް އުރަމަތީގެ ކެންސަރު ޖެހިއްޖެ
ބްރެސްޓް ކެންސަރުގެ އަލާމާތްތަކާއި ފަރުވާގެ މުހިއްމުކަން
އުރަމަތީ ކެންސަރުގެ ވޭނާ ދެކޮޅަށް ކުރަނީ ސްކޭޓް
އުރަމަތީގެ ކެންސަރު ދެނެގަންނަން އޭއައި
ބޯ ފަންކޮށް ކުލަޖައްސާ އެއްޗެހިން އުރަމަތީ ކެންސަރު
ކެންސަރަށް "އޮލްޓަނޭޓިވް" ފަރުވާ ރައްކާތެރިއެއް ނޫން