Roadha Mihaaru
އީމެއިލް މެދުވެރިކޮށް ވިސާ ފޮނުވަންޖެހޭ ގޮތަށް ހަދައިފި

ބިދޭސީންގެ ވިސާ ފޯމު އީމެއިލް މެދުވެރިކޮށް ފޮނުވަންޖެހޭ ގޮތަށް ހަމަޖައްސައިފި

16 ޖެނުއަރީ 2018

ބިޒްނަސް ވިސާ އާއި ސްޕެޝަލް ވިސާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މާދަމާއިން ފެށިގެން އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭ ގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ބިޒްނަސް ވިސާ އާއި ސްޕެޝަލް ވިސާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މާދަމާއިން ފެށިގެން އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭ ގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.

އެ އިދާރާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ ގެންނަ މީހުންގެ ވިސާ އެޕްލިކޭޝަން ފޯމާއި އެ ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ތާރީޚުގެ ފަސް ދުވަސް ކުރިން އީމެއިލް ކުރަން ޖެހޭނެ ކަމަށެވެ. އީމެއިލް ފޮނުވަން ޖެހެނީ [email protected] އަށެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި އީމެއިލް ފޮނުވުމުން، ވިސާ ގަބޫލު ކުރި ކަން ނުވަތަ ނޫން ކަން ބަޔާންކޮށް އެ އީމެއިލެއް މެދުވެރިކޮށް ޖަވާބު ލިބޭނެ އެވެ. އެކަމަކު، ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް ފުރިހަމަ ނުވާ ނަމަ ނުވަތަ ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަނުވާ ނަމަ، އެޕްލިކޭޝަން ގަބޫލު ނުކުރާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

ވިސާ ގަބޫލު ކުރި ކަމުގެ އީމެއިލް ލިބުމުން، އެ މީހަކު ރާއްޖެ އައުމުގެ އެއް ގަޑިއިރު ކުރިން ވިސާ އެޕްލިކޭޝަން ފޯމާއި އެ ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުންތަކުގެ އަސްލު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އިމިގްރޭޝަންގެ އޮފީހަށް ހުށަހަޅައި ވިސާ ފީ ދެއްކުމަށް އިމިގްރޭޝަނުން ވަނީ އެދިފަ އެވެ.