Roadha Mihaaru
ބައްޕައަށްޓަކައިވާ ގުރުބާނީ، ބޭނުންވަނީ ކުޑަ އެހީއެއް

ބައްޕައަށްޓަކައި ދަރިއަކުވާ ގުރުބާނީ، ބޭނުންވަނީ ކުޑަ އެހީއެއް

18 ޖެނުއަރީ 2018

ލ. އަތޮޅު މީހަކާ އިނދެގެން އެ އަތޮޅު ފޮނަދޫގައި ދިރިއުޅެމުން އަންނަ ނަސްވާ އަބްދުއްމަޖީދުގެ ހަތް ކުދިން އެބަތިއްބެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ވެސް ނަސްވާ އަންނަނީ ބަލަމުންނެވެ. ފިރިމީހާ އަށް ލިބޭ ކުޑަ މުސާރަ އިން ދިރިއުޅުމުގެ ހަރަދުތައް ކިރިޔާ ހަމަޖައްސަމުން އަންނަނިކޮށް އޭނާގެ ބައްޕަ އަށް ކެންސަރު ޖެހިފައިވާކަން އެނގުނެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ލ. އަތޮޅު މީހަކާ އިނދެގެން އެ އަތޮޅު ފޮނަދޫގައި ދިރިއުޅެމުން އަންނަ ނަސްވާ އަބްދުއްމަޖީދުގެ ހަތް ކުދިން އެބަތިއްބެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ވެސް ނަސްވާ އަންނަނީ ބަލަމުންނެވެ. ފިރިމީހާ އަށް ލިބޭ ކުޑަ މުސާރަ އިން ދިރިއުޅުމުގެ ހަރަދުތައް ކިރިޔާ ހަމަޖައްސަމުން އަންނަނިކޮށް އޭނާގެ ބައްޕަ އަށް ކެންސަރު ޖެހިފައިވާކަން އެނގުނެވެ.

ތ. ތިމަރަފުށީ ކެފޭއެއްގައި ވެއިޓަރުކަން ކުރަމުން އައި ނަސްވާގެ ބައްޕަ، 59 އަހަރުގެ އަބްދުލްމަޖީދު މާހިރު ބަލިވުމުން ނަސްވާގެ ގާތަށް، ފޮނަދު އަށް ގެންގޮސް ބަލަން ފެށި އެވެ. އެއީ އާއިލާގައި ހަތް ދަރިން ތިބި ނަމަވެސް އޭނާއަކީ އެންމެ ދޮށީ މީހާ އަށް ވެފައި، އާއިލާގައި އެހީތެރިކަމެއް ފޯރުކޮށްދޭވޭނެ އެހެން މީހަކު ނެތުމުންނެވެ.

ފިރިމީހާ އަށް ލިބޭ ކުޑަ މުސާރަ އިން ބައްޕަގެ ފަރުވާގެ ކަންކަން ހަމައެއް ނުޖެއްސެ އެވެ. އެކަމަކު ދަތި ހާލުގައި ވެސް ބައްޕަ ބަލަން ޖެހޭނެކަން ދަނެގެން، ބައްޕަ އަށް ފަރުވާ ކުރަން ފައިސާ އެއްކުރުމަށް އޭނާ ސަލާން ޖަހަން ނުކުތެވެ. ފޮނަދޫގެ އެކި ގޭގެ އަށް ހިނގައިގެން، މާލޭގައި ބައްޕަ އަށް ފަރުވާ ކުރެވޭނެ ވަރަށް އޭނާ ފައިސާ އެއްކުރި އެވެ.

ނަސްވާގެ ބައްޕަ އަބްދުލްމަޖީދު: ކެންސަރަށް ފަރުވާ ކުރުމަށް އޭނާ އަށް އެހީތެރިކަން ބޭނުންވޭ

ނަސްވާގެ ބައްޕަ އަބްދުލްމަޖީދު: ކެންސަރަށް ފަރުވާ ކުރުމަށް އޭނާ އަށް އެހީތެރިކަން ބޭނުންވޭ

"ބައްޕަގެ ބަލި ހާލަތު އަންގައިދޭ ލިޔުންތައް ހިފައިގެން މި ރަށުގެ ހުރިހާ ގެއަކަށްހެން އަޅުގަނޑުވަނިން. އެހީ އަށް އެދި އާދޭސް ކުރިން. އެ ގޮތުގެ މަތިން އަޅުގަނޑުމެންނަށް 21،000 ރުފިޔާ ލިބުނު،" ނަސްވާ ކިޔައިދިނެވެ.

އަބްދުލްމަޖީދަށް ކެންސަރު ޖެހިފައިވާކަން އެނގުނީ ހޮޓަލުގައި އޭނާ މަސައްކަތް ކުރަނިކޮށް، އެއް ދުވަހަކު އަނބުރައިގަނެގެން ވެއްޓުމުން މާލެ ގެނެސް ޑޮކްޓަރަށް ދެއްކުމުންނެވެ. ފުއްޕާމޭގައި ޓިއުމަރެއް އުފެދި އެ ޓިއުމަރު ކެންސަރަށް ބަދަލުވެ، އޭނާގެ ހާލު ހުރީ ކެންސަރުގެ ހަތަރު ވަނަ ސްޓޭޖުގަ އެވެ.

އަބްދުލްމަޖީދުގެ ބަލި ދެނެގަނެވުނީ މިދިޔަ އަހަރުގެ މެދުތެރޭގައި ކަމުން އޭރު ރާއްޖޭގައި ކެންސަރަށް ފަރުވާ ކުރެވެން ހުރީ ހަމައެކަނި އޭޑީކޭންނާއި ހުޅުމާލޭ ހޮސްޕިޓަލުންނެވެ. ކެންސަރަށް ފަރުވާ ހޯދުމަށް އާސަންދައިގެ އެހީގައި ކީމޯ ލިބެން ހުރި ނަމަވެސް، އޭޑީކޭގައި ބާއްވައިގެން ފަރުވާ ކުރުމަށް ހަރަދުތަކެއް ދެ އެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުން ލިބެން ހުރި ބައެއް ފަރުވާތައް އާސަންދަ އިން ކަވަރެއް ނުކުރެ އެވެ.

ނަސްވާގެ ބައްޕަ އަބްދުލްމަޖީދު: ކެންސަރަށް ފަރުވާ ކުރުމަށް އޭނާއަށް އެހީތެރިކަން ބޭނުންވޭ

ނަސްވާގެ ބައްޕަ އަބްދުލްމަޖީދު: ކެންސަރަށް ފަރުވާ ކުރުމަށް އޭނާއަށް އެހީތެރިކަން ބޭނުންވޭ

ނަސްވާ ސަލާން ޖަހައިގެން ފައިސާކޮޅެއް އެއްކުރީ ބައްޕަގެ ފަރުވާގެ ހުރިހާ ހަރަދެއް، އާސަންދަ އިން ނުކުރެވޭތީ އެވެ.

"އޭޑީކޭގައި ބާއްވައިގެން ފަރުވާ ދޭއިރު ކޮޓަރިއަށާއި އެހެން ކަންކަމަށް ވެސް ވަރަށް ހަރަދު ދޭ. އެހެންވެ، ވަރަށް އަވަހަށް އެ ފައިސާކޮޅު ހުސްވެއްޖެ. ދެން ވެސް އަޅުގަނޑުމެންނަށް އެހީތެރިވެދިނީ އާއްމުން،" އާއިލާގައި ތިބި ބައްޕަގެ ދެ ފިރިހެން ދަރިންގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބޭކަން ފާހަގަކޮށް ނަސްވާ ބުންޏެވެ.

އޭޑީކޭގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު، ދެން ފަރުވާ ދެވޭނީ ރާއްޖޭން ބޭރުން ކަމަށް އެންގީ މިދިޔަ އަހަރު ފަހުކޮޅުގަ އެވެ. އެހެންވެ، ދެން ފަރުވާ ހޯދުމަށް ނަސްވާމެން ދިޔައީ އިންޑިއާ އަށެވެ. ބައްޕަގެ ކެންސަރު ބަލި ހުރީ ސްޓޭޖް ތިނެއްގައި ކަމާއި ހަ މަސް ވާންދެން ފަރުވާ ދެވިއްޖެ ނަމަ، ފުއްޕާމޭގެ އޮޕަރޭޝަނެއްކޮށް، ޓިއުމަރު ނެގިދާނެ ކަމުގެ ފެހި ސިގްނަލް އެ ހޮސްޕިޓަލުން ދިނެވެ. އެކަމަކު އިންޑިއާގައި އެ ހުރިހާ ދުވަހަކު މަޑުކޮށްގެން ތިބުމަށް މަދުވެގެން 8،000 ޑޮލަރު (123،000 ރުފިޔާ) ބޭނުންވެ އެވެ.

އެހާ ފައިސާ ނެތުމުން، ތިން މަސް ދުވަހުގެ ބޭސް ދިނުމަށް ފަހު އަބްދުލްމަޖީދު ރާއްޖެ ފޮނުވައިލި އެވެ. އެކަމަކު ދިރިހުރުމުގެ އުއްމީދު ލިބިފައިވާތީއާ އެކު އޭނާ އަނެއްކާ ވެސް އެދެނީ އާއްމުންގެ އެހީއަށެވެ.

"ކުރިން ވެސް އާއްމުންގެ ބޮޑު އެހީތެރިކަމެއް އަޅުގަނޑުމެންނަށް ލިބުނު. އެހެންވެ، މި ފަހަރު ވެސް އަޅުގަނޑު ވަރަށް އާދޭހާއެކު މި އެދެނީ އާއްމުންގެ އެހީތެރިކަމަށް،" މި ވަގުތު ފޮނަދޫގައި ހުރި އަބްދުއްމަޖީދު ބުންޏެވެ.

ނަސްވާ ބުނި ގޮތުގައި ބައްޕަ އެންމެ ބޮޑަށް ބަލިވެގެން މާލެ ގެންދިޔުމުން، އާސަންދަ އިން ކަވަރު ނުކުރާ ޓެސްޓުތައް ހެދީ، އޭނާގެ ސައިކަލަށް މަހަކު ދައްކަން ޖެހޭ 1،400 ރުފިޔާއިންނެވެ. މިހާރު ވެސް އޭނާ އާއި ދަރިންގެ ގިނަ ހަރަދުތައް މަޑުޖައްސާލާފައިވަނީ ބައްޕައަށްޓަކަ އެވެ. އެކަމަކު ބައްޕަގެ ފުރާނަ ސަލާމަތް ކުރެވެން އޮތީ އާއްމުންގެ އެހީތެރިކަމާ އެކުގައި ކަމަށް އޭނާ ބުންޏެވެ.

ނަސްވާގެ ބައްޕަ އަށް އެހީތެރިވާން ބޭނުން މީހަކު އޭނާގެ ފޯނު ނަމްބަރު 9968215 އަށް ގުޅުމަށް އޭނާ އެދެ އެވެ. އަދި އެހީއެއް ދޭން ބޭނުންވާ މީހުން 7730000133664 މި އެކައުންޓަށް ފައިސާ ޖަމާ ކޮށްދިނުމަކީ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.