Roadha Mihaaru
ފްލެޓް ދޫކުރުން ލަސްވަނީ ބިންކޮޅަށް ގޮތެއް ނުނިމިގެން

ފްލެޓް ހަވާލުކުރުން ލަސްވަނީ ބިންކޮޅު ދޫކޮށްލަން އެއްބަސް ނުވެވިގެން: މިނިސްޓްރީ

17 ޖެނުއަރީ 2018

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ކެޓަގަރީ އެކަކުން ފްލެޓް ލިބުނު ބައެއް މީހުންނާ، އެ ފްލެޓްތައް ހަވާލުކުރުން ލަސްވަނީ ބިންކޮޅު ދޫކޮށްލުމުގައި އެއްބަސްވުމަކަށް ނާދެވިގެން ކަަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ކެޓަގަރީ އެކަކުން ފްލެޓް ލިބުނު ބައެއް މީހުންނާ، އެ ފްލެޓްތައް ހަވާލުކުރުން ލަސްވަނީ ބިންކޮޅު ދޫކޮށްލުމުގައި އެއްބަސްވުމަކަށް ނާދެވިގެން ކަަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ތިން ކެޓަގަރީން ހުޅުވާލި އެ މަޝްރޫއުން 661 މީހަކަށް ފްލެޓް ލިބުނެވެ. އޭގެތެރެއިން، ބިންކޮޅު ދޫކޮށްލާ ގޮތަށް އެއްބަސްވެ ފޯމު ހުށަހަޅައި، ފުރަތަމަ ކެޓަގަރީން ފްލެޓް ލިބުނު ބައެއް މީހުންނަށް އެތަންތަނަށް އަދި ވަދެވޭ ގޮތެއް ނުވެ އެވެ.

މި މަޝްރޫއުގައި ކެޓަގަރީ އެކަކުން ފްލެޓަށް ހުޅުވާލީ މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ވާ މީހުންނާއި މާލޭގައި ރަށްވެހިވެފައިވާ މީހުންނަށެވެ. އޭގެތެރޭގައި އަމިއްލަ ބިންކޮޅު ސަރުކާރަށް ދޫކޮށްލަން އެއްބަސްވެ ފްލެޓަށް ކުރިމަތިލީ މީހުން ވެސް ހިމެނެ އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މާލެ އިން ލިބިފައި އޮތް ބިންކޮޅު ދޫކޮށްލާ ގޮތަށް ފްލެޓަށް ކުރިމަތިލީ ބައެއް މީހުންނާ ފްލެޓް ހަވާލުނުކުރެވި އޮތީ، ބިންކޮޅު ދޫކޮށްލުމުގައި އަދި އެއްބަސްވުމަކަށް ނާދެވިގެން ކަމަށެވެ. އެކަމަކު އޭގެ ތަފްސީލެއް ނުދެއްވަ އެވެ.

"އެއީ ނިސްބަތުން ވަރަށް މަދު ބައެއް. އެކަމުގައި ގޮތެއް ހޯދަން އެ މީހުންނާ އެކު މިނިސްޓްރީން އަންނަނީ މަޝްވަރާކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

އާ މަޝްރޫއުގެ ފްލެޓްތަކުގެ ކުލީގެ ގޮތުގެ ކަނޑައަޅާފައިވަނީ 25 އަހަރަށް ބަހާލައިގެން މަހަކު 7،000 ރުފިޔާ އެވެ. އަދި ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހެނީ 25،000 ރުފިިޔާ އެވެ. ބައެއް މީހުން މި ފްލެޓްތައް 15،000-20،000ރ. ދެމެދުގެ އަގެއްގައި ކުއްޔަށް ދޫކުރެ އެވެ.

ހުޅުމާލޭން ދޫކުރި މި ފްލެޓްތަކަށް 15،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އެކަމަކު ފްލެޓް ލިބުނު މީހުންގެ ލިސްޓު ހަތަރު އަހަރު ފަހުން އާއްމު ކުރި އިރު، އެކަން ކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އަށް މައްސަލަ ހުށަހަޅައިފަ އެވެ. ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރިއިރު ވެސް މި މައްސަލައިގެ ތަހުގީގެއް ނުނިމެ އެވެ.