Roadha Mihaaru
ވިލާގެ 4 ރިސޯޓަކަށް ރަލާއި އޫރުމަހުގެ ހުއްދަ ބާތިލް

ވިލާގެ ހަތަރު ރިސޯޓަކަށް ރަލާއި އޫރުމަސް ދޫކުރުން އޮތީ ހުއްޓާލާފައި: ކަސްޓަމްސް

19 ޖެނުއަރީ 2018

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުނީގެ ހަތަރު ރިސޯޓަކަށް ރަލާއި އޫރުމަސް އެތެރެ ކުރުމުގެ ހުއްދަ މިދިޔަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހުން ފެށިގެން އޮތީ ބާތިލްކޮށްފައި ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުނީގެ ހަތަރު ރިސޯޓަކަށް ރަލާއި އޫރުމަސް އެތެރެ ކުރުމުގެ ހުއްދަ މިދިޔަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހުން ފެށިގެން އޮތީ ބާތިލްކޮށްފައި ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުންނާ އެކު ކަސްޓަމްސް އިން ގާސިމްގެ ރިސޯޓްތަކަށް އަރައި ފާސް ކުރުމަށް ފަހު، ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ ރަލާއި އޫރުމަސް ދޫކުރުމުގެ އިތުރުން ވެސް އެ ރިސޯޓުތަކަށް އެހެނިހެން ޚިދުމަތްތައް ދިނުން ވެސް ކަސްޓަމްސް އިން އެ ތާރީހުގައި ހުއްޓާލާފައިވާ ކަމަށެވެ.

ޚިދުމަތް ދިނުން ހުއްޓާލީ މީރާ އަށް ދައްކަންޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ނުދައްކާތީ، މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ކަމަށް ވެސް ކަސްޓަމްސްގެ ބަޔާނުގައި ބުނެފައިވެ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ހިދުމަތް ދިނުން ހުއްޓާލީ ވިލާގެ ސަން އައިލެންޑާއި، ޕެރަޑައިސް އައިލެންޑު އަދި ފަން އައިލެންޑްގެ އިތުރުން ހޮލިޑޭ އައިލެންޑް ރިސޯޓަށް ކަމަށެވެ.

އެ ހަތަރު ރިސޯޓުގެ އިތުރުން ވިލާ އިން ހިންގަމުން އަންނަނީ ރޯޔަލް އައިލެންޑް ރިސޯޓެވެ. ކަސްޓަމްސް އިން ރިސޯޓުތަކަށް އަރާ ފާސް ކުރީ، ރޯޔަލް އަށް ގެންދާ ރަލާއި އޫރުމަސް އެހެން ރިސޯޓުތަކަށް ގެންގޮސް ބޭނުން ކުރަމުން އަންނަ ކަމަށް ބުނެ އެވެ.

ކަސްޓަމްސްގެ ބަޔާނުގައި ބުނެފައިވަނީ ރަލާއި އޫރުމަސް ދޫކުރަމުން ގެންދަނީ ވަކި ތަނަކަށް ގެންދިއުމަށް އިގުރާރު ވުމަށް ފަހު ކަމަށް ވާއިރު އެ ތަކެތި އެހެން ތަންތަނަށް ގެންގޮސް ވިއްކައި، ބޭނުން ކުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އަދި ވިލާގެ އެ ހަތަރު ރިސޯޓުގައި ގަވާއިދާ ހިލާފަށް ގިނަ އަދަދަކަށް ބަނގުރާ ގެންގޮސް ބޭނުން ކުރަމުން އަންނަ ކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ނަމަވެސް ވިލާ އިން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެ ކުންފުނިން ވަނީ ރިސޯޓްތަކުގައި ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ހިންގާފައި ނުވާނެ ކަމަށް ބުނެފަ އެވެ.

"...ބަނގުރަލުގެ ބާވަތްތައްް ގެންގޮސް ގަވާއިދާ ޚިލާފަށް އެ ތަކެތީގެ ވިޔަފާރި ކުރުމަކީ ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ އުޅުމަށް މަގުފަހިވާނެ ކަމަކަށް ވާތީވެ، މިފަދަ އަމަލުތައް ހުއްޓުވުމަށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މިމުވައްސަސާގެ ފަރާތުން އަޅަމުންދާނެ ވާހަކަ ދަންނަވަމެވެ.،" ކަސްޓަމްސްގެ ބަޔާނުގައި ބުނެފައި ވެއެވެ.

އިމްޕޯޓް އަދި އެކްސްޕޯޓް ކުރެވޭ ތަކެއްޗާ މެދު އަމަލު ކުރުމަށް ކަނޑައެޅިފައިވާ ގަވާއިދުތަކާ ހިލާފަށް އަމަލުކުރުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށް ވެސް ކަސްޓަމްސްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކަސްޓަމްސް އިން ބުނީ ގާނޫނު ތަންފީޒު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން، އެ މުއައްސަސާގެ އަގު ވައްޓާލަން ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅާނެ ކަމަށް އިންޒާރު ދީފައިވެ އެވެ.