Roadha Mihaaru
ގާސިމްގެ ރިސޯޓުތަކަށް ރަލާއި އޫރުމަސް ދޫކުރަން ފަށައިފި

ގާސިމްގެ ރިސޯޓުތަކަށް ރަލާއި އޫރުމަސް އަލުން ދޫކުރަން ފަށައިފި

25 ޖެނުއަރީ 2018

ވިލާ ގްރޫޕްގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރިސޯޓުތަކަށް ރަލާއި އޫރުމަސް ކަސްޓަމްސް އިން އަލުން ދޫކުރަން ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވިލާ ގްރޫޕްގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރިސޯޓުތަކަށް ރަލާއި އޫރުމަސް ކަސްޓަމްސް އިން އަލުން ދޫކުރަން ފަށައިފި އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް "މިހާރު" އަށް ވިދާޅުވި ގޮތުގައި ވިލާގެ ރިސޯޓުތަކަށް ރަލާއި އޫރު މަސް އެތެރެކުރުމަށް ސަރުކާރުން ދިން ވަގުތީ ލައިސަންސާ އެއްގޮތަށް ކަސްޓަމުން މިހާރު އަމަލު ކުރަމުން އަންނަ ކަމަށެވެ. އަދި އެއްވެސް ދަތި ކަމެއް ނެތި ވިލާ އަށް ރަލާއި އޫރުމަސް ރާއްޖެ އެތެރެ ކުރެވޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯޔަލް އައިލެންޑް ރިސޯޓުގައި އެއްވެސް ދައްޗެއް ނެތި ހިންގޭ ވަރަށް އަދިވެސް އެބަހުރި ބަނގުރާ. އެހެންވީމަ ދައްޗެއް ކުރިމައްޗެއް ނުވާނެ،" ޝަރީފް ވިދާޅުވި އެވެ.

ގާސިމްގެ ރިސޯޓުތަކަށް ރަލާއި އޫރުމަސް އެތެރެކުރުމަށް ސަރުކާރުން ދިނީ ދެ ހަފްތާގެ މުއްދަތެކެވެ. އެ މުއްދަތު ގުނާނީ މިއަދުން ފެށިގެންތޯ ސުވާލުކުރުމުން ޝަރީފް ވިދާޅުވީ އެކަން ނިންމާނީ އިކޮނޮމިކް މިނިސްޓްރީން ކަމަށާއި އެ މިނިސްޓްރީން އަންގާ ގޮތަކަށް އަމަލު ކުރާނެ ކަމަށެވެ.

ގާސިމްގެ ފަސް ރިސޯޓު ކަމަށްވާ ރޯޔަލް އައިލެންޑް ރިސޯޓާއި ޕެރެޑައިސް އައިލެންޑް ރިސޯޓާއި ފަން އައިލެންޑް ރިސޯޓާއި ހޮލިޑޭ އައިލެންޑް ރިސޯޓާއި ސަން އައިލެންޑް ރިސޯޓަށް ބަނގުރަލާއި އޫރުމަސް އެތެރެކުރުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ބާތިލްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ރަލާއި އޫރުމަސް އެތެރެކުރުމަށް 14 ދުވަހުގެ ވަގުތީ ލައިސަންސެއް ދިނީ މިދިޔަ ހޯމަ ދުވަހެވެ.

އެކަމަކު، ގާސިމްގެ ރިސޯޓުތަކަށް ބަނގުރަލާއި އޫރުމަސް އެތެރެކުރުމަށް މަސައްކަތް ކުރުމުން އެކަން ކާމިޔާބުވާ ގޮތްވެފައިނުވާ ކަމަށް ވިލާ އިން އިއްޔެ ވަނީ ބުނެފަ އެވެ. ނަމަވެސް ވިލާގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރަލާއި އޫރުމަސް އެތެރެ ކުރެވޭ ގޮތް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ރޯޔަލް ފިޔަވައި ގާސިމްގެ ހަތަރު ރިސޯޓަށް ބަނގުރަލާއި އޫރު މަސް އެތެރެކުރުމަށް އޮތް ހުއްދަ މިދިޔަ މާޗް މަހުން ފެށިގެން ވަނީ ބާތިލްކޮށްފަ އެވެ. އެންމެ ފަހުން ހުއްދަ ހިފެހެއްޓީ، ގާސިމްގެ އައިލެންޑް ޓްރެވެލް އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގާ ރޯޔަލް އައިލެންޑް ރިސޯޓަށް ބަނގުރަލާއި އޫރުމަސް އެތެރެކުރުމަށް ދީފައިވާ ހުއްދަ އެވެ.

ގާސިމްގެ ރިސޯޓުތަކަށް ބަނގުރަލާއި އޫރު މަސް އެތެރެކުރަން ވަގުތީ ހުއްދައެއް ދިން ކަން ހާމަކޮށް ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ވަގުތީ ލައިސަންސެއް ދޭން ނިންމީ ރާއްޖޭގެ ޓޫރިޒަމަކީ އިގްތިސާދަށް މުހިއްމު ސިނާއަތަށް ވާތީވެ، ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުންގެ ހިތްހަމަޖެހުމަށެވެ.

ގާސިމްގެ ރިސޯޓުތައް ފާސްކުރީ ރޯޔަލް އައިލެންޑަށް ގެންދަން ހުއްދަ ދީފައިވާ، އޫރު މަހާއި ރާ، ސަން އައިލެންޑާއި ޕެރެޑައިސް އާއި ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑް ރިސޯޓަށް ގެންދާ ކަމަށް ބުނެ އެވެ. އަދި ފަންގައި ހުރި ގިނަ އަދަދެއްގެ ރާ ފުޅިތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ ވިލާގެ ހަތަރު ރިސޯޓަކުން މިދިޔަ މާޗު މަހުން ފެށިގެން ޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި 5.1 މިލިޔަން ޑޮލަރު ނުދައްކާ ކަމަށެވެ.