Roadha Mihaaru
ގާސިމްގެ ރިސޯޓުތަކުގައި މުޒާހަރާ ކުރަނީ

ގާސިމްގެ ރިސޯޓުތަކުގައި މުޒާހަރާ ކުރަނީ

21 ޖެނުއަރީ 2018

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރިސޯޓުތަކަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ދެކޮޅަށް އެ ރިސޯޓުތަކުގެ މުވައްޒަފުން މިއަދު މުޒާހަރާ ކުރަން ފަށައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރިސޯޓުތަކަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ދެކޮޅަށް އެ ރިސޯޓުތަކުގެ މުވައްޒަފުން މިއަދު މުޒާހަރާ ކުރަން ފަށައިފި އެވެ.

ވިލާގެ ރިސޯޓުތަކަށް ފުލުހުންނާ އެކު އަރައި ކަސްޓަމްސް އިން ހިންގާ ތަހުގީގު ކަވަރުކުރަން ގޮސް ތިބި "މިހާރު"ގެ ނޫސްވެރިން ބުނީ، ގާސިމްގެ ހުރިހާ ރިސޯޓުތަކެއްގައި މުޒާހަރާ ފަށާފައިވާއިރު، ސަން އައިލެންޑުގެ ސްޓާފް އޭރިއާގައި ގާތްގަނޑަކަށް 300 މީހުން މުޒާހަރާގައި އެބަތިބި ކަމަށެވެ. އަދި ހޮލިޑޭ އައިލެންޑުގައި 150 އެއްހާ މުވައްޒަފުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު އޭގެ ތެރޭގައި ބިދޭސީ މުވައްޒަފުން ވެސް ހިމެނޭ ކަމަށް ނޫސްވެރިން ބުންޏެވެ.

މުވައްޒަފުންގެ މައިގަނޑު ކަންބޮޑުވުމަކީ، އެ މީހުންގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރެވެ. ރަލާއި އޫރު މަސް ވިއްކުމުގެ ހުއްދަ، ވިލާގެ ހުރިހާ ރިސޯޓުތަކަށް މަނާކުރީ، ގާސިމްގެ ވިޔަފާރިތައް ބަނގުރޫޓުކޮށްލަން ކަމަށް ވެސް މުވައްޒަފުން ދެކެ އެވެ.

ހޮލިޑޭ އައިލެންޑުގެ މުވައްޒަފުން މުޒާހަރާގައި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ހޮލިޑޭ އައިލެންޑުގެ މުވައްޒަފުން މުޒާހަރާގައި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"މުވައްޒަފުން މުޒާހަރާ ކުރަމުން ދަނީ ގާސިމަށް އަނިޔާކުރުން ހުއްޓާލަން ގޮވާލައި. ގާސިމާ މެދު އަމަލުކުރަމުންދާ ގޮތުން އެތައް އާއިލާއެއް ބިކަވަމުންދާ ކަމުގެ ކަންބޮޑުވުން އެ މީހުން ފާޅުކުރަމުން ދަނީ،" ރޯޔަލް އައިލެންޑުގައި ހުރި "މިހާރު"ގެ ރިޕޯޓަރު، މުހައްމަދު ޔާމީން ބުންޏެވެ.

އޭނާ ބުނިގޮތުގައި، މުވައްޒަފުން މުޒާހަރާ އަށް ނިކުމެ ތިބީ އެކި ޝުއޫރުތައް ފާޅުކޮށްފައިވާ ލިޔުންތައް ވެސް ހިފައިގެންނެވެ. އެ ލިޔުންތަކުގައި، "މުވައްޒަފުންނަށް ކުރާ އަނިޔާ އާއި ބިކަ ހާލުގައި ޖައްސަން ކުރާ މަސައްކަތް ހުއްޓާލުމަށާއި ރައްޔިތުންގެ މުދާ ފޭރުން ހުއްޓާލަން" ވެސް ސަރުކާރަށް ގޮވާލާފައިވެ އެވެ.

ސަން އައިލެންޑުގައި މުޒާހަރާ ކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ސަން އައިލެންޑުގައި މުޒާހަރާ ކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ކަސްޓަމްސްގެ ތަހުގީގު ޓީމުތައް ގާސިމްގެ ރިސޯޓުތައް ފާސްކުރަނީ، ރޯޔަލް އައިލެންޑް ރިސޯޓަށް ގެންދަން ހުއްދަ ދީފައިވާ، އޫރު މަހާއި ރާ، އެ ކުންފުނީގެ އެހެން ރިސޯޓުތަކަށް ގެންގޮސް ބޭނުން ކުރަމުން ދާ ކަމުގެ ތުހުމަތުގަ އެވެ. މިއީ، ގާސިމަށް ބިރު ދައްކައި އޭނާގެ މުދާ ފޭރިގަތުމަށް ހިންގާ އަމަލެއް ކަމަށް ބުނެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިއަމުންނެވެ. ނަމަވެސް ކަސްޓަމުން ބުނާ ގޮތުގައި ވިލާގެ ރިސޯޓްތައް ބަލައި ފާސްކުރުމަށް މިހާރު ހިންގާ އޮޕަރޭޝަނަކީ ވަކި ކުންފުންޏެއްގެ ރިސޯޓްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ނޫނެވެ.

ކަސްޓަމްސްއިން ވަނީ ކޯޓު އަމުރަކާއެކު ފަން އައިލެންޑް ރިސޯޓަށް އަރައި، އެ ރިސޯޓުގައި ހުރި ގިނަ އަދަދެއްގެ ރާ، އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި ބަނގުރަލާއި އޫރުމަސް އެތެރެކުރުމަށް ރޯޔަލް އައިލެންޑް ރިސޯޓަށް ދީފައިވާ ހުއްދަ މިއަދުން ފެށިގެން ހަ މަސް ދުވަހަށް އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ ހިފަހައްޓައިފަ އެވެ.