Roadha Mihaaru
ރެއާލުން ސްޕެނިޝް ލީގު ޗެމްޕިއަންކަން ހޯދައިފި

ރެއާލުން ސްޕެނިޝް ލީގު ޗެމްޕިއަންކަން ހޯދައިފި

17 ޖުލައި 2020

މެޑްރިޑް (ޖުލައި 17) - އަމިއްލަ ދަނޑުގައި ވިޔަރެއާލް އަތުން 2-1 އިން މޮޅުވެ ބާކީ އެއް މެޗު އޮއްވައި ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑުން ރޭ، އެ ކްލަބުގެ ތާރީހުގައި 34 ވަނަ ފަހަރަށް ހޯދައިފި އެވެ.

މެޑްރިޑް (ޖުލައި 17) - އަމިއްލަ ދަނޑުގައި ވިޔަރެއާލް އަތުން 2-1 އިން މޮޅުވެ ބާކީ އެއް މެޗު އޮއްވައި ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑުން ރޭ، އެ ކްލަބުގެ ތާރީހުގައި 34 ވަނަ ފަހަރަށް ހޯދައިފި އެވެ.

އެ ޓީމު ލީގު މި ހޯދީ 37 މެޗުން 86 ޕޮއިންޓް ހަމަކޮށްގެންނެވެ އެވެ. ތާވަލުގެ ދެ ވަނައިގައި އޮތް ބާސެލޯނާ ރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި އޮސަސޫނާ އަތުން 2-1 އިން ބަލިވެފައިވާތީ، ރޭ ރެއާލް ބަލިވި ނަމަވެސް ލީގު ކަށަވަރުވީހެވެ. ބާސެލޯނާ އަށް 37 މެޗުން ލިބިފައިވަނީ 79 ޕޮއިންޓެވެ.

މިއީ މިދިޔަ އަށް އަހަރު ތެރޭ ރެއާލުން ލީގު ހޯދި ތިން ވަނަ ފަހަރެވެ. އޭގެ ތެރެއިން ދެ ފަހަރު ލީގު ޗެމްޕިއަންކަން މި ހޯދީ ޒައިނުއްދީން ޒިދާންގެ ކޯޗުކަމުގަ އެވެ.

ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު ސްޕެނިޝް ލީގު އަލުން ކުޅެން ފެށި ފަހުން ރެއާލް ވަނީ ކުޅުނު 10 މެޗުން ވެސް މޮޅުވެފަ އެވެ. ބްރޭކުގެ ކުރިން ބާސެލޯނާ އެއް ވަނައިގައި އޮތް ނަމަވެސް އޭގެ ފަހުން ރެއާލް ތަފާތު ފޯމެއް ދައްކައި އެއް ވަނަ އަށް އަރައި ތަށި ޔަގީންކުރީ އެވެ.

ރެއާލަށް މެޗުގެ 29 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ކަރިމް ބެންޒެމާ އެވެ. ރެއާލުން ލީޑުފުޅާކުރި ލަނޑު މެޗުގެ 77 ވަނަ މިނިޓްގައި ބެންޒެމާ ޖެހީ ޕެނަލްޓީ އަކުންނެވެ. އެ ޕެނަލްޓީ ފުރަތަމަ ޖަހަން ދިނުމުން ސާޖިއޯ ރާމޮސް ބޯޅަ ޖައްސާލީ ބެންޒެމާ އަށެވެ. ބެންޒެމާ އެ ބޯޅަ ފޮނުވާލި ނަމަވެސް ރެފްރީ އެންގީ ދެ ވަނަ ފަހަރަށް ޕެނަލްޓީ ޖަހާށެވެ. އެއީ ޕެނަލްޓީ ފޮނުވާލުމުގެ ކުރިން ރެއާލް ކުޅުންތެރިން އޭރިއާތެރެއަށް ވަނުމުންނެވެ. ދެ ވަނަ ފަހަރަށް ލިބުނު ފުރުސަތުގައި ބެންޒެމާ ވަނީ ފަސޭހަކަމާ އެކު ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.

ރެއާލް ފަހަތުން ހެދުނު ގޯހެއްގެ ފައިދާނަގައި މެޗުގެ 83 ވަނަ މިނިޓްގައި ވިސެންޓޭ އިބޯރާ ވަނީ ވިޔަރެއާލަށް ލަނޑެއް ޖަހައިދީފަ އެވެ. އިތުރު ގޯލެއް ޖަހަން ވިޔަރެއާލުން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ރެއާލްގެ ކުޅުންތެރިން އެ ޓީމުގެ ކޯޗު ޒިދާން އުފުލާލައިގެން. -- ފޮޓޯ: އޭއެފްޕީ

ރެއާލްގެ ކުޅުންތެރިން އެ ޓީމުގެ ކޯޗު ޒިދާން އުފުލާލައިގެން. -- ފޮޓޯ: އޭއެފްޕީ

ސްޕެއިނުގެ އިތުރުން ދުނިޔޭގެ ވެސް އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ޓީމު ކަމަށްވާ ރެއާލުން އެންމެ ފަހުން ލީގު ކާމިޔާބުކުރީ 2016/2017 ގެ ސީޒަނުގަ އެވެ. މި ސީޒަނުގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ އެ ޓީމަށް ޖެހިޖެހިގެން ތިން ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށް ފަހު 2018 ވަނަ އަހަރު އިސްތިއުފާ ދިން ޒިދާނެވެ. މިދިޔަ ސީޒަނުގައި ދެ ކޯޗުން ބަދަލުކުރުމަށް ފަހު ތިން ވަނަ ކޯޗަކަށް ޒިދާން ގެނައީ ފަހުކޮޅެވެ.

މިއީ ދެ ވަނަ ފަހަރަށް ރެއާލްގެ ކޯޗުކަމާ ހަވާލުވި ފަހުން ޒިދާން ނެގި ފުރަތަމަ ތަށްޓެވެ. ޒިދާން ލީގުގެ ކާމިޔާބީ އަށް ފަހު ރޭ ބުނީ 34 ވަނަ ފަހަރަށް ރެއާލުން ލީގު ޗެމްޕިއަންކަން ހޯދިއިރު މީގެ ތެރޭގައި އޭނާ އަށް ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ބައިވެރިވެވުމަކީ ޝަރަފެއްގެ ގޮތުގައި ދެކޭ ކަމެއް ކަމަށެވެ. ޒިދާން ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި ވެސް އެ ޓީމާ އެކު ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

ރޭ އޮސަސޫނާ އަތުން ބާސެލޯނާ ބަލިވިއިރު މިއީ ލީގުގައި އަމިއްލަ ދަނޑުގައި 43 މެޗަށް ފަހު ބަލިވި ފުރަތަމަ ފަހަރެވެ. މެޗުގެ 15 ވަނަ މިނިޓްގައި ހޯސޭ އަރްނައީޒްގެ ގޯލުން އޮސަސޫނާ ލީޑުނަގާފައިވަނިކޮށް ބާސެލޯނާ އަށް ދެ ވަނަ ހާފުގައި އެއްވަރުކޮށްދިނީ ހިލޭ ޖެހުމަކުން ކެޕްޓަން ލިއޮނަލް މެސީ އެވެ. އޮސަސޫނާ މޮޅުކޮށްދިން ގޯލު ޖެހީ އިތުރު ވަގުތުގައި ރޮބާޓޯ ޓޮރޭޒް އެވެ.

މި ފަހަރު ލީގުގެ ބޮޑު ބައިގައި ކަހަލަ ގޮތަކަށް ލީޑުގައި އޮތް ބާސެލޯނާ އަށް ލީގު ގެއްލުމުގައި ދިމާވި އެއް ސަބަބަކީ ސީޒަނުގެ މެދުތެރެއިން ކޯޗު ބަދަލުކުރުމެވެ. ޖެނުއަރީ މަހު ސުޕަ ކަޕްގެ ނާކާމިޔާބީ އަށް ފަހު އާނެސްޓޯ ވަލްވޭޑޭ ބަލިކޮށް ބާސެލޯނާގެ ކޯޗަކަށް ގެނައީ ކުރިން ރެއާލް ބެޓިސް އަށް އިރުޝާދުދިން ކީކޭ ސެޓިއެން އެވެ. އޭނާ އަށް އެ މަގާމާ ހަވާލުވެ އެކަށީގެންވާ މަސައްކަތެއް ނުކުރެވެ އެވެ.

ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުން ވަނީ ރަށުން ބޭރުގައި 2-0 އިން ގެޓަފޭ ބަލިކޮށްފަ އެވެ. ހަތަރެއްގައި އޮތް ސެވިއްޔާ އާއި ހަ ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.