Roadha Mihaaru
ކުޑަކުއްޖާގެ ހާލު ސީރިއަސްވި މައްސަލަ ބަލަން ފަށައިފި

ކުޑަކުއްޖާގެ ހާލު ސީރިއަސްވި މައްސަލަ އައިޖީއެމްއެޗުން ބަލަނީ

22 ޖެނުއަރީ 2018

އާދައިގެ ހުމެއް ކަމަށް ބަލައި، އައިޖީއެމްއެޗުން އެކަށީގެންވާ ފަރުވާ ނުދިނުމުން ކުޑަކުއްޖެއްގެ ހާލު ސީރިއަސްވި ކަމަށް ބުނާ މައްސަލަ އެ ހޮސްޕިޓަލުން ބަލަން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އާދައިގެ ހުމެއް ކަމަށް ބަލައި، އައިޖީއެމްއެޗުން އެކަށީގެންވާ ފަރުވާ ނުދިނުމުން ކުޑަކުއްޖެއްގެ ހާލު ސީރިއަސްވި ކަމަށް ބުނާ މައްސަލަ އެ ހޮސްޕިޓަލުން ބަލަން ފަށައިފި އެވެ.

ހަ އަހަރުގެ އައިޝަތު މިޝްޔާ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އައިޖީއެމްއެޗަށް ގެންދިޔައީ ހުން އައިސްގެންނެވެ. އަދި އެ ކުއްޖާ އަށް ފަރުވާ ދިނީ "އާދައިގެ ހުމެއް" ކަމަށް ބަލައިގެންނެވެ.

ނަމަވެސް މިޝްޔާގެ ހާލު ރަނގަޅު ނުވުމުން، ފަހުން ސްރީ ލަންކާ އަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން، މައިބަދަ އާއި ލޮލުގެ ނާރެއް ދުޅަވެ، ސިކުނޑި އަށް ސިގްނަލް ފޮނުުވުން ހުއްޓިފައިވާކަން ވަނީ އެނގިފަ އެވެ. އޭގެ ސަބަބުން އެއް އަހަރު ވާންދެން މިޝްޔާއަށް އެންޓިބޮޑީޒް ފަރުވާ ދޭން ޖެހިފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ.

އައިޖީއެމްއެޗްގެ ޑިރެކްޓަރު ޕަބްލިކް ރިލޭޝަންސް އަހްމަދު މައުސޫމް މިއަދު "މިހާރު" އަށް ވިދާޅުވީ އެ މައްސަލަ އާއިލާ އިން ރަސްމީކޮށް އެ ހޮސްޕިޓަލަށް ހުށަނޭޅި ނަމަވެސް، އެކަން ހިނގައިދިޔަ ގޮތް މިހާރު ބަލަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ރަސްމީކޮށް މިހާރު މި ދަނީ އެ މައްސަލަ ބަލަމުން. އެކަމާ ގުޅޭ ފައިލްތައް ބަލައި އެކަން ހިނގައިދިޔަ ގޮސް ސާފު ކުރަމުން މި އަންނަނީ،" މައުސޫމް ވިދާޅުވި އެވެ.

ފުއާދުގެ ހަ އަހަރުގެ ދަރިފުޅު މިޝްޔާ: އޭނާގެ ހާލު ސީރިއަސް

ފުއާދުގެ ހަ އަހަރުގެ ދަރިފުޅު މިޝްޔާ: އޭނާގެ ހާލު ސީރިއަސް

އޭނާ ކުރިން ވިދާޅުވީ މި މައްސަލައިގައި އިހުމާލެއް އޮތް ކަމަށް ވާނަމަ އެކަމުގެ ފިޔަވަޅު އަޅާނެ ކަމަށެވެ.

"މިހާރު"އާ ވާހަކަ ދައްކަމުން މިޝްޔާގެ ބައްޕަ، ފުއާދު އަހުމަދު ބުނީ ދަރިފުޅު ހުން އައިސްގެން އައިޖީއެމްއެޗަށް ގެންދިޔަ އިރު ދުލާއި ކަރުތެރެ ވަރަށް ބޮޑަށް ހުދުވެފައިވާ ކަމަށާއި އެކަމަކު އެއީ އާދައިގެ ހުމެއް ކަމަށް އައިޖީއެމްއެޗުން ނިންމައި، ގަދަކަމުން ނަމަވެސް އެ ކުއްޖާ އަށް ކާންދޭން އެންގި ކަމަށެވެ.

"ދަރިފުޅު ވަރަށް މަސައްކަތް ކުރި ކާން. ފެންބޯން ވެސް އުޅުނު. އެކަމަކު އެއްވެސް އެއްޗެއް އެ ކުއްޖާގެ އަރު ތެރެއިން ނުދިރޭ،" ދަރިފުޅަށް އިތުރު ފަރުވާ ދިނުމަށް ސްރީލަންކާގައި ހުރި ފުއާދު ބުންޏެވެ.

އޭނާ ބުނީ މިޝްޔާ އެ ހާލުގައި ހަތަރު ދުވަސް ވާންދެން އޮތް ކަމަށާއި އެކަމަކު ހަށިގަނޑުގެ ހަރަކާތް ކެނޑި ހާލު މާ ގޯސްވާން ފެށުމުން އިތުރު ފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ފޮނުވުމަށް ޑޮކްޓަރުގެ ހުއްދަ އަށް އެދުނު ކަމަށެވެ. އެކަމަކު ކުޑަކުޑަ ކަމެއް ބޮޑު ކުރަނީ ކަމަށާއި ބޭރަށް ގެންދިޔުމަކީ ބޭކާރު ކަމެއް ކަމަށް ބުނެ ޑޮކްޓަރު ރުޅިގަދަވެގެން އޭނާއާ ވާހަކަ ދެއްކި ކަމަށް ފުއާދު ބުންޏެވެ.

އައިޖީއެމްއެޗުން ދޫކޮށްލުމާއެކު ފުއާދު އޭނާގެ ދަރިފުޅު ގެންދިޔައީ ސްރީލަންކާގެ ނަވަލޯކާ ހޮސްޕިޓަލަށެވެ.

"އެތަނުގެ ޑޮކްޓަރުން ބުނީ ދަރިފުޅުގެ ކަރުތެރެ ވަަރަށް ބޮޑަށް އިންފެކްޓްވެފައިވާ ކަމަށް. މި އިންފެކްޝަންގެ ސަބަބުން ސިކުނޑި އަށް އެކަށީގެންވާ ވަރަށް ލޭ ނުފޮނުވި ސިކުނޑިން ސިިގްނަލް ފޮނުވުން ހުއްޓިފައިވާ ކަމަށް ވެސް ބުނި،" ފުއާދު ބުންޏެވެ.

އޭނާ ބުނީ ބަލީގެ ސަބަބުން ދަރިފުޅުގެ ލޮލާއި އަނގަ ނުހުޅުވޭ ކަމަށާއި ހަށިގަނޑުގެ ގުނަވަންތަކަށް ސިކުނޑިން ސިގްނަލް ނުފޮނުވާ ކަމަށެވެ. އަދި އެކަން ރަނގަޅު ކުރެވެން އޮތީ އެއް އަހަރު ވާންދެން އެންޓި ބޮޑީސް ޓްރީޓްމަންޓް ދީގެން ކަމަށް ފުއާދު ބުންޏެވެ.

އޭނާ ގަބޫލު ކުރާ ގޮތުގައި ދަރިފުޅުގެ ހާލު އެހާ ބޮޑަށް ދަށްވީ އާދައިގެ ހުމެއް ކަމަށް ބަލައި އައިޖީއެމްއެޗުން އަޅާ ނުލުމުންނެވެ. އެހެންވެ، އެއީ ސިއްހީ އިހުމާލުގެ މައްސަލައެއްގެ ގޮތުގައި ބަލައި، އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އޭނާ ބުންޏެވެ.