Roadha Mihaaru
ކުއްޖާ ސީރިއަސްވީ އައިޖީއެމްއެޗުގެ އިހުމާލުން: އާއިލާ

އައިޖީއެމްއެޗުގެ އިހުމާލު އެބައޮތް، ކުއްޖާ ސީރިއަސްވީ ޕެރަމޯލް ދީގެން: އާއިލާ

21 އޯގަސްޓް 2017

ހުން އައިސްގެން އައިޖީއެމްއެޗުން ފަރުވާ ހޯދި އަށް އަހަރުގެ ފިރިހެން ކުއްޖާގެ ހާލު ސީރިއަސްވީ އެ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ބުނެ އާއިލާ އިން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހުން އައިސްގެން އައިޖީއެމްއެޗުން ފަރުވާ ހޯދި އަށް އަހަރުގެ ފިރިހެން ކުއްޖާގެ ހާލު ސީރިއަސްވީ އެ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ބުނެ އާއިލާ އިން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އާއިލާ އިން ވާހަކަ ދެއްކި އާދަމް ނަސީރު މިއަދު ބުނީ ކުއްޖާގެ ހާލު ސީރިއަސްވެފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުވެ ފާޑުކިއުން އަމާޒުވުމުން، ދިފާއުގައި އައިޖީއެމްއެޗުން ބަޔާން ނެރުނީ ކަން ހިނގި ގޮތް ފޮރުވާފައި ކަމަށެވެ. އެ ކުއްޖާގެ ހާލު ސީރިއަސްވީ ހުން އައިސްގެން ދިއުމުން، ހުން ފިނިކުރަން ދިން ޕެރަމޯލްގެ ސަބަބުން ކަމަށް ވެސް އޭނާ ބުންޏެވެ.

ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯ އިން ފެންނަ ގޮތުގައި އެ ކުއްޖާގެ ހަށިގަނޑު އޮތީ ފިހިފައި ކަހަލަ ގޮތަކަށެވެ. ހަށިގަނޑުގެ ބައެއް ތަންތަނުން ހަން ވެސް ނެއްޓިފައިވެ އެވެ.

ހުން އައިސްގެން ފަރުވާ ހޯދި ކުއްޖާގެ ހަށިގަނޑުން ފޮޅުތައް ނަގާފައި. ސްރީ ލަންކާގައި ފަރުވާ ދެމުން އަންނަ މި ކުއްޖާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން.

ހުން އައިސްގެން ފަރުވާ ހޯދި ކުއްޖާގެ ހަށިގަނޑުން ފޮޅުތައް ނަގާފައި. ސްރީ ލަންކާގައި ފަރުވާ ދެމުން އަންނަ މި ކުއްޖާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން.

ނަސީރު ބުނި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު އެ ކުއްޖާ ޑޮކްޓަރަށް ދެއްކުމުން ޕެރަމޯލް އާއި އިތުރު ބޭސްތަކެއް ދީފައި ގެއަށް ފޮނުވާލީ އެވެ. ޑޮކްޓަރު ލިޔެދިން ގޮތަށް އެ ބޭސް ދިނުމުން ވެސް ހުން މައިތިރި ނުވެ، އަނގައިގައި ފޮޅުތަކެއް ނަގަން ފެށުމުން ޖެހިގެން އައި ދުވަހު ހޮސްޕިޓަލަށް ދިއުމުން އެޑްމިޓް ކުރީ ކަމަށް އޭނާ ބުންޏެވެ.

"އެ ދުވަހު ބަލާފައި ބުނީ އެލާޖިކް ރިއެކްޝަނެކޭ، އެޑްމިޓްކުރާނީއޭ. އެޑްމިޓްކޮށްގެން ވެސް ހާލު ރަނގަޅެއް ނުވި، މުޅި މީހާ ފިހިފައި ކަހަލަ ގޮތަކަށް އޮތީ. ހޮސްޕިޓަލުން ބުނީ ހަތް ދުވަސް ވަންދެން ގޯހޭ ވާނީ. އެއަށް ފަހު ގައިގައި ހުރި ހަންތައް ވެސް ނެއްޓޭނެއޭ،" އާދަމް ނަސީރު ބުންޏެވެ.

އާސަންދަ އެހީގައި ރާއްޖެ އިން ބޭރަށް އެ ކުއްޖާ ފޮނުވައިދޭން އާއިލާ އިން އެދުނީ، ނަސީރު ބުނިގޮތުގައި، ހޮސްޕިޓަލުގައި ބާއްވައިގެން ހާލު އިތުރަށް ގޯސްވަމުންދާތީ އެވެ. އެކަމަކު އެއީ، ރާއްޖެ އިން ރަނގަޅު ފަރުވާ ކުރެވޭނެ ކަމެއް ކަމަށް ބުނެ އެހީ ހަމަޖައްސައިދޭން ހޮސްޕިޓަލުން ދެކޮޅު ހެދި ކަމަށް ވެސް އާއިލާ އިން ބުނެ އެވެ.

"ހޮސްޕިޓަލުގެ ފަރުވާކުޑަވީމަ އާއިލާ އިން ބޭނުންވީ ރާއްޖެ އިން ބޭރަށް ދާން. ސްރީ ލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގައި ފަރުވާދީ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން،" ނަސީރު ބުންޏެވެ.

އެ ކުއްޖާގެ ހާލު ސީރިއަސްވީ ވަކި ބޭހެއް ދީގެން ނޫން ކަމަށް ހޮސްޕިޓަލުން ބުނާ ވާހަކަ އާއިލާ އިން ދޮގުކުރެ އެވެ.

އައިޖީއެމްއެޗުން ބުނެފައިވާ ގޮތުގައި، އެ ކުއްޖާ އަށް ފަރުވާ ދޭން ފެށީ ސްޓީވަންސް ޖޯންސަން ސިންޑްރޯމްގެ ސަބަބުންނެވެ. މިއީ، ބައެއް ބޭސް ބޭނުން ކުރުމުގެ ސަބަބުން ވަރަށް މަދުން ނަމަވެސް އެ ބޭހެއް ބޭނުންކުރާ ކުއްޖަކަށް ނުވަތަ މީހަކަށް އަންނަ އެލާޖިކް ރިއެކްޝަނެއް ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

"މިފަދަ ރިއެކްޝަނަކީ ވަކި ބޭހެއް ނުވަތަ ވަކި ބްރޭންޑެއްގެ ބޭހެއް ވެގެން ވާނެ ކަމެއް ނޫން،" އައިޖީއެމްއެޗުގެ ބަޔާނުގައިވެ އެވެ.

އެ ކުއްޖާގެ ބަލި ހާލަތުގެ މައުލޫމާތު އާއިލާ އަށް އައިޖީއެމްއެޗުން ދެމުން ގޮސްފައިވާ ކަމަށާއި އެފަދަ ކަންކަމަކީ ހޮސްޕިޓަލްގެ ނުވަތަ ޑޮކްޓަރުގެ އިހުމާލުން ދިމާވި ކަމެއް ކަމަށް ބުނެ މައުލޫމާތު ނުފެތުރުމަށް އެ ބަޔާނުގައި އިލްތިމާސް ކޮށްފައިވެ އެވެ.